ބައެއް ރިޔާސީ ކެނޑިޑޭޓުން އަމަލުކުރައްވާ ގޮތުން، ދިވެހިރާއްޖޭގެ ސަލާމަތާއި އިގްތިސާދީ ހަމަޖެހުމަށް ބުރު އެރުމުގެ ފުރުސަތު އޮތްކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ބައެއް ފަރާތްތަކުން އަވައްޓެރި ގައުމުތަކަށް ނިސްބަތްކޮށް ނޭދެވޭ ވާހަކަތައް ދައްކަވާކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އިންޑިއާ އަކީ ރާއްޖޭގެ ތަރައްގީގައި މުހިންމު ރޯލެއް އަދާކޮށްފައިވާ ގައުމެއްކަމަށެވެ. އެނާ ވިދާޅުވީ، އެ ގައުމުންވަނީ ރާއްޖެއަށް ގިނަ އެހީތަކެއް ވެފައިކަމަށެވެ. އަދި ރާއްޖެއިން ވޭތުވެދިޔަ ހުރިހާ ޒަމާނެއްގައިވެސް ގެންގުޅެފައިވަނީ އިންޑިއާ ފަސްޓު ޕޮލިސީއެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އިންޑިއާއިން ގެންގުޅެމުންދަނީ ނެއިބަހުޑް ފަސްޓު ޕޮލިސީއެއްކަމަށެވެ. އަދި އެއީ ސަރަހައްދީ އަމާންކަމާއި ސުލްހަމަސަލަސްކަމަށް ބޭނުންތެރިކަމެއްކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ތަރައްގީއާއި ކުރިއެރުން އިންޑިއާ ކަނޑުގެ ސަރަހައްދުގެ އަމާނަކަމާއި ހަމަޖެހުމާއި ގުޅިލާމެހިފައިވާކަމަށެވެ. އަދި މި ސަރަހައްދުގައި ސުލްހަ ގާއިމުވެފައި އޮވެގެން ނޫނީ ރާއްޖެ އަދި މި ސަރަހައްދުގައިވާ އެހެން ގައުމުތަކަށްވެސް ކުރިއެރުމެއް ނެތްކަމަށް ވިދާޅުވިއެވެ.
ޝަރީފްވަނީ މި ފުރުސަތުގައި އެހެނިހެން ސިޔާސީ ޕާޓީތަކަށް ބަހުގެ ހަމަލާތަކެއް ރައްދުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ވަގުތީ ސިޔާސީ މަންފާއެއް ހާސިލު ކުރުމުގެ ނިޔަތުގައި ރައީސް ސާލިހުގެ ވާދަވެރިން އިންޑިއާއަށް ކުޑައިމީސްކޮށް، ދެ ގައުމުގެ ގުޅުން ހީވަރުވާފަދަ ވާހަކަތައް ދައްކާކަމަށެވެ. ޝަރީފް ވިދާޅުވީ، އެކަމުގެ ސަބަބުން އިޔާދަ ނުވާވަރަށް ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އޮތްކަމަށެވެ.
އޭނާ ވިދާޅުވީ، ރާއްޖެ އަދި އިންޑީއާ ދެމެދު އޮތީ ބަދަހި ގުޅުމެއްކަމަށެވެ. އަދި އެ ގުޅުމަކީ މި ސަރަހައްދުގެ އަމާންކަމާއި ހަމަޖެހުން ގާއިމުވެފައި އޮތުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއްކަން އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެއްކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ ގުޅުން ހީނަރުވެދާނެ ކަމަކަށް މަގުފަހިވާ ގޮތަށް ބައެއް ފަރާތްތަކުން މަސައްކަތްކުރަމުންދިއުމަކީ ނުރައްކާތެރިކަމެއްކަމަށެވެ.
އޭނާ ވިދާޅުވީ، ބައެއް ރިޔާސީ ކެނޑިޑޭޓުން ސިޔާސީ މައިދާނަށް ނުފޫޒު ފޯރުވުމަށް ކުރައްވަމުންދާ ކަންކަމުގެ ސަބަބުން، ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖެއަށް ބޮޑެތި ގެއްލުންތައް ލިބިދާނެކަން ފަހުމް ނުކުރެއްވޭކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ދިވެހިރާއްޖޭގެ ސަލާމަތާއި، ތަރައްގީއަށް އޮތް ނުރައްކަލެއްކަމަށެވެ.

