ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުގެ ރޯލްވެސް އެމްޑީޕީއަށް! ޕީޕީއެމް ގެ ދައުރަކީ ކޮބާ ؟

ސިޔާސީ ޕާޓީތަކުގެ ސަޕޯޓަރުން އެ ޕާޓީ ތަކުގެ އެއްވުންތަކުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުން މައި ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މި ކުރަނީ ކީއްތޯއެވެ؟

މިއީ ފަހަކަށް އައިސް ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންގެ ތެރޭގައި ކުރެވެމުންދާ ސުވާލެކެވެ. އިދިކޮޅުން ހިންގަމުންދާ “އިންޑިއާ އައުޓް” ހަރަކާތުން ފެށިގެން ޗާގޮސް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާއި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު މިނިވަންކޮށް ރިޔާސީ އިންތިހާބަށް ވާސިލު ވުމަށް ކުރަމުންދާކަމަށް ބުނަމުންދާ މަސައްކަތްތައްވެސް އަދި އޮތީ ފެނުގައެވެ.

ސަރުކާރުގެ ގިނަ މައްސަލަތަކެއް ހުރިކަމުގެ ވާހަކަތައްވެސް ދައްކައެވެ. ވައްކަން ކުރުމުގެ ތުހުމަތުތަކާއި އެހެނިހެން ބޮޑެތި މައްސަލަތައްވެސް ފެންމަތިކުރެއެވެ.

އެހެނަސް އެކަމުގެ ސަބަބުން ނަތީޖާއެއް ނުކުމެގެން އަންނަ މަންޒަރެއް ނުފެނެއެެވެ. ރައްޔިތުންގެ މަޖިލީހުގައިވެސް އިދިކޮޅުގެ އިސް މެމްބަރުން ތިއްބަވާއިރު، ޖީއެސްޓީ ބޮޑުކުރުމާއި ދެކޮޅަށް ކުރި މަސައްކަތްތައް އަދި ހަރަދަށް ޒިންމާކުރުވުމާއި އެހެނިހެން މުހިންމު މައްސަލަތަކުގައިވެސް މެމްބަރުން ކުރައްވަމުންދާ މަސައްކަތްތަކުގައި އެއްވެސް ބުރަދަނެއް ހުރިހެންނެއްވެސް ހީނުވެއެވެ.

އަގުލަބިއްޔަތު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަތްފުޅުގައެވެ. އެ ވާހަކަތައް އެމަނިކުފާނުވަނީ ޝަރަފާއިއެކު ފާހަގަކުރައްވާފައެވެ.

އިދިކޮޅުން ހުށައެޅި ކޮންމެ ބިލެއް ގަރާރެއް އަދި ކުއްލި މައްސަލައެއްވެސް ކުރަނީ ތަޅުމުން ބޭރެވެ. މަޖިލީހުގައި ތިއްބަވާ އިދިކޮޅުގެ މެމްބަރުން މަދުކަމަށްވުމުން ކުރެވޭކަމެއްވެސް ނޯވެއެވެ.

އިދިކޮޅުން މަގުމަތީގައި ހިންގާ ހަރަކާތްތައްވެސް ފެށި އިރާއި ބަލައި ފަނޑުވެގޮސްފިއެވެ. މިހެންގޮސް މިއަދު އިދިކޮޅަށް އެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގެ މަތިން ނުކުރެވޭކަމަށް ނުވަތަ އެ ގާބިލުކަން ނެތްކަމަށް ބުނެ އާންމުންގެ ތެރޭގައި އެ ވާހަކަތައް ފާހަގަކުރާއިރު، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ތެރޭގައި ރިޔާސީ ކެނޑިޑަސީ އާއި ގުޅިގެން އުފެދިފައިވާ މައްސަލަތަކުގެ ތެރެއިން ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމަނިކުފާނުގެ ބައިވެރިންގެ ގޮތުގައި ފާހަގަކޮށްލެވޭ މެމްބަރުންދަނީ ސަރުކާރުން މަޖިލީސް މެދުވެރިކޮށް ސަރުކާރަށް އެކި ގޮތް ގޮތުން ލޮޅުންތައް ގެންނަމުންނެވެ.

މިއަދު ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ޓީމުން މަސައްކަތްކުރަމުންދަނީ މުޅިން އާ ޕާޓީއެއް ރާއްޖޭގައި އުފެއްދުމަށްކަމަށްވުމުން އިދިކޮޅުގެ ރޯލު އަދާކުރާނެ ބައެއްގެ ގޮތުގައި އެ ޕާޓީ އުފެދުމުގެ ކުރިންވެސް ފާހަގަކުރެވިއްޖެއެވެ.

މަޖިލީހުގައި އިންނަވައިގެން ޖީއެސްޓީ ބޮޑުކުރުމުގެ ބިލު ފާސްވެ ނުދިނުމަށް ރައީސް ނަޝީދު އަދި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުން ހުރަސްތަކެއް އެޅުއްވިއިރު، ބަޖެޓު ފާސްކުރުން، އަދި ދިވެހިރާއްޖޭގެ އިގްތިސާދީ ސިނާއަތާއި، ރާއްޖޭގެ މާލީ ހާލަތާއިމެދުވެސް ކަންބޮޑުވުން ފާޅުކުރާ އަޑު އެވެރިންދަނީ ގަދަ ކުރަމުންނެވެ.

އެމްޑީޕީގެ އިސް ސަފުގައި އެތައް އަހަރުތަކެއް ތިއްބެވުމަށްފަހު، ޕާޓީއާއި ވަކިވެވަޑައިގަތް މެމްބަރުން ވަކިވެވަޑައިގަތީ އެ ޕާޓީގެ އަސްލު އޮޅި ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ތެރޭގައި ހިންގަމުންދާ ނޭދެވޭ އަމަލުތައް ހުއްޓުވުމަކަށް ގެނައުމަށާއި ސަރުކާރު ޒިންމާދާރު ކުރުވާނެކަމަށް އެތައް ފަހަރެއްގެ މަތިން އެކި ގޮތް ގޮތުން ފާހަގަކުރެއްވުމަށް ފަހުކަމަށެވެ. އެހެންކަމުން މިއަދު ޕީޕީއެމްގެ ކޯލިޝަން އިހުނަށްވުރެވެސް ވެރިކަމުގެ ތާޖާއި ދުރުވެއްޖެއެވެ.

ސައްހަ ރިޔާސީ ކެނޑިޑޭޓެއް ހުރިކަމާއިމެދު ސުވާލު އުފެދިފައިވާއިރު، އެ ޕާޓީއަށް ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލަގަބުވެސް ހިފެހެއްޓިދާނެކަމާއިމެދު މިއަދު ސުވާލު އުފެދިއްޖެއެވެ.

އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީއިންވެސް ރިޔާސީ އިންތިހާބުގެ މަސައްކަތްތައް ފައްޓާފައިވާއިރު، އަދިވެސް އިދިކޮޅުން މަސައްކަތްކުރަމުންދަނީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޔާމީންގެ ނަން ވޯޓު ކަރުދާހުގައި އޮތްކަން ކަށަވަރު ކުރުމަށެވެ. އަދި އެމްޑީޕީގެ ތެރޭގައި އޮތް މައްސަލައިގައިވެސް އެ ޕާޓީ ޝާމިލުވެފައިވާކަން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެ ޕާޓީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން ހުންނެވުމުން ސާފުވެގެންދެއެވެ.

އެހެންކަމުން މިއަދު ރާއްޖޭގެ ވެރިކަން ކުރުމާއި ރާއްޖޭގެ ވެރިކަން ކުރާ ފަރާތްތައް ޒިންމާދާރު ކުރުމުގެ މަސްއޫލިއްޔަތުވެސް އެމްޑީޕީއިން ހަވާލުވީތޯ ސުވާލު އުފެދެއެވެ.

އިދިކޮޅުގެ ރޯލު އަދާކުރުމާއި ވެރިކަން ކުރާނީވެސް އެ ޕާޓީއިންތޯ ސުވާލު އުފެދެއެވެ. ކަން މިހެން ދިމާވަނީ އެތަކެއް ސަބަބުތަކަކާވެސް ލައިގެންނެވެ. ސަރުކާރުގެ ސިޔާސަތުތައް ބޮޑުތަނުން ފެއިލްވާ މަންޒަރު އިދިކޮޅަށްފެނި އެކަމާ ވާހަކަ ދެއްކުމުގެ ބަދަލުގައި އަމިއްލަ އެޖެންޑާ ތަކާއި ލީޑަރު މިނިވަން ކުރުމަށް ޖަހާ ސަކަރާތުގައި ޕާޓިތެރެ އެކީ މަސްހުނިވެ ނިމިފައިވާތީއެވެ. މިއަދު އިދިކޮޅުގެ ރިޔާސީ ޓިކެޓް ބަތްކައްކާ ކުޅޭ އުސޫލުން، ބޯޅަ ފުއްގަނޑެއްހެން ހިލުވާތަން ފެނިގެންދަނީ އެ ބޭނުން ނުވާ އެކަކުވެސް ޕާޓީގައި ނެތުމުން ކަމަށް ވެދާނެއެވެ.

އެގޮތުން މާލޭގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ޓިކެޓް ހޯދުމަށް ފާޅުގައި މަސައްކަތް ކުރާ ކަމަށް ޕީޕީއެމް އެތެރެއިން ބުނަމުންދާއިރު ރައީސް ޔާމީނާއި މިހާރު މިނިވަންކޮށްތިބި ޕީޕީއެމްގެ ލީޑަރޝިޕާއިދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ކަމަށް ބެލެވިދާނެއެވެ. އެގޮތުން ރައީސް ޔާމީންގެ ނޯޓެއް ލީޑަރޝިޕުން ވީދާލި ވާހަކަތަކެއް ފެންމަތިވެގެންގޮސް އެވާހަކަ ޕާޓީން ދޮގުކޮށް އެކަމުގައި ދެބަސްވުމަކަށް ދިޔަތަން މާޒީގައި ފެނިގެންގޮސްފިއެވެ.

ރައީސް ޔާމީންވެސް ހަމަ އެދުވަސްވަރު ޕާޓީގެ އާއްމު މެމްބަރުން ހިތްވަރު ގަދަކޮށް ތިބުމަށް އިލްތިމާސްކުރި މެސެޖް ހިއްސާކުރެއްވީ އެބޭފުޅާގެ އަމިއްލަ ދަރިކަލުން ޒައިން ޔާމީން މެދުވެރިކޮށް ކަމަށްވުމުން ރައީސް ޔާމީން އާއި ލީޑަރޝިޕްގެ ގުޅުން ހީނަރުވެފައިވާ ބުނެ ދެކެވޭ ވާހަކަތަކުގައި ކުލަޖެހިގެންދެއެވެ. މީގެ އިތުރުން މިއަދު ހަގީގަތުގައި އިދިކޮޅުގެ ފިކުރަކީ ކޮބައިކަމާމެދު ސުވާލު އުފެދެއެވެ.

ސަބަބަކީ އެމްޑީޕީގެ އެންމެ އިސް ސަފުގައި ތިއްބަވައިގެން އެތަކެއް އަހަރު ހިދުމަތްކޮށްފައިވާ މެމްބަރުންނަށް މިއަދު އިދިކޮޅުން ޖާގައޮތް ކަމަށް ބުނަމުންދާތީއެވެ. އެކަމުގެ މިސާލެއްގެ ގޮތުން، ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދާއި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ޕީޕީއެމް އާއި ގުޅުމަށް ގޮވާލައްވައި އެކަމަށް މަރުހަބާ ކިޔާފައެވެ. ނަމަވެސް އެދެ މެމްބަރުންނަކީ އެމްޑީޕީގެ ފިކުރު އުފަންކުރުމުގައި އިސްކޮށް އުޅުނު ދެބޭފުޅުން ކަމަށްވެފައި އެބޭފުޅުންގެ ފިކުރަށް އަމިއްލަ ޕާޓީން ޖާގަ ދިނުމުގެ ހިޔާލު އާދަމް ޝަރީފްގެ ހުރުމުން ޕާޓީގެ އަމާޒާއި މެދު ސުވާލު އުފެދެއެވެ.

މިއަދު އިދިކޮޅުން ބުނަމުންދަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމާއި ލީޑަރު މިނިވަން ކުރާނެ ކަމަށެވެ. ނަމަވެސް މުސްކުޅިން ބުނާ ހަރު ބަހެއްގައި ވާހެން ނުރޯ ދަރިއަކަށް ކިރެއް ނުލިބޭނެއެވެ.

އެކަމަށް އެދި މަސައްކަތް ކުރުމެއް ނެތި އެކަމުގެ ވާހަކަ ދެއްކުމަށްވުރެ މުނާފިގު ސިފައެއް ނެތް ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ރައީސް ޔާމީންގެ ޣައިރު ހާޒިރުގައި އިދިކޮޅުގެ މިސްރާބެއް ނެތްކަމަށް ފާހަގަކުރެވޭއިރު، އެމްޑީޕީގެ ތެރެއިން އުފެދިފައިވާ ފިކުރެއްގެ ދިރުމުން އިދިކޮޅު ކޯލިޝަނަށް ވުރެ ރަނގަޅަށް ސަރުކާރު ޖަވާބުދާރީ ކުރުވަމުންދާތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް އިން ވެސް އަލަށް އުފެދޭ އިދިކޮޅު ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ފަހަތަށް އަރާފާނެ ކަމާއި މެދު ސުވާލު އުފެދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: