ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އަށް ރައްޔިތުންގެ މެޖޯރިޓީ ގެއްލެނީބާ ؟

ރައީސުލްޖުމްހުރިއްޔާ އަދި އިކޮނޮމިކް މިނިސްޓަރ ރައީސް ނަޝީދާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރަސީގެ ރިވެތި އުސޫލު ރާއްޖެއަށް އުފަންކުރި ކަމަށް ދައުވާ ކުރާ ބޭފުޅަކު  ނިސްބަތްވާ  ޕާޓީ އެއީ އެންމެ މީހުން ގިނަ ޕާޓީއެވެ. މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ ނުވަތަ އެމްޑީޕީ އަކީ އެންމެ ގިނަ ރައްޔިތުން އެޕާޓީ އަކަށް ނިސްބަތްވާ ޕާޓީއެއް ކަމަށް އެޕާޓީގެ ސަޕޯޓަރުން ބުނެއުޅެއެވެ. އެކަމުގައި ސަބަބުތަކެއް ވެސް އެކުލެވިގެންވެއެވެ.

މާޒީގައި ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުންނާ ގާތުން ވެރިކަމެއް ކުރިކަމަށް އެއް ބަޔަކު ބުނަމުންދިޔައީ އެމްޑީޕީ ކަމަށެވެ. އޭރު އެމްޑީޕީ އުފެދިގެން އައީ އިންސާފު ގާއިމް ކުރުމަށެވެ. ވައްކަމާއި ފިތުނަ ފަސާދަ އާއި ކޮރަޕްޝަން ނައްތާލުމަށެވެ.

ރައްޔިތުން ފުދުންތެރިކުރުވައި  ރައްޔިތުން ބާރުވެރިކުރުވައި ރައްޔިތުން އެދޭ ބަދަލު ގެނެސްދިނުމަށެވެ. ރައްޔިތުން އެ ބަދަލު ގެނައެވެ. ނަމަވެސް އެކަމުން މާ ބޮޑު ފައިދާ އެއް ލިބެމުން ނުދާ ކަމަށް ބުނެ ދެވަނަ ފަހަރަށް ބަދަލު ކުރިއެވެ.

ކޮންމެ 5 އަހަރަކުން ވެރިކަން ބަދަލުވެއެވެ. އައު ވެރިއަކު އިންތިހާބު ކުރެވި އައު މިސްރާބަކަށް ގައުމުގެ ކަންތައްތައް އަމާޒު ހިފައެވެ. ވެރިކަން ކުރާ ޕާޓީ އިން އެބައިމީހުންގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާއިރު އިދިކޮޅު ޕާޓީގެ ރޯލަކީ ޖަވާބުދާރީ ކުރުވުމެވެ. ސަރުކާރީ ޖަވާބުދާރީ ކުރުމެވެ.

އިދިކޮޅު ޕާޓީއެއްގެ ދައުރު މިވަގުތު އަދާކުރަމުންދަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ނެވެ. ޕީޕީއެމް އިން މިއަދު ސަރުކާރު އެންމެ އެދެވޭ ގޮތުގައި ޖަވާބުދާރީ ނުކުރެވޭ ވާހަކަ އަކީ އަބަދުވެސް ދެކެވޭ ވާހަކައެވެ. އެހެން ނަމަވެސް އެކަމުގެ ސަބަބެއް ހުދު އެ ޕާޓީގެ މެމްބަރުނަށް ވެސް ބުނެ ނުދެވެއެވެ.

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ޖަލުން މިނިވަން ކުރުމަށް ޕާޓީ އެކީގައި ނުކުމެ މަސައްކަތް ކުރެއެވެ.

މި ސަރުކާރުން ރައީސް ޔާމީން ނުހައްގުން ޖަލަށްލާފައިވާ ކަމަށް ބުނެ އިދިކޮޅުން އެމަނިކުފާނު މިނިވަން ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ދަނީ ކުރަމުންނެވެ.

މިހާތަނަށް ބޭއްވުނު ރިޔާސީ އިންތިހާބުތަކުން ރައްޔިތުންގެ ތާއީދު އޮތީ ކޮންބަޔަކަށްތޯ ނުވަތަ ނޫންތޯ ވަނީ ފެނި ހާމަ ވެގެން ގޮސްފައެވެ. އެގޮތުން  2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރީ ފަސޭހަ ކަމާއެކުގައެވެ. އެއީ އެވެރިންގެ ބަހުރުވައިންނަމަ މައުމޫނީ ފިކުރު ފޮހެލުމަށް އެންމެން އެކީ ކުރި ގައުމީ މަސައްކަތެވެ.

2008 ގެ އިންތިހާބުގައި ކުރީގެ ރައީސް ނަޝީދު އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫނުގެ މައްޗަށް ކުރި ހޯއްދެވިއެވެ. އެއަށްފަހު ދެން ފެނިގެންދިޔައީ ނަޝީދުގެ ނައިބު ރައީސް ޑރ ވަހީދު ވެރިކަމުގެ ހުވާ ކުރެއްވި މަންޒަރެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދުތައް ތަރުތީބުވެފައިވާ ގޮތަށް ބަލާނަމަ މިއަދު އެންމެ މެމްބަރުން ގިނައީ އެމްޑީޕީގައެވެ. އެއަށްފަހު ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީގައެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ޕީޕީއެމް އިން ކާމިޔާބުކުރިއެވެ. ހަމަ އެއާއި އެކު ވިދިވިދިގެން އައި މަޖިލީހުން ގިނަ ގޮޑި ކާމިޔާބު ކުރިއެވެ. ނަމަވެސް އެދައުރުގައި ލޯކަލް ކައުންސިލްތަކުގެ ބޮޑުބައި ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީ އިންނެވެ. ނަމަވެސް 2018 ވަނަ އަހަރު އެމްޑީޕީގެ ވެރިކަމެއް އަލުން އުފެދިގެން އައިސް މަޖިލީހުގެ އިންތިހާބުގެ މެޖޯރިޓީ އާއި ކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީން ހޯދިއެވެ.

މިއަދު އަނެއްކާވެސް މިވަނީ ސިޔާސީ މަސްރަހު ބަދަލުވާން ފަށާފައެވެ. މިއަދު އެމްޑީޕީ ދެބައިވެ ޕާޓީގެ ގިނަ މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުވާ މަންޒަރު ފެންނަން ފަށައިފިއެވެ. އެގޮތުން ބޮޑުތިލަދުންމަތީގެ ސިޓީއެއް ކަމަށްވާ ކުޅުދުއްފުށީ ކައުންސިލް އެކުގައި އެމްޑީޕީ އަށް ވަނީ ގެއްލިފައެވެ.

ކުޅުދުއްފުށި ކައުންސިލްގެ އިތުރުން ބައެއް އެހެން ކައުންސިލްތައް އަލަށް އުފައްދާ ސިޔާސީ ޕާޓީ އެއް ކަމަށްވާ ދަ ޑިމޮކްރެޓްސް އާއި ދަނީ ގުޅެމުންނެވެ.

ރައްޔިތުން ސިޔާސީ ޕާޓީތަކާއި ގުޅެނީ ފޮނި އުއްމީދާއި އެކުގައި ނަމަވެސް އެކަން ބަދަލުވާ މަންޒަރު ފެނި ގިނަ ބައެއްގެ އުއްމީދުތައް އެތަކެއް ފަހަރު ގެއްލެއެވެ. ވެރިކަމަށް އައުމަށް ކިޔާހާ ޅެމެއް ފަރިއްސަށްވެގެން ދާން ނަގަނީ މަދު ސިކުންތު ކޮޅެކެވެ.

ރައްޔިތުންގެ ވޯޓުން އިންތިހާބު ކުރާ ވެރިއެކެވެ. ރައްޔިތުންގެ ވޯޓުން އިންތިހާބު ކުރާ މަޖިލިސް މެމްބަރުންނެވެ. ރައްޔިތުންގެ ވޯޓުން އިންތިހާބު ކުރާ ކައުންސިލަރުންނެވެ. ރައްޔިތުންގެ ކިބައިން ބާރުތައް ފެށިގެން އަންނަ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވި ނަމަވެސް ރައްޔިތުންނަށް ފުރިހަމަ ބާރުވެރިކަން އެއްވެސް ވެރިކަމެއްގައި ލިއްބައިދީފައިވޭތޯ ނުވަތަ ނޫންތޯ މިއީ މިއަދު ކޮށްލުން ރަނގަޅު ސުވާލެކެވެ.

ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރި ބައެއް ވެރިން މިއަދު އަމިއްލަ އެދުމަށް ޕާޓީ ގުރުބާންކުރާ މަންޒަރު ދަނީ ފެނި ހާމަވަމުންނެވެ. ރައްޔިތުންގެ ހައްގުގައި މިވަގުތު ޖަލުގައި އޮތް ކަމަށް ބުނާ ބޭފުޅެއްގެ މާޒީވެސް ފެނިގެން ގޮސްފިއެވެ. އަދި ރައްޔިތުން އެދޭ  ބަދަލަކަށް މަސައްކަތް ކުރި ބޭފުޅެއް ވެސް ފެނިގެން ހިނގައްޖެއެވެ.

މޮޅެތި ޝިޔާރުތައް އުފަންކުރުވައި ސިޔާސަތުތައް ކަނޑައަޅަނީ އެ ތަންފީޒު ކުރުމަށެވެ. ނަމަވެސް އާހިރު ނަތީޖާ އަކީ އެއިން އެއްވެސް ކަމެއް ނުވެ ދައުރު އެކީ ނިމިގެން ދާ ދިއުމެވެ. ވަތަން އެދޭގޮތް ނުވެ އަނެއް ދިވެހި ރާއްޖެ އަށް ނުދެވި ދައުރު ނިމިގެންދިޔައެވެ. އެއަށް ފަހު އުއްމީދާއި ޒުވާނުންނާއި ތަރައްގީ ގެނައުމުގެ 5 އަހަރު ވޭތުވެގޮސް ޖަޒީރާ ދިރިއުޅުމާއި އެޖެންޑާ 19 އާއި  އެކު ރަށްވެހި ފަތިހުން އަލިވިލުނީ އަނދިރި ކަމަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: