ރާއްޖެއަށް އަންނަ ކޮންމެ ހެޔޮ ބަދަލެއްގެ ފުރަތަމަ ފާހަގަ ޖެހޭ ތަނަކީ އައްޑޫ ސިޓީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެެއްޖެއެވެ.
އައްޑޫ ސިޓީގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު އިފްތިތާހު ކޮށްދެއްވުމަށް އައްޑޫ އަަށް ވަޑައިގެން މަރަދޫ ފޭދޫގައި ރައީސް ވިދާޅުވީ މިއަދު އޮތީ ވާހަކަ ދެއްކުމުގެ ބަދަލުގައި ފެންނަަ މަންޒަރު ފެނި އެކަމަށް ހެކިވުން ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ މިއަދަކީ އައްޑޫގެ ތަރައްގީގެ ހެޔޮ ފާހަގަ ފެށޭ ދުވަސް ކަމަށާޢި އަދި ތަރައްގީ އަމަލީ ގޮތުން އައުމުގެ ދުވަސް ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.
އިންސާނީ ހައްގާއި ޑިމޮކްރަސީ އާއި ހެޔޮވެރިކަމުގެ ބަދަލަކީ ފަހުގެ ތާރީހުގައި ރާއްޖެ ފުރޮޅުނު އެންމެ ބޮޑު އިންގިލާބު ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ މަހްފޫމް އެންމެ ފުރަތަމަ ފަހުމްވި ރައްޔިތުންގެ ތެރޭގައި އައްޑޫ ސިޓީ ހިމެނޭ ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.
މާޒީގައި ރައްޔިތުން އުފުލި ތަކުލީފާއި ދަތި ފާއިތުވެގެން ގޮސްފައިވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ ތަކުލީފާއި ދަތި ތަހައްމަލު ކުރަނީ އޭގެ ފަހަތުން ލިބޭނެ ފަސޭހައިގެ އެދުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެދުވަހު ރައްޔިތުން އުފުލި ތަކުލީފުގެ އެ މަރުހަލާ ނިމިގެން ގޮސްފައިވާ ކަމަށެވެ. އަދި މިއަދު އައްޑޫ ސިޓީއިންނާއި މުޅި ރާއްޖޭގެ ހުރިހާ ރަށަކުން ފެންނަ މަންޒަރަކީ އެދުވަހު ރުއި ގަސްތަކަށް ރޫފަ ޖެހި ކުރިލާ ހެދޭ މަންޒަރު ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.
ދުނިޔެއަށް ހުޅުވާލެވޭ ވަރުގަދަ ސިޓީ އަކަށް އައްޑޫ ސިޓީ ބަދަލުކުރުމަކީ މާޒީގެ ތެރެއިން ތަކުރާރުކޮށް އިވުނު ދިގުލައިގެން ދިޔަ އަޑެއް ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.
އައްޑޫ ތަރައްގީ ކުރާ ވާހަކައިގެ އަޑު މަޑުވުމަށްފަހު މިއަދު ސަރުކާރުން ކުރަމުންދަނީ އައްޑޫގެ ތަރައްގީ އަށް ބޭނުންވާ ކަންތައްތައް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އައްޑޫ ސިޓީ އަށް ބަދަލު އަންނާނީ އައްޑޫގެ ބިމުގެ ބައްޓަން ބަދަލުކޮށްގެންކަން އަބަދުވެސް އެނގޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އައްޑޫގެ ތާރީހްގައި ހިންގޭ ބިމާއި ގުޅޭ އެންމެ ބޮޑު މަޝްރޫއު މިހާރު ވަނީ މެކުހަށް ޖަހާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން 1.5 ބިލިއަން ރުފިޔާ ހޭދަކޮށްގެން 190 ހެކްޓަރުގެ އިތުރު ބިން އައްޑޫ އަށް ދަނީ އިތުރުވަމުން ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން އިތުރު މަޝްރޫއު އެއްގެ ގޮތުގައި ހުޅުމީދޫ އަށް އިތުރު 42 ހެކްޓަރު ބިން ހިއްކުމަކީ އައްޑޫ ސިޓީ އަށް އިތުރުވާ ބިން ކަމަށް ރައީސް ވިދާޅުވިއެވެ.
ހުޅުމީދޫގެ ބިން ހިއްކުމުގެ މަޝްރޫއަކީ 179 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެ އަށް ހެޔޮ ބަދަލު ގެނައުމަށް އައްޑޫގެ ރައްޔިތުން ނިކުތީ ތަރައްގީގެ މަޝްރޫއުތައް އައްޑޫ ސިޓީ އަށް ބޭނުންވާތީ ކަމަށެވެ. އަދި އެކަން ހިނގަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
އައްޑޫގެ ބިން ހިއްކުމަށް ހަމަޖެހިފައިވަނީ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ އަދި ހުޅުމީދޫ އިން ނެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން މި ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގައި ހިމެނޭ މަޝްރޫއެކެވެ. އަދި މިއީ އައްޑޫގެ މި ފަހުގެ ތާރީހުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު މަޝްރޫއެވެ.
އައްޑޫގައި ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ، ނެދަލޭންޑްސްގެ ވެންއޫޑް ކުންފުންޏާއި އެމްޓީސީސީންނެވެ. ބިން ހިއްކުމުގެ ކުރިން، ހިއްކާ ސަރަހައްދުން މުރަކަތައް ނަގައި އެެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ނިންމާލައިފައެވެ. އެގޮތުން، 70،000 މުރަކަ ކޮލިނީ ރައްކާތެރި ސަރަހައްދަކަށް ބަދަލުކޮށްފައެވެ.

