ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މައި ހަރުގެ އާއި ދި ޑިމޮކްރެޓްސް އިން މިއަދު ހަވާލުވެއްޖެއެވެ.
އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ އެމްޑީޕީގެ ހުސް ކުރުމަށް އެންގީ އިމާރާތުގެ ވެރިފަރާތް ކަމަށް ވާ ޝަފިއްޔާ ޒުބެއިރުއެވެ.
އެމްޑީޕީގެ މައިހަރުގޭގެ ވެރިފަރާތުން ވިދާޅުވެފައި ވަނީ އެތަން ކުއްޔަށް ދޫކޮށްފައިވަނީ ދި ޑިމޮކްރެޓްސް އަށް ނޫން ކަމަށާއި ވިޔަފާރި އުސޫލުން ވިޔަފާރިވެރިއަކަށް ކަމަށެވެ.
ޝަފިއްޔާ އާއި އޭނާގެ ލޯޔަރު ހަމްޒާ ހަލީލް ނޫސްވެރިންނަށް ދެއްވި އިންޓަރވިއުގައި ވިދާޅުވީ އެމްޑީޕީ އަށް އޭނާ އިމާރާތް ކުއްޔަށް ދޫކޮށްފައިވަނީ 60،00 ރުފިޔާއަށް ކަމަށާޢި ނަމަވެސް މިވަގުތު އެތަން ވިޔަފާރިވެރިއަކަށް ދޫކޮށްފައި ވަނީ އެއަށް ވުރެ ބޮޑު ކުއްޔެއްގައި ކަމަށެވެ.
ޝަފިއްޔާ ވިދާޅުވީ އެމްޑީޕީގެ މައި ހަރުގެ މިހާރު ކުއްޔަށް ދެވިފައިވަނީ އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުމަށް ނޫން ކަމަށެވެ. އޭނާ އެހެން ވިދާޅުވުމުން އެހެން ނޫސްވެރިއަކުވަނީ ދި ޑިމޮކްރެޓްސްގެ އޮފީސް ހިންގަމުންދަނީ އެމްޑީޕީގެ މައިހަރުގޭގައި ނޫންތޯ ވިދާޅުވެ ސުވާލު ކުރައްވާފައެެވެ. ނޫސްވެރިޔާގެ ސުވާލުގެ ޖަވާބުގައި ދި ޑިމޮކްރެޓްސްގެ ސެކްޓެރޭޓިއަޓް ހުންނަނީ ބޮޑުފެންވަޅުގޭގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަފިއްޔާ އިތުރަށް ވިދާޅުވީ އޭނާ ދި ޑިމޮކްރެޓްސް އާއި އެކީގައި އެމްޑީޕީ މައި ހަރުގެ ކުއްޔަށް ދިނުމަށް އެއްވެސް އެގްރީމަންޓް އެއް ހަދާފައިނުވާނެ ކަމަށެވެ.
އެމްޑީޕީގެ މައި ހަރުގެ ހުސްކުރުމަށް ނޯޓިސް ދީފައިވާ ކަން ފާހަގަކޮށް ޝަފިއްޔާ ވިދާޅުވީ މައިހަރުގެ ހިންގަމުންދިޔަ އިމާރާތް ހުސްކުރުމަށް އެމްޑީޕީއަށް ނޯޓިސް މާޗް މަހުގެ 30 ވަނަ ދުވަހު ދެވިފައިވާނެ ކަމަށެވެ. އަދި އެކަމުގައި އެމްޑީޕީގެ ވެރިންނާއި ޝަފިއްޔާ ވާހަކަ ދައްކަމުންދާތާ ދުވަސްކޮޅެއްވެފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ޝަފިއްޔާ ވިދާޅުވީ އެމްޑީޕީ މައިހަރުގޭގައި އޭނާ އިމާރާތެއް ކުރަން ބޭނުންވެގެން އެވާހަކަ އެމްޑީޕީގެ އިސް ފަރާތްތަކާއި މީގެ ކުރިން ދައްކަމުން ދިޔަ ކަމަށެވެ. އަދި އެވާހަކަ އެބޭފުޅުންނަށް ހުށަހަޅައި އެ އިމާރާތުގައި އިންވެސްޓް ކުރުަމަށް އެމްޑީޕީގެ އިސްވެރިންނަށް ހުށަހެޅި ކަމަށް ޝަފިއްޔާ ވިދާޅުވިއެވެ.
އެބޭފުޅުން އެއްވެސް އިންޓްރަސްޓެއް އަޅުގަނޑަކަށް ނުދެއްވާ
ޝަފިއްޔާ ވިދާޅުވީ އެގެ ހެދުމަށް އެމްޑީޕީ އަށް ހުށަހަޅައި އެކަމާ އަޅާނުލައި ތިބުމަށްފަހު ތަން ހުސްކުރުމަށް 30 މާޗްގައި ނޯޓިސް ދިނުމުން އޭޕްރިލް މަހުގެ 26 ވަނަ ދުވަހު އެތަނުގައި (މައިހަރުގޭގައި) މަޑުކުރަން ބޭނުންވާ ކަން ބަޔާންކޮށް ސިޓީއެއް ލިބުނު ކަމަށެވެ. އަދި ސިޓީގައި މައިހަރުގެ 31 ޖުލައި ގައި ހަވާލުކުރާނެ ކަމަށްވެސް ބުނެފައިވާ ކަމަށްވެސް ޝަފިއްޔާ ވިދާޅުވިއެވެ.
އަޅުގަނޑުމެން މިއެހީ، ކޯޗަކަށް ރިއާޔަތް ކުރައްވާފަ ތޯ އޭ ތިހެން ތި ވިދާޅުވީ؟ އަޅުގަނޑުމެން އެއްވެސް އެއްޗެއްގައި އެއްވެސް ލިޔެކިޔުމެއްގައި ނޯންނާނެއޭ ޖުލައި 31 އަށް ދޫކޮށްފައި.
ޝަފިއްޔާ ވިދާޅުވީ އެމްޑީޕީ އަށް 31 ޖުލައި އަށް މައިހަރުގެ ދޫކޮށްފައިވާނެ ކަމަށް އެއްވެސް ލިޔެކިޔުމެއްގައި ނޯންނާނެ ކަމަށެވެ. އެމްޑީޕީން މައި ހަރުގެ ހުސްނުކުރެވުނީ ތަނެއް ނުލިބިގެން ކަމަށްވެސް އެމްޑީޕީ އިސްފަރާތްތަކުން ބުނިކަމަށް ޝަފިއްޔާ ވިދާޅުވިއެވެ.
އެމްޑީޕީގެ ފަރާތުން މައި ހަރުގެ ހުސްކުރަން އެންގުމުން ސިވިލް ކޯޓަށް މައްސަލަ ވަނީ ހުށަހަޅާފައެވެ.
މިއަދު ދި ޑިމޮކްރެޓްސް އާއި އެ ތަން ހަވާލުކުރުމާއި ގުޅިގެން ”ސަންގުން“ ސުވާލު ކުރުމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އިބްރާޙިމް ވަހީދު (އިބްރޭ) ވިދާޅުވެފައިވަނީ މައްސަލަ އަދިވެސް އޮތީ ސިވިލް ކޯޓްގައި ކަމަށާއި އެތަން ޑިމޮކްރެޓްސް އިން ވަނީ ގަދަ ބާރުން ފޭރިގަނެފައިކަމަށެވެ.
ދި ޑިމޮކްރެޓްސް އިން ވަނީ މައި ހަރުގޭގެ ކުލަ ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ.

