ދިވެހިރާއްޖޭގެ ސަރައްދު ރައްކައުތެރިކޮށް ހިމާޔަތްކުރުމަށްޓަކައި އެންމެ ބޮޑު މަސައްކަތްތަކެއް ކުރައްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުންކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރާއްޖެ އަދި މޮރިޝަސްގެ އިން ވަކި ކުރުމުގެ މައްސަލައިގައި ރައީސް ސާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުއްވުމުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް އިދިކޮޅުގެ ފަރާތްތަކުން ސިފަކުރަމުންދާއިރު، ޝަރީފްވަނީ ރައީސް ސާލިހުގެ ސަރުކާރުން އިން ވަކި ކުރުމުގެ މައްސަލައިގައި އަމަލުކޮށްފައިވާގޮތް ދިފާއުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ސަރަހައްދު ކަށަވަރުކުރުމަށް މަސައްކަތްތައްކެއް ކުރެއްވީ ރައީސް ސާލިހުގެ ސަރުކާރުންކަމަށެވެ.
އޭނާ ވިދާޅުވީ، މޮރިޝަސް އަދި ރާއްޖޭގެ ދެމެދު އިން ވަކި ކުރުމުގައި ޗާގޮސް އާއި ރާއްޖެ ދެމެދު އޮތް ސަރަހައްދު އިކުއިޑިސްޓަންސްގެ އުސޫލުން ބެހުމުގައި ސަރުކާރުންވަނީ ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފައިކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ލިޔެކިއުމުން ފެންނަން އޮތް ހަގީގަތެއްކަމަށެވެ. ޝަރީފް ވިދާޅުވީ، އިޓްލޮސްގެ ނިންމުންވެސް ފެންނަން އޮންނާނެކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށްވެސް ޝަރީފް އަލިއެޅުއްވިއެވެ. އިވެމުންދާ ވާހަކަތަކަށް އިޝާރާތްކުރައްވާ އޭނާ ހައިރާންވެވަޑައިގަންނަވާކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ. އަދި ޗާގޮސްއަކީ އަލަށް ވުޖޫދުވެފައިވާ ތަނެއްތޯ އޭނާ ސުވާލުކުރެއްވިއެވެ. ޝަރީފް ވިދާޅުވީ، ރާއްޖެ 1965 ވަނަ އަހަރު މިނިވަންވީއްސުރެ އަދި އޭގެ ކުރިންވެސް އެތަނުގެ އެއްވެސް ވާހަކައެއް މިހާރުގެ އިދިކޮޅު އެއްވެސް ފަރާތަކުން ދައްކާފައިނުވާކަމަށެވެ. އޭނާ ވަނީ މީގެ ކުރިން އެ ވާހަކަތައް ދައްކާފައިނުވާ ސަބަބާއިމެދު ސުވާލު އުފައްދަވާފައެވެ.

