ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ބާއްވާ މޯލްޑިވްސް – ސްރީލަންކާ ޖޮއިންޓް ކޮމިޝަން“ގެ ހަތަރުވަނަ ސެޝަން ސްރީލަންކާގައި ބާއްވަން ނިންމައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ އާއި ސްރީލަންކާ އާއި އެކުގައި ބާއްވާ މޯލްޑިވްސް ސްރީލަންކޯ ޖޮއިންޓް ކޮމިޝަންގެ 4 ވަނަ ސެޝަން އޮންނާނީ މި ޖޫންމަހުގެ 6 އިން 7 އަށް ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައެވެ.
މިޖޮއިންޓް ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދު އާއި ސްރީލަންކާގެ ޚާރިޖީ ވަޒީރު، ހިޒް އެކްސެލަންސީ އެމް.ޔޫ.އެމް. އަލީ ސަބްރީ އެވެ.
މިބައްދަލުވުމުގެ މިނިސްޓަރުން ފެންވަރުގެ ބައްދަލުވުމުގެ ކުރިން 6 ޖޫން 2023ގައި ސީނިއަރ އޮފިޝަލުންގެ ބައްދަލުވުމެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މޯލްޑިވްސް-ސްރީލަންކާ ޖޮއިންޓް ކޮމިޝަން“ އެކުލަވާލާފައިވަނީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސޮއިކުރެވުނު އެގްރީމަންޓް އޮން އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަންގެ ދަށުން 1984ވަނަ އަހަރު އެވެ.
މިޖޮއިންޓް ކޮމިޝަންއަކީ ރާއްޖެއާއި ސްރީލަންކާއަށް މުހިއްމު ދާއިރާތަކާއި ކަންކަމާ ގުޅޭގޮތުންނާއި ދެޤައުމުން ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ޚިޔާލު ބަދަލުކޮށް މިހާތަނަށް ކުރެވިފައި ހުރި މަސައްކަތްތައް މުރާޖަޢާކުރުމަށް ދެޤައުމުގެ ސަރުކާރަށް ވެސް ލިބޭ ޕްލެޓްފޯމެކެވެ.
މިސެޝަނުގެ ސީނިއަރ އޮފިޝަލުންގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް އެޖެންޑާ ކުރެވިފައިވާ ކަންކަމުގެ ތެރޭގައި ވިޔަފާރި އާއި އިންވެސްޓްމަންޓާއި، ފަތުރުވެރިކަމާއި، ޘަޤާފަތާއި، ތަޢުލީމާއި، ޞިއްޙަތާއި، މަސްވެރިކަމާއި، ދިފާޢީ ދާއިރާއާއި، ޤާނޫނާއި ޤާނޫނު ތަންފީޒުކުރުމާއި، ޒުވާނުންނާއި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ދާއިރާގައި އެއްބާރުލުން ދިނުން ހިމެނެއެވެ. މީގެ އިތުރުން، މިޖޮއިންޓް ކޮމިޝަނުގެ ހަވާސާގައި ދެޤައުމުގެ މެދުގައި ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޖޮއިންޓް ކޮމިޝަނުގެ ތިންވަނަ ސެޝަން ބާއްވާފައިވަނީ 2017 ވަނަ އަހަރު ދިވެހިރާއްޖޭގައެވެ.

