ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބު ބޯމަތިވެއްޖެ މޮޅުވާނީ ޗައިނާތަ އިންޑިއާތަ؟

ރައީސް ސާލިހު އިންޑިއާގެ ބޮޑުވަޒީރާއިއެކު، ރައީސް ޔާމީން ޗައިނާގެ ރައީސް އާއިއެކު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އިންތިހާބުކަމަށްވާ، ރިޔާސީ އިންތިހާބު ބޯމަތިވެ، ގައުމުގެ ސިޔާސީ މަސްރަހަށް ބޮޑެތި ކުރިއެރުންތައް ލިބި، ބަދަލުތައްވެސް އައިސްފިއެވެ.

މަސްރަހު ދިރާސާކުރައްވާ ފަރާތްތަކުން ބުނާގޮތުން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ވެގެންދާނީ ދިވެހިރާއްޖޭގެ ތާރީހުގައި އެންމެ ފާހަގަކޮށްލެވޭ އެންމެ ކުލަގަދަ އެއް އިންތިހާބަށެވެ. ވެރިކަން ކުރާ މައި ޕާޓީ ބައިބައިވެ މިއަދު އިދިކޮޅު ކޮންގްރެސް ކޯލިޝަނާއިއެކު ގާތް ގުޅުންތަކެއް ބާއްވަމުންދާ މަންޒަރު ފެނިގެންދާއިރު، ކުރިއަށް އޮތް އިންތިހާބުގެ ނަތީޖާގެ އަސަރު ކުރާނީ ހަމައެކަނި ރާއްޖެއަކަށް ނޫންކަމީ މިއަދު ދިވެހި ގިނަ އަދަދެއްގެ ރައްޔިތުން ދަންނާނެ ހަގީގަތެކެވެ. އަވައްޓެރި ގައުމުތަކުން ރާއްޖޭގެ އެކި ސަރުކާރުތަކާއިއެކު، އެކި އެއްބަސްވުންތައް ގާއިމުކޮށް، ގާތް ގުޅުންތައްވެސް ބާއްވާކަމީ ހަމަ ފެންނަން އޮތް ކަމެކެވެ.

މި އިންތިހާބަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ބާރުވެރިކަމަށް ވާދަކުރަމުންދާ ގައުމުތަކަށްވެސް އެކަމުގެ ފައިދާ އަދި ނޭދެވޭ އަސަރުތައްވެސް ކުރާނެ އިންތިހާބެއްކަން ޔަގީނެވެ. އިދިކޮޅު ކޮންގްރެސް ކޯލިޝަނަށް ވެރިކަމަށް ވާސިލުވެވިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ އިންޒާރުތަކެއް ދީފައިވާއިރު، އެމްޑީޕީގެ މި ވެރިކަން ދެމެހެއްޓިއްޖެ ހާލަތެއްގައި އަވައްޓެރި އިންޑިއާއަށް ފައިދާތަކެއް ކުރާނެކަންވެސް ޔަގީނެވެ. އަދި އިދިކޮޅު ކޯލިޝަނާއިއެކު ގާތް ގުޅުމެއް ބާއްވަމުންދާ ޗައިނާއަށް އެކަންވެގެންދާނީ ބޮޑު ގޮންޖެހުމަކަށްކަންވެސް ޔަގީނެވެ. މި ދެ ގައުމުގެ ދެމެދު އޮންނަ ވާދަވެރިކަމުގެ ތެރޭގައި ހަމަނުޖެހުންތައްވެސް ހިނގާފައިވެއެވެ. އަދި ފުރާނަތައްވެސް ގެއްލިފައިވެއެވެ.

މިއަދު އެމްޑީޕީ މުޅިން ރޫޅި ވިއްސި ވިހާލިވެފައިވާ މަންޒަރު ފެނިގެންދާއިރު، ޕާޓީގެ އެންމެ މަތީ ފަޑީގައި ދަރާރުތަކެއް އުފެދި ބޮޑުވަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވަނީ ރިޔާސީ ކެނޑިޑަސީއަށް ޝައުގުވެރިވެވަޑައިގެން މިހާރުގެ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއިއެކު ރިޔާސީ ޕްރައިމަރީއެއްގައި ވާދަކުރައްވާފައެވެ. އެހެންނަމަވެސް އެމަނިކުފާނު ނާކާމިޔާބުވެވަޑައިގަތުމުން ބަލި ގަބޫލުކުރެއްވުމުގެ ބަދަލުގައި ވަނީ ސީދާ ދެކޮޅަށް ނުކުމެވަޑައިގެންފައެވެ. އަދި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީއެއްކަމަށްވާ ޖުމްހޫރީ ޕާޓީއާއިއެކު ރައީސް ނަޝީދުވަނީ ކޯލިޝަނެއް ހެއްދެވުމަށް މަސައްކަތްތަކެއްވެސް ކުރައްވާފައެވެ. އެހެންނަމަވެސް އެ މަޝްވަރާތަކުގެ ސަބަބުން މާ ބޮޑެތި ކުރިއެރުންތަކެއް ލިބިވަޑައިގެންނެވި މަންޒަރު ފެނިގެން ނުދެއެވެ.

މައްސަލަ ގަނޑު ހޫނުވެ، އެމްޑީޕީގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާ، ގިނަ ހިދުމަތްތަކެއްވެސް ކޮށްދެއްވާފައިވާ އިސް މެމްބަރުންތަކެއްވަނީ އެ ޕާޓީއާއި އަލްވަދާއު ކިޔާފައެވެ. އެ ވެރިންވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް ވުޖޫދުކުރުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތްތައް ފައްޓާފައެވެ. މިހާރު ޑިމޮކްރެޓްސްއިންވަނީ ޕާޓީ ރެޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 ފޯމުގެ އިތުރަށް 560 ފޯމާއިއެކު އިލެކްޝަންސް އާއި ހަވާލުކޮށްފައެވެ. އެ ބޭފުޅުން ބުނާގޮތުން، ޑިމޮކްރެޓްސްގެ ވެސް ރިޔާސީ ކެނޑިޑޭޓެއް ނެރޭނެއެވެ.

ސިޔާސީ މަސްރަހުގެ ހަލަބޮލިކަމުގެ ތެރޭގައި ދިވެހިރާއްޖޭގެ މައި އޮޕޮޒިޝަންގެ ގޮތުގައި މިވަގުތު އޮތް ޕީޕީއެމް ޕީއެންސީގެ އިދިކޮޅު ކޮންގްރެސް ކޯލިޝަނުންވެސް ދަނީ ސަރުކާރާއި ދެކޮޅަށް މަސައްކަތްތައް ވަރުގަދަ ކުރެއްވުމުގެ އިންތިޒާމުތަކެއް ކުރައްވަމުންނެވެ. އެގޮތުން މިހާރު ރައީސް ނަޝީދުގެ ޑިމޮކްރެޓްސް އާއިއެކު އިމުގެ މައްސަލައިގައި އިދިކޮޅުންދަނީ އިއްތިހާދެއްގެ ގޮތުގައި މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލު ހުކުމެއް ތަންފީޒުކުރައްވާތީ، އިދިކޮލަށްވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ. ބައެއް ފަރާތްތަކުންދަނީ އިދިކޮޅުގެ މިސްރާބެއް ނެތްކަމަށް ބުނެ ފާޑުކިޔަމުންނެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހަށް ނަޒަރު ހިންގަމުންދާ ބައިނަލްއަގުވާމީ ބައެއް ފަރާތްތަކުން ބުނާގޮތުން، ރައީސް ޔާމީންގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ، އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ބައިވެރިނުވެވެންޖެހޭ ސަބަބެއް ނޫނެވެ. ސުޕްރީމް ކޯޓުން އަދި ނިހާއީ ހުކުމެއް އިއްވާފައިނުވެއެވެ. އަދި މީގެ ކުރިންވެސް މިފަދަ ތުހުމަތުތަކެއް ކުރެވި، ޖަލުގައިވެސް ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު، ރައީސް ޔާމީން މިނިވަންވެވަޑައިގެނެވުމުން، މިހާރު ހިންގަމުންދާ މައްސަލަތައްވެސް އާހިރުގައި އެފަދަ ގޮތަކަށް ނިމިގެންދިއުމުގެ ފުރުސަތު ހަމަ އޮވެއެވެ. އިދިކޮޅުގެ އިސް ފަރާތްތަކުންވަނީ އިތުރު ކެނޑިޑޭޓެއް ނެރުމަށް އިންކާރުކުރައްވާފައެވެ. އަދި ރައީސް ޔާމީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން މިނިވަންކުރެވޭ ތޯ އިދިކޮޅުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ސިޔާސީ މަސްރަހަށް ނަޒަރު ހިންގަމުންދާ ބައެއް ބައިނަލްއަގުވާމީ ފަރާތްތަކާއި ދާއިރާގެ މާހިރުން ދެކިވަޑައިގަންނަވާ ގޮތުން، ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ކޯލިޝަން ހެދުމުގެ މަސައްކަތްތަކީ ވަރަށްވެސް މުހިންމު ކަމެކެވެ. އެގޮތުން އެއްވެސް ޕާޓީއަކަށް އަމިއްލައަށް ވެރިކަމާއި ހަމަައަށް ވާސިލު ނުވެވޭކަން އެ ފަރާތްތަކުން ފާހަގަކުރެއެވެ. ބައެއް ފަރާތްތަކުން ވިދާޅުވާގޮތުން، ރާއްޖޭގެ ސިޔާސީ މަސްރަހަކީ ކިލަނބުކަންމަތީގައި އޮންނަ މަސްރަހެއް ކަމަށްވުމުން، ނަތީޖާ އިއުލާނު ކުރުމާއި ޖެހެންދެވެސް ވެސް އިންތިހާބާއިމެދު ސިދާ ވަކި އެއްޗެއް ބުނަން ދައްޗެވެ.

އެ ފަރާތްތަކުން ދެކޭ ގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ވަކި ފަރާތެއްކަމަށް އަދި ބުނަން ވަރަށްވެސް އަވަހެވެ. އެހެންނަމަވެސް މިއަދު އެމްޑީޕީގެ ތެރޭގައި އޮތް ބޮޑު ބައިބައިވުމަކީ އިދިކޮޅު ކޮންގްރެސް ކޯލިޝަނަށް ލިބިފައިވާ ހިތްވަރެއްގެ ގޮތުގައި ދެކޭކަމަށް ބުނެފައިވެއެވެ. މައްސަލަގަނޑުގެ ސަބަބުން އިދކޮޅު ކޯލިޝަންގެ މެމްބަރުންނަށް ތަހުތާއި އިތުރަށް ގާތަށް ޖެހެވިފައިވާކަމަށް ގަބޫލުކުރެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށް ބައިނަލްއަގުވާމީ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުންދަނީ އިންތިހާބާއި ގިނަ ބައެއްގެ މަސްލަހަތާއި ގުޅިފައިވާތީއެވެ. އަދި ރާއްޖޭގެ ތަހުތަކަށް ވަޑައިގަންނަވާ ފަރާތެއްގެ ގޮތުން ހާރިޖީ ގުޅުންތަކަށްވެސް އަންނާނެ ބޮޑެތި ބަދަލުތަކާއިވެސް ގުޅިގެންނެވެ.

އެގޮތުން 2018 ވަނަ އަހަރުގެ ކުރިއަށް ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގައި އެމަނިކުފާނާއި ގާތް ގުޅުމެއް އަދި ސަރުކާރާއިވެސް ގާތް ގުޅުމެއް އޮތްކަަމަށް ފެނިގޮސްފައިވަނީ ޗައިނާއެވެ. އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި އޮތް ގުޅުމުގެ ނަތީޖާއަކަށްވެގެންދިޔައީ އޭރު ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ގެންގޮސް ނިންމާލެވުމެވެ. އެހެންނަމަވެސް އަވައްޓެރި އިންޑިއާއަށް މާ ބޮޑެތި ފައިދާތަކެއް ވެގެންދިޔަ މަންޒަރު ފެނިގެން ނުދެއެވެ.

ވެރިކަން ބަދަލުވެ، ރައީސް ސާލިހުގެ ދައުރު ފެއްޓެވުމާއިއެކު، ޗައިނާ އާއި ރާއްޖޭގެ ގުޅުމަށް ބޮޑެތި ބަދަލުތަކެއް އައެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގައި ހީނަރުވެފައިވާކަމަށް ބުނާ، އިންޑިއާގެ ދެމެދު އޮތް ގުޅުން ވަރުގުދަ ކުރެއްވުމަށް ރައީސް ސާލިހު ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. މިއަދު ރާއްޖޭގެ އެންމެ ގާތް އަވައްޓެރި ގައުމެއްގެ ގޮތުގައި ސަރުކާރުން ކިޔަނީ އިންޑިއާއެވެ. ޗައިނާއިންވެސް ރާއްޖެއާއިއެކު މަސައްކަތްތަކެއް ކުރަމުންދިޔަނަމަވެސް، އިންޑިއާ އައުޓު ހަރަކާތް ހުއްޓުވިގޮތަށް ރައީސް ނަޝީދު ޗައިނާއަށް އަމާޒުކުރައްވާ ފާޑުކިޔުންތައް ހުއްޓުމަކަށް ގެނައުމަށް ސަރުކާރުން ސީދާ މަސައްކަތްތަކެއް ނުކުރައްވާތީ އެ ގައުމަށް މި ސަރުކާރުން އަހައްމިއްޔަތެއް ނުދޭކަން ސާފެވެ.

އެހެންކަމުން ރާއްޖޭގެ ވެރިކަމުގެ ދެވަނަ ދައުރެއް އެމްޑީޕީއަށް ލިބިގެންދިއުމަކީ އިންޑިއާގެ މަސްލަތު ހިމެނޭ އެ ގައުމުން ކަންބޮޑުވެސް ވާނެކަމެއްކަން ޔަގީނެވެ. ރާއްޖޭގައި މިވަގުތު ހިންގަމުންދާ ގިނަ އަދަދެއްގެ ބިޔަ މަޝްރޫޢުތައް ހިންގަމުންދަނީ އެ ގައުމުގެ ފައިސާގެ ބާރުގައެވެ. އިދިކޮޅުންވަނީ އެ ޕާޓީގެ ވެރިކަމެއްގައި އިންޑިއާ އާއި އޮތް ގާތްކަން ނުދަމަހައްޓާނެކަމުގެ އެތައް އިންޒާރުތަކެއް ދީފައެވެ. ހުދު ރައީސް ޔާމީންވެސް ވަނީ އެ ގައުމާއިއެކު ރައީސް ސާލިހުގެ ސަރުކާރުންވެފައިވާ އެއްބަސްވުންތައް އުވާލައްވާނެކަމުގެ އިންޒާރު އެކި ފުރުސަތުތަކުގައި ދެއްވާފައެވެ. ޗައިނާއަކީ ރައީސް ޔާމީނަށް ޓެސްޓުކުރެއްވިފައިވާ ކާމިޔާބު ޕްރޮޑަކްޓެކެވެ. އެހެންކަމުން އެމަނިކުފާނަށް އާދެވިއްޖެ ހާލަތެއްގައި ދިވެހިރާއްޖޭގެ ހާރިޖީ މަސްރަހަށް އަންނާނެ ބަދަލުތައް އަންދާޒާކުރެވިދާނެއެވެ.

އެހެންނަމަވެސް އިންޑިއާއިން ރާއްޖެ އާއި ޒަމާނުއްސުރެ ދަމަހައްޓަމުންދާ ގުޅުމާއި، ރައީސް ސާލިހުގެ ވެރިކަމުގެ ދައުރުގައި ކޮށްފައިވާ އިންވެސްޓުމެންޓުތަކުގެ އަދަދު ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވާތީ، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައިވެސް އެ ފައިސާ ދައްކާ ހަލާސްކޮށް، އެ ދެންނެވި ފަދަ ގޮތަކަށް އެއްބަސްވުންތަކެއް ބާތިލުކުރެއްވުމުގެ ގާބިލުކަން ކޮންމެ ފަރާތެއް ވެރިކަމަށް ވަޑައިގަތްނަމަވެސް ހުންނާނެކަމާއިމެދު ގިނަ ސުވާލުތައް އުފެދެއެވެ. ޔަގީންވެގެންދަނީ ރާއްޖޭގެ ސިޔާސީ މަސްރަހާއިމެދު ދިވެހިން ކަންބޮޑުވާ ވަރަށް ނުވަތަ އިތުރަށްވެސް ދުނިޔޭގެ ބާރުތަކުގެ ތެރޭގައި ހިމެނިގެންދާ އިންޑިއާ އަދި ޗައިނާވެސް ކަންބޮޑުވާކަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: