ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ ތަރައްޤީކުރެވޭނީ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އުއްމީދެއް ހޯދައިދެވިގެން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ފ. ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ތަރައްޤީ ކުރެވޭނީ އަތޮޅުތަކުގެ ރަށްތައް ތަރައްޤީކުރެވި، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އުއްމީދެއް ހޯދައިދެވިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފ އަތޮޅަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ފ. ނިލަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ސާލިހު ދެއްކެވި ވާހަކަފުޅުގައި ނިލަންދޫ ރައްޔިތުންގެ ފަރާތުން ރައީސްގެ ދެކަނބަލުންނަށާއި، އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ދެންނެވި ހޫނު މަރުޙަބާއަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

ރައީސް ސާލިހު އަތޮޅުތަކަށް ކުރައްވަމުންގެންދާ ދަތުރުފުޅުތަކުގައި ރަށްރަށުގެ އާއްމު ރައްޔިތުންނާއި ބައްދަލުކުރައްވާއިރު، ނިލަންދޫ ރައްޔިތުންނާއި އެކު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންބައިވެރިވެވަޑައިގެން މަޝްރޫޢުތަކާއި ގުޅޭ މައުލޫމާތު ރައްޔިތުންނާއި ޙިއްޞާކުރައްވާފައިވެއެވެ.

ރައީސް ސާލިހުގެ ވާހަކަފުޅުގައި ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ނިލަންދޫއަށް ވަޑައިގެންނެވި އިރު ނިލަންދޫ ރައްޔިތުން އެމަނިކުފާނަށް ދަންނަވާފައިވާ ކަންކަމުގެ ތެރެއިން ގިނަ މަޝްރޫޢުތަކެއް ނިމި އަދި ބައެއް މަޝްރޫޢުތައް މިހާރު ހިނގަމުންދާކަމަށެވެ. މިގޮތުން ހިންގިފައިވާ ބައެއް މަޝްރޫޢުތުތަކާއި ކުރިޔަށް ރޭވިފައި ހުރި ބައެއް މަޝްރޫޢުތަކުގެ މައުލޫމާތު އެމަނިކުފާނު ރައްޔިތުންނާއި ހިއްޞާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނިލަންދޫ ރައްޔިތުން އެންމެ ބޭނުންވެފައިވާ ބަނދަރުގެ މަސައްކަތާއި، ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ލަހެއް ނުވެ ފެށިގެންދާނެ ކަމަށެވެ. އަދި ނިލަންދޫގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތަކާއި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް ނިލަންދޫ ފަޅުތެރެއިން އިތުރު ދެރަށެއް ހިއްކައި ރިޒޯޓުތަރައްޤީކުރުމަށް ރޭވިފައިވާކަން ހާމަކުރެއްވިއެވެ. އަދި މިސަރަހައްދުގައި ޤާއިމްކުރާ ފުލުހުންގެ މަރުކަޒު ނިލަންދޫގައި ޤާއިމްކުރުމަށް ރޭވިފައިވާ ކަމުގައިވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ނިލަންދޫ ރައްޔިތުން ވަނީ، މިވަގުތަށް ރައްޔިތުންނަށް ބޭނުންވެފައިވާ މުހިއްމު ކަންކަމާއި، އަދި ދަތިވެފައިވާ ކަންކަމުގެ މައުލޫމާތު ރައީސް ސާލިހަށް ޙިއްޞާ ކުރައްވާފައެވެ. މިގޮތުން، ރަށުގެ މަގުހެދުމާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ހޮސްޕިޓަލްގެ ތަރައްޤީއަށާއި، ސްކޫލުގެ ތަރައްޤީއަށް އަދި ކުޅިވަރުގެ ދާއިރާއިން ރައްޔިތުން ބޭނުންވެފައިވާ ކަންކަން ރައީސް ސާލިހު އާއި ޙިއްޞާކުރެއްވިއެވެ.

ރައީސް ސާލިހު ނިލަންދޫގެ ރައްޔިތުންނާއި އެކު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައްޔިތުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކާއި އެކުގައި މަސައްކަތް ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި މިރަސްމީ ދަތުރުފުޅުގައި އެދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: