2030 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ނެޓްޒީރޯ ޤައުމަކަށް ވުމަށް ހިފާފައިވާ އަމާޒަށް ވާޞިލްވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ރައީސް ސާލިހް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވަނީ އިއާދަ ކުރުވަނިވި ހަކަތައިގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ.
މި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި، 36 މެގަވޮޓްގެ ކަރަންޓް އަވިން އުފެއްދޭނެ ނިޒާމްތައް ޤާއިމްކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެމިންވަރަށް އެކަން ހިނގުމުން ވެސް ، ކަރަންޓް އުފެއްދުމުގައި 17 މިލިއަންލީޓަރުގެ ޑީސަލް އަދި 270 މިލިޔަންރުފިޔާ ސަލާމަތްކުރެވޭކަމަށެވެ. އަދި މިހާރު އިތުރު 113 ރަށެއްގައި އަވިން ހަކަތަ އުފައްދާ ނިޒާމްތައް ޤާއިމްކުރުމުގެ މަސައްކަތްތައް އެކި މަރުޙަލާތަކުގައި ހިނގަމުންދާކަމުގައި ރައީސް ސާލިހް ވިދާޅުވިއެވެ.
އަމާޒަކީ ދިވެހިރާއްޖޭގައި ހަކަތަ އުފެއްދުމަށް ތެލަށް ބަރޯސާވުން ނިމުމަކަށް ގެނަސް، ތިމާވެށްޓާއި ރައްޓެހި ގޮތްގޮތަށް ހަކަތަ އުފައްދައި ، ބޭނުންކުރާ ޤައުމަކަށް ބަދަލުކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައިގަނޑު މައްސަލަތަކުގެ މައްޗަށްވެސް އަލި އަޅުއްވާލައްވާފައެވެ.
މިގޮތުން ކުނީގެ މައްސަލައާ ސިންގަލް ޔޫސް ޕްލާސްޓިކްގެ މައްސަލައާ، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
ރައްކާތެރިގޮތުގައި ކުނިމެނޭޖުކުރުމަށާއި ކުނިނައްތާލުމަށް ކުރެވެމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ސަރުކާރުގެ އަމާޒަކީ ރާއްޖެ ސިންގަލް ޔޫސް ޕްލާސްޓިކް އެގޮތަކަށްވެސް ބޭނުން ނުކުރާ ޤައުމަކަށް ބަދަލުކުރުން ކަމަށް ވިދާޅުވިއެވެ. އަދި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ސަރުކާރުން އެކަށައަޅައި ތަންފީޒްކުރަމުން އަންނަ ސިޔާސަތުގެ ދަށުން 13 ބާވަތެއްގެ ޕްލާސްޓިކް މަނާކުރުމާއި ގުޅިގެން ރާއްޖެ އެތެރެކުރެވޭ ޕްލާސްޓިކް ކޮތަޅުގެ ނިސްބަތް 50 އިންސައްތަ މަދުކުރެވިފައިވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކުރަންޖެހިފައި އޮތް ކަމަކީ، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، މޫސުމީ ބަދަލުތަކަށް ތައްޔާރުވެ ތިބުންކަމަށެވެ. މީގެ އިތުރުން ކުރިމަގުގައި މޯލްޑިވްސް ގްރީންފަންޑުން ކަނޑައެޅޭ ވަކި މިންވަރެއް ތިމާވެށި ޙިމާޔަތްކުރުމުގެ މަސައްކަތްތަކަށާއި، އެ ދާއިރާއިން އިންސާނީ ވަސީލަތްތައް ބިނާކުރުމަށާއި، މުއައްސަސާތަކުގެ ޤާބިލްކަން އިތުރުކުރުމަށާއި، ރިސާޗް އެންޑް ޑިވެލޮޕްމެންޓް މަސައްކަތްތައް އަދި ތިމާވެށީގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާޢަތްތަކަށް އެހީތެރިވުމަށް ބޭނުންހިފާނެ ގޮތްތަކެއް ބެލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރުކަމުގައިވާ ”ބީޓް ޕްލާސްޓިކް ޕޮލިއުޝަން“ މިޝިއާރުގެ ދަށުން ސްކޫލުތަކަށް ހުޅުވާލައިގެން ބޭއްވި، ވީޑިއޯ އުފެއްދުމުގެ މުބާރާތުން ހޮވުނު އެންމެ މޮޅު 3 ވީޑިއޯ ވަނީ ދައްކާލާފައެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ޖޫންމަހުގެ 5 ވަނަ ދުވަސް ފާހަގަކުރުމަށް އދ. އިން ނިންމާފައި ވަނީ، 1972 ވަނަ އަހަރުއެވެ. މިއަހަރަކީ، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރާތާ 50 އަހަރު ފުރުނު އަހަރެވެ

