ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ވެރިކަމާ ދުރަށް ދާން ޖެހޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

ދައްކަމުން ގެންދަނީ ވެރިކަމުގެ ބާރުތައް އެއްކުރާ ވާހަކައެވެ.

މާލޭގައި ހުރި ބާރުތައް ލާމަރުކަޒުކުރާ ވާހަކައަކީ އަބަދުވެސް ދައްކާ ވާހަކައެކެވެ. ނަމަވެސް މިއީ އެއްވެސް ވަރަކަށް ރައްޔިތުން މިއަދު އިތުބާރު ކުރާ ވާހަކައެއް ހެން ހީނުވާ ކަހަލައެވެ.

ފެހި ގާނޫނު އަސާސީ ވުޖޫދުވީފަހުން ގާނޫނު އަސާސީން ލިބިދިން ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއެކު، މިއަދު ސިޔާސީ ޕާޓީތައް އުފެދި ސިޔާސީ ހަރަކާތްތައް ދަނީ ހިންގައި ކުރިއަރަމުންނެވެ.

މިއަދު ސިޔާސީ ޕާޓީއެއް ހަދައި އެ ހިންގުން ކުޅިވަރަކަށް ހަދައިފިހެން ހީވަނީ ރައްޔިތުން ކުރާ އުއްމީދުގައި ކުލަ ނުޖެހި ވެރިކަން ބަދަލުވެގެންދާތީއެވެ.

ކޮންމެ 5 އަހަރަކުން އެއް ފަހަރު ވޯޓްލާ ވެރިޔަކު އިންތިހާބު ކުރަނީ އުއްމީދު ތަކަކާއެކު އެކީގައެވެ. ނަމަވެސް އެ ދައުރުގައި ނުވަތަ އެ ފަސް އަހަރުގައި މާ ބޮޑެތި ފައިދާ ތަކެއް ރައްޔިތަކަށް ނުވެ ވެރިމީހާ ބަދަލުވެގެންދެއެވެ.

މިދުވަސްވަރު އެންމެ ގަދައަށް ފެތުރިފައިވާ އަޑަކީ ވެރިކަން ކުރާ ޕާޓީން މެމްބަރުން ތަކެއް ވަކިވެ އައު ސިޔާސީ ޕާޓީ އަކާއި ގުޅޭ ވާހަކައެވެ. އެމްޑީޕީ ދޫކޮށް 12 މެމްބަރަކު ދަ ޑިމޮކްރެޓްސް ކިޔާ ޕާޓީ އަކަށް ބަދަލުވުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި އެހަރަކާތުގެ ފަހަތުގައި ހުންނެވީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ރައީސް ނަޝީދު މިވަގުތު ހުންނެވީ އެމްޑީޕީގައެވެ. ނަމަވެސް އެމަނިކުފާނަށް ހެޔޮ އެދޭ މީހުންނާއި މައިންބަފައިން މިއަދު ވަނީ އެހެން ސިޔާސީ ޕާޓީއެއްގައެވެ. އެހެންކަމުން ވަމުންދާ ގޮތުގެ މަންޒަރު ކޮންމެވެސް ވަރަކަށް ސާފުވާން ފަށައިފިއެވެ.

ބައެއް ފަރާތްތަކުން ރައީސް ނަޝީދު އިސްވެ ސިޔާސީ ޕާޓީއެއް އުފައްދަވަމުން ގެންދަވާތީ އެކަމަށް މަރުހަބާ ކިޔާފައިވެއެވެ. ހަމަ އެހެންމެ އެކަމާ ދެކޮޅަށްވެސް ވާހަކަ ދައްކާ މީހުން މަދެއް ނޫނެވެ.

ރައީސް ނަޝީދުގެ ހަސަދަވެރިކަން އޮތީ ވެރިކަމުގައި އޭރަކު ހުންނަވާ މީހަކާ ދެމެދުގައި ކަމަށް ގިނަ ބަޔަކު ބުނެއެވެ. އެގޮތުން މިއަދު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި ދެކޮޅުވެރިކަން އުފެދިފައިވަނީ ހަމަ ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށް ރައީސް ސާލިހްގެ ސަޕޯޓަރުން ބުނަން ފަށައިފިއެވެ. އެކަން އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ.

ރިޔާސީ ޕްރައިމަރީން ނާކަމިޔާބީ އާއި ކުރިމަތިބި ހިސާބުން ރައީސް ސާލިހާއި ފެއަށް ޖެހި ވަޑައިގެން އެހެން ސިޔާސީ ލީޑަރުންނާ އެކުގައި މަސައްކަތް ފެށިއެވެ. އެކަމާ ރައީސް ސާލިހް ބަސްފުޅު ވިދާޅުނުވުމުން ރިއެކްޓް ނުކުރީ ކަމަށް ވިދާޅުވިއެވެ.

ރައީސް ސާލިހަކީ ކެތްތެރި ބޭފުލެއް ކަމަށް މީގެ ކުރިން ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.  އަދި 2018 ވަނަ އަހަރު ރައީސް ސާލިހް ވެރިކަމަށް އިންތިހާބުވި ފަހުންވެސް އެމަނިކުފާނުގެ ވެރިކަން ދިފާއުކޮށް ސަރުކާރު ދަމަހައްޓާނެ ކަމަށް އޭރުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ދިގު 30 އަހަރުގެ ވެރިކަން ނިންމައި އޭގެ ފަހުން ވެރިކަން ކުރެއްވީ ރައީސް ނަޝީދެވެ. އެ ވެރިކަން 3 އަހަރާ 5 ވަރަކަށް މަސް ދުވަހުން ބަދަލު ވުމާއެކު އެއީ ބަޣާވާތެއް ކަމަށް ނިންމިއެވެ. އެއަށް ފަހު ވެރިކަމަށް އިދިކޮޅު އެހެން ސިޔާސީ ފަރާތްތަކުން ހަވާލުވެ 7 އަހަރު ދުވަހު ވޭތުވެގެންދިޔައެވެ. އެދުވަސްވަރުގައި އެމްޑީޕީ މަގުމަތީގައި ތިބެގެން ކުރީ މުޒާހަރާއެވެ. އެ މުޒާހަރާ ތަކުގައި އެކި މީހުންނަށް އެކި އަނިޔާ ލިބިގެންދިޔައެވެ. ގާނޫނުގައި އޮންނަ ގޮތުން ވެރިންނަށް ނުކިޔަމަންތެރިވާ މީހުންނަށް އަދަބު ދެވިގެން ދިޔައެވެ.

2013 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމާއި ހަވާލުވެ ސިޔާސީ ލީޑަރުން ޖަލަށް ލައި އަނިޔާކޮށް އެތަކެއް އުނދަގުލެއް ކުރިމަތިކުރުވިއެވެ. އަދި އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން ވެސް ގެންދިޔައީ ރައީސް ޔާމީންގެ ސަރުކާރަށް ފިއްތުންތަކާއި ޕްރެޝަރު ކުރިމަތި ކުރުވަމުންނެވެ. ނަމަވެސް ރައީސް ޔާމީން އިސްތިއުފާ ނުދީ 5 އަހަރުގެ ދައުރު ފުރިހަމަ ކުރިއެވެ. ރައީސް ޔާމީންގެ ދުވަސްވަރު ރާއްޖެއަށް ތަރައްގީ ގެނެސްދިނެވެ. ބްރިޖް އެޅިއެވެ. ދަރުމަވަންތަ ހޮސްޕިޓަލް ގާއިމް ކުރިއެވެ. އެއަށްފަހު 2018 ގައި ރައީސް ސާލިހް ވެރިކަމާ ހަވާލުވެ ސިޔާސީ ހުރިހާ ލީޑަރުން މިނިވަން ކުރިއެވެ. އަދި ސިޔާސީ ގޮތުން ގައުމުގައި ހަމަޖެހުން ގާއިމްކޮށް ރަށްތައް ތަރައްގީ ކުރިއެވެ.

މިއަދު ރައީސް ސާލިހްގެ ވެރިކަމަށް 5 އަހަރު ފުރެން ދާއިރު މިއަދު މިސަރުކާރު ގޯސްވެ އެކަމާ އެންމެ އަޑު ހަރުކޮށް ވާހަކަ ދައްކައި ވަކާލާތު ކުރަނީ ޕާޓީ ތެރެއިންނެވެ. އެމްޑީޕީގެ ރައީސް ނަޝީދު އިސްވެ ހުންނަވައި ސަރުކާރަށް ފާޑު ކިޔުމަކީ މިއަދުގެ ހަގީގަތެވެ. މިއަދު އެކުވެރި ދެ މިތުރުން ހަތުރުންނަށް ބަދަލުވެގެން ދިޔައީ ހަަމަ ވެރިކަމުގެ ދަހިވެތިކަމުގައެވެ.

ރައީސް ނަޝީދަށް މަޖިލީހުގެ ރައީސް ކަމާއި ޕާޓީގެ ރައީސް ކަން ލިބިފައިވާއިރުވެސް އެމަނިކުފާނުގެ ހިތް ނުފުރޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ރައީސް ނަޝީދު ވެރިކަން ބޭނުންވެގެން ނޫޅުއްވާ ކަމަަށް މީގެ ކުރިން ވިދާޅުވި ނަމަވެސް އެމަނކުފާނުގެ ބަހާއި އަމަލުން ފެނިގެންދަނީ ވެރިކަމަކީ އެމަނިކުފާނުގެ ހޮބީއެއްގެ ގޮތުގައެވެ.

ފުރަތަމަ ދެއްކެވީ ވެރިކަމުގެ ނިޒާމް ބަދަލުކުރާ ވާހަކައެވެ. އެއަށްފަހު ދެން ވިދާޅުވީ ޕާޓީގެ އެެހެން ގޮތްޕެއް ހަދާ ވާހަކައެވެ. އެގޮތުން ފިކުރެއްގެ ދިރުމުގެ ނަމުގައި ސިޔާސީ މަސައްކަތްތަކެއް ކުރިއަށް ގެންދިޔަތަން ފެނިގެން ގޮސްފިއެވެ. އެންމެ ފަހުން މިއަދު މިވަނީ އައު ސިޔާސީ ޕާޓީއެއް ހަދާ މަންޒަރު ފެނިފައެވެ. މިއީ މާޒީގައި ރައީސް މައުމޫން ވެސް ކަންތައް ކުރެއްވި ގޮތެވެ.

ރައީސް ނަޝީދުގެ މި އަމަލުތަކުގެ ސަބަބުން އެމަނިކުފާނުގެ މަގުބޫލުކަން ކުޑަވެގެންދާ ކަމަށް އެމަނިކުފާނުގެ ބައެއް އެކުވެރިންނާއި ދުޝްމަނުންނާއި ޕާޓީ ބައެއް މީހުން ބުނަމުން ގެންދެއެވެ، ނަމަވެސް ރައީސް ނަޝީދު ވެސް ހުންނެވީ ގޮތް ދޫކުރާކަށް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: