ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައުމޫނީ ފިކުރު ނިމުމާއި ނަޝީދުގެ ފިކުރުގެ ފެށުން، އިއްތިފާގަކަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދަކީ ތާރީހުގެ ސަފްހާތަކުން ޖާގަ ހޯދާނެ ދުވަހެކެވެ. މިއަދު ކުރީގެ ދެރައީސުން ކަމަށްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްއާރުއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސިޔާސީ ހަޔާތަށް މިވަނީ އިންގިލާބެއް އައިސްފައެވެ.

ރައީސް މައުމޫންގެ މޭސްތިރިކަމުގެ ދަށުން އުފެއްދި ޕާޓީ، މެމްބަރުން ހަމަ ނުވުމުގެ ސަބަބުން މިއަދު އުވާލެވިފައިވާއިރު ރައީސް ނަޝީދުގެ މާލިމީ ކަމުގެ ދަށުން އުފައްދަވަން ގަސްތު ކުރައްވާ ޕާޓީ ”ދަ ޑިމޮކްރަޓްސް“ އުފެއްދުމަށް ހުއްދަ ލިބިގެން ދިޔައީ 2023 ވަނަ އަހަރުގެ މެއި މަހުގެ 24 ވީ ބުދަ ދުވަހު އެވެ. އެހެންކަމުން މިއީ އިއްތިފާގަކަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސިޔާސީ ގިނަ ފަރާތްތަކުން ބުނެއެވެ.

މާޒީއަށް ބަލައިލާއިރު، ރައީސް މައުމޫނާއި ރައީސް ނަޝީދަކީ އެއް ދުވަސް ވަރެއްގައި ސިޔާސީ މައިދާނުގެ މެދު އުޑުގައި ފިޔަ ޖަހަމުން ބަނބުޅަމުން ދިޔަ ދެ ޝަހްސިއްޔަތެވެ. އެ ދެ ބޭފުޅުންނާއި ވާދަ ކުރެވޭ ވަރުގެ އެހެން ބޭފުޅެއް ނެތް ދުވަސްވަރެއް ވެސް ދިޔައެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ތާއީދު ލިބިފައިވާ ސިޔާސީ ދެ މުފައްސިރުންނެވެ. ނަމަވެސް މިއަދު މަންޒަރު ވަނީ ބަދަލުވެ ނިމިފައެވެ.

ރައީސް މައުމޫނު، ފުރަތަމަ ޑީއާރުޕީ އުފައްދަވައި އެޕާޓިގައި ދުވަސްކޮޅަކު ހުންނަވައި ޕާޓީ ތެރޭގައި ހިނގާދިޔަ ހައިޖާނު ތަކެއްގައި ޕާޓީ ދޫކުރައްވައި ޕީޕީއެމް އުފެއްދެވިއެވެ. ޕީޕީއެމްގައިވެސް އެމަނިކުފާނަށް އެދެވޭ ކާމިޔާބީ ތަކެއް ހާސިލް ނުކުރެވި އެމަނިކުފާނުގެ ބަސް ނުވިކޭ ހިސާބުން ޕާޓީ ދޫކުރައްވައި އެމްއާރުއެމްގެ ނަމުގައި މުޅިން އެހެން ސިޔާސީ ޕާޓީއެއް އުފެއްދެވިއެވެ. އެއީ ރައީސް މައުމޫން އުފެއްދެވި ތިން ވަނަ ސިޔާސީ ޕާޓީއެވެ. އުފަން ކުރުވަން މަސައްކަތް ކުރެއްވި އެ މަނިކުފާނުގެ ތިން ވަނަ ފިކުރެވެ.

30 އަހަރުގެ ވެރިކަމުގެ ޝެހެންޝާހާއި ޝާނާއި ޝައުކަތުތު ލިބި ވެރިކަމުގެ އާރާއި ބާރުގައި ހުންނަވައި އެ ތަހުތު ދޫކުރައްވައި ވަޑައިގެން ތިން ވަނަ ޕާޓީއެއް ހެދީ ސިޔާސީ ގޮތުން ތާއީދު ނެތުމުންތޯ ނުވަތަ އެބާރުވެރިކަން ނެތިގެންތޯ ސުވާލު އުފެދެއެވެ. މިއަދު އަދި އެންމެ ހިތްދަތި އިހުސާސެއް އެމަނިކުފާނާއި އެމަނިކުފާނުގެ ޕާޓީގެ މެމްބަރުންނަށް ކުރުވަނީ ޕާޓީ އުފެއްދުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަނުވުމުގެ ސަބަބުންނެވެ. ފަހަރުގައި މިއީ ރައްޔިތުންގެ ތާއީދު ކުޑަ ވެގެން ދިމާވި ކަމެއް ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ޕާޓީ އުވާލާކަން ގަބޫލުކުރަން ދެކޮޅު ހަދައި އިލެކްޝަންސް ކޮމިޝަންގެ ބޮލުގައި ކޮރަޕްޝަންގެ ތުހުމަތު އަޅުގައި ޕާޓީގެ ރައީސް އަދި މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫން ވިދާޅުވީ އެ ނިންމުން ބަދަލު ކުރާނެ ކަމަށެވެ. އަދި އެކަމަކީ ރޭވިގެން ކޮށްފައިވާ ކަމެއް ކަމަށެވެ. ފަހަރުގައި ފާރިޝްގެ ތުހުމަތު ރައީސް ނަޝީދު އުފައްދަވާ ޕާޓީއަށް އަމާޒުވުމަކީ ވުން އެކަށީގެންވާ ކަމެކެވެ.

ދެން އޮތީ ރައީސް ނަޝީދުގެ ވާހަކައެވެ.

ރައީސް ނަޝީދު އެމަނިކުފާނުގެ ސިޔާސީ ހަޔާތް އެމްޑީޕީގައި ހުންނަވައި އެ ޕާޓީ ދޫކޮށް ދިއުމުގެ ވާހަކަ ދައްކަވަން ފެށީ ޕާޓީގެ ރިޔާސީ ޕްރައިމަރީން ބަލިވި ހިސާބުންނެވެ. ރައްޔިތުންނަށްޓަކައި ޖަލުގެ ކުޑަގޮޅި އާއި އަނދަގޮޑި އާއި ފުލުހުންގެ މުގުރާއި އަނިޔާއަށް ކެތް ކުރެއްވި ބޭފުޅާ އަށް ވެރިކަން ނުލިބުމުން ކެތް ކުރަން ދަތިވީ ކަމަށް އެމަނިކުފާނާ ދެކޮޅު މެމްބަރުން ބުނަން ފަށައިފިއެވެ.

ރައީސް ނަޝީދު ވެރިކަމުގެ ތަހުތު ދޫކުރައްވައި ވަޑައިގަތީ 3 އަހަރާއި 6 މަސްދުވަސް ވޭތުކުރުމަށް ފަހުގައެވެ. ވެރިކަން ދޫކުރެއްވީ ބަޣާވާތަކުން ކަމަށް ވިދާޅުވެ އެކަމުގެ ތަހުގީގުތައް ހިންގައި އެއީ ބަޣާވާތެއް ނޫން ކަމަށް ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) އިން ނެރުނު ރިޕޯޓްގައި ވެއެވެ. ނަމަވެސް ރައީސް ނަޝީދުގެ އަމިއްލަފުޅު ޕާޓީ އެމްޑީޕީން ވަކާލާތު ކުރަމުން ދިޔައީ އެއީ ބަޣާވާތެއް ކަމަށެވެ.

އެމްޑީޕީއަށް ވެރިކަން ނުލިބި 7 އަހަރު ދުވަހު މަގުމަތީގައި މުޒާހަރާ ކުރުމުގައި އަދި އެދުވަސްވަރު ވެރިކަމުގައި އޮތް ބައެއްގެ އިދިކޮޅުގައި ދުވަސްތައް ވޭތުކުރިއެވެ. މިނިވަން އިންސާފުވެރި އިންތިހާބެއް ހޯދުމަށް އެދި އެކި މަސައްކަތް ކޮށް އެންމެ ފަހުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސާލިހް އެމްޑީޕީން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރުނެވެ.

އިންތިހާބު ރައީސް ސާލިހް ކާމިޔާބު ކުރައްވުމާއެކު ރައީސް ނަޝީދު ރައީސް ސާލިހަށް މަރުހަބާ ދެންނެވިއެވެ. އަދި އެއަށް ފަހު ޖެހިގެން އައި އަހަރުގެ މަޖިލިސް އިންތިހާބުގައި ރައީސް ނަޝީދު މާލޭގެ މައްޗަންގޮޅި މެދު ދާއިރާގެ ޕްރައިމަރީގައި ވާދަކޮށް އެދާއިރާގެ އެމްޑީޕީގެ ޓިކެޓް ހޯއްދަވައި އިންތިހާބު ކާމިޔާބު ކުރެއްވިއެވެ. އެއަށްފަހު މަޖިލީސް ރައީސްަކަންވެސް ހޯއްދެވިއެވެ. ރައީސް ނަޝީދު މަޖިލިސް އިންތިހާބުގައި ގެންދެވީ އެމްޑީޕީގެ ފަރާތުން ވާދަކުރި ހުރިހާ ކެންޑިޑޭޓުންގެ ކެންޕޭންތައް ލޯންޗް ކޮށްދެއްވަމުންނެވެ. ފަހަރުގައި އެއީ އެމަނިކުފާނުގެ ކެމްޕޭން ކުރުމަށް ބޭނުން ކުރެއްވި އުކުޅެއް ކަމަށްވެސް އެމަނިކުފާނަށް ފާޑު ވިދާޅުވާ ފަރާތްތަކުން ބުނެފައިވެއެވެ.

މަޖިލީހުގެ ރައީސް ހޮވުމަށް އެމްޑީޕީ ތެރޭގައި ގިނަ ނަންތަކެއް ހުށަހެޅުނު ނަމަވެސް އެންމެ ފަހު ވަގުތު ސުޕަރ މެޖޯރިޓީގެ އެހީއާއި އެކު ރައީސް ނަޝީދު އިންތިހާބު ކުރެވިގެންދިޔައެވެ.

ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ކާމިޔާބީ ކުލަގަދަކޮށް ފާހަގަ ކުރިއެވެ. ނަމަވެސް ހަތަރުވަނަ އަހަރު ރައީސް ނަޝީދު ސަރުކާރާއި ދެކޮޅުވެ ރައީސް ސާލިހާއި ދެކޮޅަށް ފާޅުގައި މަސައްކަތް ކުރަން ފެށިއެވެ.

ފިކުރެއްގެ ދިރުމުގެ ނަމުގައި ޕާޓީގެ ގޮފިތަކެއް ހަދައި ފޯމް ތަކެއް ފުރައި ސިޔާސީ ކޮންމެވެސް ކަހަލަ ހަލަބޮލި ކަމެއް ގެނައުމަށް މަސައްކަތްތަކެއް ކުރިއެވެ.  އެ މަަސައްކަތުގެ ނަތީޖާ އެއްގެ ގޮތުން އެމްޑީޕީ ދެބައިވެ ސަރުކާރު ތެރެއިން ރައީސް ނަޝީދުގެ ބޭފުޅުން ވަކިކޮށް ފެއަށް ޖައްސައި އެންމެ ފަހުން އެމްޑީޕީން ވެސް ރައީސް ނަޝީދުގެ އަރިސް މެމްބަރަކު ވަކި ކުރިއެވެ. އަދި އެމެމްބަރު ވަކި ކުރުމާއެކު އެކުގައި 12 މެމްބަރުން ވަކިވެގެން ދިޔައެވެ.

މިއަދު އަނެއްކާވެސް އިވިގެންދަނީ ސުވާލުން ފުރިގެންވި ހައިރާން ކުރުވަނިވި ހިތަށްވެސް ނާރާ ވާހަކައެކެވެ. ރައީސް ނަޝީދު އެހެން އައު ސިޔާސީ ޕާޓީއެއް އުފައްދަވާ ވާހަކައެވެ. ފަހަރުގައި މައުމޫނަށް ޖެހުނު ދަތުރު ރައީސް ނަޝީދަށް ނުޖެހޭނެ ބާއޭ ބުނެ ސިޔާސީ މަސްރަހު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ސުވާލު އުފައްދަން ފަށައިފިއެވެ.

ރައީސް ނަޝީދުގެ މި އަމަލުން ސަރުކާރުގައި ރެނދުލައިފިއެވެ. އެމްޑީޕީގައި  އެޅުނު ބާގަނޑު ފޫބެއްދުމަށް މިއަދު ވަނީ ދަތި ކަމަކަށް ވެފައެވެ. އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވި ގޮތުގައި މެމްބަރުން އެއްކޮށް އެކަތިގަނޑަކަށް ހެދުމުގައި އެމަނިކުފާނު ވަނީ ފެއިލްވެފައެވެ. އަދި އެމްޑީޕީ އެއް ކުރެވެން އޮތީ ރައީސް ނަޝީދަށް ޓިކެޓް ދީގެން ކަމަށްވެސް ފައްޔާޒް ވިދާޅެފައިވެއެވެ.

ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެމްޑީޕީ ތެރޭގައި ރައީސް ނަޝީދުގެ ވިދުމާއި އޮފް ކެނޑިގެން ދިޔަ ކަމެވެ. ސިޔާސީ ހަލަބޮލި ކަމާއި ސިޔާސީ ބާރުވެރިކަމަކީ ތާ އަބަދަށް ދެމި އޮންނަ އެއްޗަކަށް ނުވާނެ ކަން މާޒީ ހެކިދޭކަން މިއަދު ފެނި ހާމަވެއްޖެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: