ޕާޓީއިން ވަކިކޮށްފާނެތީ ކަންބޮޑުނުވާކަމަށާއި، ގެއްލުނު ކަނޑުގެ ސަރައްހައްދު ހޯދަން ކުރަންޖެހޭ ކަންތައްތައް ކުރާނެކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ކަނޑު ވިއްކުމާއި ދެކޮޅަށް މަސައްކަތްކުރުމަށް އެކުލަވާލާފައިވާ އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ ހިޔާލު ތަފާތުވުން އޮތް ނަމަވެސް، އެ އިއްތިހާދުން ނިކުމެ ތިބީ ވަރަށް މާތް މަގްސަދެއްގައިކަމަށެވެ. ޗާގޯސްގެ މައްސަލައިގައި ވަކި ގައުމަކުން ކަނޑު ގަތީކަމަށް ގަބޫލުނުކުރައްވާކަމަށާއި، މިފަދަ ހިޔާލުތަފާތުވުންތައްވެސް އޮތީ އެއް މަގްސަދެއްކަމަށް އާޒިމް ވިދާޅުވިއެވެ.
ރާއްޖޭގެ ކަނޑުން ބައެއް ގެއްލިއްޖެކަމަށާއި، ނޫނީ ސަރުކާރުން ކަނޑުގެ ބައެއް ދޫކޮށްލައިފިކަމަށް ތުހުމަތުކޮށް، ރާއްޖެއިން ބައެއް މަދުވެގެން އުޅޭކަން ހުރިހާ ދިވެހި ރައްޔިތުން ގަބޫލުކުރާކަމަށް އާޒިމް ވިދާޅުވިއެވެ.
ކަނޑުން ބައެއް މަދުވެއްޖެކަން ސާބިތުވީ އެއްކަމަކީ، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މުޅި ކެބިނެޓާއިއެކު ނުސްވެރިންގެ ބައްދަލުވުމެއް ބޭއްވުމުންކަމަށް އާޒިމް ވިދާޅުވިއެވެ. މިއުޅޭނީ ވަރަށް ބޮޑު ދެރައެއް ލިބިގެންކަން މިކަމުން ސާފުވާކަމަށް އާޒިމް ވިދާޅުވިއެވެ.
ރާއްޖެއިން ބައެއް ގެއްލިޖެ، އެބައި ހޯދަން ޖެހޭ. އެއީ ކުރިން އެތަނަށް މަހަށްދިޔަ ފަރާތްތަކަކަށް މިހާރު މަހަކަށް ނުދެވެ. އެހެންވީމަ އެބަ އިނގޭ ކޮންމެސް ގޯހެއް ވެގެން އުޅޭކަން. އެހެންވީމަ އެވާހަކަ ކޮންމެ ގޮތަކަށް ފޮރުވަން އުޅުނަސް އަޅުގަނޑު ގަބޫލެއް ނުކުރަން.
މި މައްސަލައިގައި ސަރުކާރު ބަދުނާމުވާ ގޮތަށް ހަބަރުތައް ނުގެނެސްދިނުމަށް ނޫސްވެރިންނަށް ސަރުކާރުން ފައިސާދޭކަމަށް އާޒިމް ވިދާޅުވިއެވެ. ރާއްޖެއަށް ގެއްލުނު ބައިގެ ވާހަކަ ނުލިއުމަށް ސަރުކާރުން މީޑިއާތަކަށް އަންގާކަމަށް އާޒިމް ވިދާޅުވިއެވެ.
މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަށްވެސް ވަރަށް ގިނަ ކަންކަމުގެ މަސްއޫލިއްޔަތު އެޅޭކަމަށާއި، ކަނޑުގެ ސަރަހައްދާއި ބެހޭ ގޮތުން ކަމެއް ކަނޑައެޅުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށް އެކަނިކަމަށް އާޒިމް ވިދާޅުވިއެވެ. ސަރުކާރުން ކޮށްފައިވާކަމަކީ އެކަންކުރުމުގެ ބާރު ސަރުކާރަށް ލިބިފައިނުވާކަމެއްކަމަށް އާޒިމް ތުހުމަތުކުރެއްވިއެވެ.
އާޒިމް ވިދާޅުވީ މިފަދަކަމެއް ސަރުކާރުން ކޮށްފައިވަނިކޮށް، ޕާޓީއިން ފިޔަވަޅު އަޅާފާނެކަމަށް ބިރުން އެކަމާއި ބެހޭ ގޮތުން ވަކާލާތުނުކުރައްވާ ނުހުންނަވާނެކަމަށެވެ. އަދި އެއީ އޭނާ ކަންބޮޑުވާކަމެއް ނޫންކަމަށް އާޒިމް ވިދާޅުވިއެވެ. ރާއްޖެއަށް އުނިވި ބައި ހޯދުމަށް ކުރައްވަންޖެހޭ ކޮންމެކަމެއްވެސް ”ފިކުރެއްގެ ދިރުން“ ފަރާތުން ކުރައްވާނެކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

