ރާއްޖެއާއި މޮރިޝަސްގެ އިމުގެ މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލުކުރެވޭނީ ހަނގުރާމަކޮށްގެންކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާކަމަށް ބުނެ، އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ދިވެހިރާއްޖޭގެ އެހެނިހެން އިދިކޮޅު ސިޔާސީ ޕާޓީތަކުންވެސް ވަނީ ބައިވެރިވެފައެވެ. އެގޮތުން އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަުދ ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ހިމެނިގެން އެކުލެވިފައިވާ ފިކުރެއްގެ ދިރުމުގެ ފަރާތުންވެސް އިސް މެމްބަރުންވަނީ މި ޖަލްސާގައި ވާހަކަދައްކަވާފައެވެ. ފިކުރެއްގެ ދިރުމުގެ އިތުރުން ޖުމްހޫރީ ޕާޓީގެ އިސް ސަފުގައި ތިއްބަވާ ބައެއް ފަރާތްތަކާއި އެމްއެންޕީގެ ލީޑަރާއި ކުރީގެ ރައީސް ވަހީދުވެސް ވަނީ މި ބައްދަލުވުމަށް އެއްބާރުލުން ދެއްވާފައެވެ.
އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަށް އިޝާރާތްކުރައްވާ ޝަރީފް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، އިޓްލޮސް އަދި އދގެ ނިންމުންތައް ބަލައިނުގަނެ، ޗާގޮސް އަތުލާކަމަށް ވާނަމަ، ޑޮންބަސް އަތުލުމަށް ރަޝީއާއިން ކުރާކަހަލަ ހަނގުރާމައެއް ކުރަން ޖެހޭނެކަމަށެވެ. ޝަރީފް ވިދާޅުވީ، ހަނގުރާމައެއްކޮށްގެން ކާމިޔާބުވިނަމަވެސް، އެކަންވެސް އދއިން ބަލައިގަންނަންޖެހޭކަމަށެވެ. އެ ނޫން ހާލަތެއްގައި، ގާނޫނީ ގޮތުން ޗާގޮސް ސަރަހައްދު ދިވެހިރާއްޖޭގެ ބައެއްގެ ގޮތުގައި ކަނޑައެޅިގެން ނުދާނެކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ޗާގޮސް އަކީ ރާއްޖޭގެ ސަރަހައްދުން ބައެއްކަމަށް ބުނާ ބުނުމުގެ ފަހަތުގައި އެއްވެސް ހަގީގަތެއް ނެތްކަމަށެވެ. އޭނާ ވިދާޅުވީ، އެއީ އެއްވެސް ބައިނަލްއަގުވާމީ ކޯޓެއްގައި ސާބިތު ކުރެވޭނެ ވަރުގެ ބުރަދަނެއް ހުރި ވާހަކައެއް ނޫންކަމަށެވެ. ޝަރީފްވަނީ އިދިކޮޅު ފަރާތްތަކުން ހަނގުރާމަ ކުރާނެކަމުގެ އިޝާރާތްތަކެއް ކުރާކަމަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، ހަނގުރާމަ ކޮށްގެން ޗާގޮސް ހޯދާނެކަމަށް ދޭހަވާ އިބާރާތްތަކެއް އިދިކޮޅުން ބޭނުންކުރަމުންދާކަމަށެވެ. އެހެންނަމަވެސް އެ ދައްކާ ވާހަކައިގައިވެސް އެއްވެސް މާނައެއް ނެތްކަމަށާއި އެއީ ހުސް އަނގަކަމަށް ވިދާޅުވިއެވެ.
ކުރީގެ ބަނޑާރަނައިބުންގެ ގޮތުގައި ހުންނަވާފައިވާ ފަރާތްތަކެއް އިދިކޮޅުގެ ޖަލްސާގައި ވާހަކަދައްކާފައިވާތީ، ޝަރީފްވަނީ މުނައްވަރު އަދި އާޒިމާއަށް ސުވާލުތަކެއް ރައްދުކުރައްވާފައެވެ. އޭނާ ވަނީ ޗާގޮސް އެއީ ރާއްޖޭގެ ސަރަހައްދެއް ކަމަށް މުނައްވަރު އަދި އާޒިމާ ގަބޫލުކުރެއްވިނަމަ ބަންޑާރަ ނައިބުކަމުގައި ހުންނެވި އިރު، ދައުވާ ނުކުރެއްވި ސަބަބާއިމެދު ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ، އެމްއެންޕީގެ ލީޑަރު ނާޒިމް އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް އެ ވާހަކަތައް ކުރިން ނުދައްކަވާކަމަށެވެ.

