ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ޗާޓުން ބޭރުވެ “މުގާބޭގެ” ލަގަބް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ. މި ބާރުގެ ބޭނުން ރައްޔިތުންނަށް ބޭނުން ކުރެވޭނެ ތިން ހާލަތެއް އާދެއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމުގއްޔާއި، ރައްޔިޔުންގެ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމުގައްޔާއި އަދި ރަށު ކައުްންސިލާއި އަތޮޅު ކައުންސިލްތަކުގެ އިތުރުން ސިޓީ ކައުންސިލްތަކަށް މެމްބަރުން އިއްތިހާބު ކުރުމުގައެވެ.

ގާނޫނުއަސާސީން ލިބިދޭ ބާރުތަކުގެ ބޭނުންކޮށްގެން ރައްޔިތުން ބޭފުޅަކު އިންތިހާބު ކުރާ އެންމެ މުހިންމު މަގާމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމެވެ. އޭގެފަހުން ރައްޔިތުންގެ ބާރުގެ ބޭނުން ކޮށްގެން ދެން ރައްޔިތުން އެކުލަވާލަނީ ގާނޫނު ހެދުމުގެ ބާރެވެ. މި ބާރުތަކުގެ ބޭނުން ރައްޔިތުންނަށް ކުރެވެނީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރުއެވެ. އޭގެ ފަހުން ދެން ކަންކަން ކޮންމެ ގޮތަކަށް ހިނގާދިޔަނަމަވެސް ކުރި ނަމަވެސް ރައްޔިތުންނަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތެވެ. މިއަދު ރައްޔިތުން އެ މީހުންނަށް ލިބުފައިވާ ބާރުގެ ބޭނުން ކޮށްގެން އެކުލަވާލި ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ފެންނަނީ މި ދެންނެވި މަންޒަރެވެ. ރައްޔިތުންގެ މަސްލަހަތަށް ވުރެ ނުވަތަ ގައުމީ މަސްލަހަތަށް ވުރެ ޕާޓީއާއި އަމިއްލަ މަސްލަހަތު އިސްކޮށްފިއެވެ. ރައްޔިތުންނަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތެވެ.

ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޢަމަލުކުރާންވާނީ، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެނެއް ނުވާނެއެވެ. އަދި އެބައިމީހުން، އެބައިމީހުން އިންތިހާބުވީ ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ގައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާޔަތްކުރާންވާނެ ކަަމަށް ގާނޫނުއަސާސީގައި ވަނީ ބުނެފައެވެ. ނަމަވެސް ހަގީގަތަކީ މިއަދު މަޖިލީހުން ފެންނަނީ ގާނޫނުއަސާސީން ތަސައްވަރު ކޮށްދިން މަންޒަރު ނޫން ކަމަވެ. ހާއްސަކޮށް ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ފަރާތުން މިއަދު ފެންނަ މަންޒަރަކީ ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާއި ހިލާފް ޑިމޮކްރެސީގެ ރޫހާއި ވެސް ހިލާފް މަންޒަރުތަކެކެވެ.

މިއަދު މަޖިލީހުގެ ރައީސްގެ މަގާމް އަދާކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ފެންނަނީ ހުދުމުހުތާރު ކަމާއި ގޮތް ދޫނުކުރުމުގެ މަންޒަރެވެ. އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ކަންކަން ނުވުމުން މުޅި މަޖިލިސް ހުއްޓުމަކަށް ގެނައީއެވެ. ގާނޫނީ ބޭފުޅުން ދެއްވި ލަފައެއް ނުވަތަ ދެއްވާ ލަފައެއް ގަބޫލު ކުރައްވަނީއެއް ނޫނެވެ. މިއަދު މުޅި މަޖިލީހުގެ ހުރިހައި މަސައްކަތެއް ހުއްޓި މަޖިލިސް ތަޅުލާން ޖެހިފައި މިވަނީ ސީދާ ރައީސް ނަޝީދުގެ ސަބަބުންނެވެ.

ރައީސް ނަޝީދު ގަބޫލުފުޅު ކުރައްވާ ގޮތުގައި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަކީ ޑިމޮކްރެސީގައި ވަަރަށް ހުތުރު އަމަލެކެވެ. އެހެހްވެ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެ ވަޑައިގަންނަވާކަން ވަނީ ހާމަ ކުރައްވާފައެވެ. މައްސަލައެއް ނޫނެވެ. އެ މަގުން އެމަނިކުފާނު ވަޑައިގަންނަވަންވީއެވެ. ނަމަވެސް މައްސަލައަކީ އެމަނިކުފާނު ރިޔާސަތު ނުބަލަހައްޓާތަނުގައި ގަވާއިދާއި އެއްގޮތަށް މަޖިލިސް ކުރިއަށް ގެންދަން ޖާގަ ވެސް ނުދެއްވުމުންނެވެ.

މަޖިލީހުގެ އަމީންއާންމު ފާތުމަތު ނިއުޝާ ވަނީ މަޖިލީޙުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ ގޮތުގެ ލަފާ ކައުންސެލް ޖެނެރަލްގެ ލަފާގެ މަތިން ނަޝީދަށް ދެއްވާފައެވެ. އެގޮތުން  ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަތަކާއި އެކު، ޖަލްސާތައް ކުރިޔަށް ނުގެންދެވި އޮތުމަށް ހައްލެއް ގެންނަން ޖެހޭކަމަށް ބަޔާންކޮށް ނިއުޝާ ވަނީ ރައީސް ނަޝީދަށް ސިޓީއެއް ފޮނުއްވާފައެވެ.

ނިއުޝާ ވިދާޅުބެފައި ވަނީ މަޖިލީހުގެ ނިޒާމުގެ ތެރޭގައި ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތެއް ހަމަޖައްސައިދެއްވުމަށެވެ. ރައީސް ނަޝީދަށް އެޑްރެސް ކުރައްވައި ނިއުޝާ ފޮނުވި ސިޓީގައި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތާއި، ގަވައިދުން އެކަމަށް ތަންދޭ ގޮތުގެ ލަފާތަކެއް ދެއްވާފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމަށް މަޖިލީހުގެ 50 މެމްބަރަކު ސޮއިކޮށް ހުށަހަޅާފައިވާއިރު، އެ ގަރާރުގެ ނޯޓިސް ހަމަވެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ނ) ގައިވާގޮތުގެ މަތީން މަޖިލީޙުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ކުރިއެވެ. އެކަމަކު މަޖިލީހުގެ ނައިބު ރައީސާއި އެކު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް ހުށަހަޅާފައި ވާތީ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެ ރައީސް ނަޝީދު އަންގަވާފައިވީ ނަމަވެސް 206 ވަނަ މާއްދާއަށް ރިއާޔަތްކޮށް ގަވައިދުގެ 205 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވެފައިވާކަން ނިއުޝާ ފާހަގަ ކުރި އެވެ.

ރައީސް ނަޝީދު އިތުބާރުގެ މައްސަލަ އުޒުރަކަށް ހައްދަވާ ކުޅުއްވަނީ ޑްރާމާއެއްކަން ސާބިތުވާ ކަންކަން ނިއުޝާގެ ސިޓީގައި ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން  މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ރައީސް ނަޝީދު އުޒުރުވެރިވި ސަބަބާއި ގުޅިގެން ނިއުޝާ ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހަށް މިވަގުތު ލިބިފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރަކީ، އެ ގަރާރުގެ ނޯޓިހުގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހެއްގައި ޖަލްސާއެއް ބޭއްވި އެ ޖަލްސާއަށް ހުށަހަޅަންވާނެ ގަރާރެއް ކަމަށެވެ.

އެހެންނަމަވެސް އެ ޖަލްސާ ބޭއްވިފައި ނުވަނީ މަޖިލީހުގެ ނައިބު ރައީސް މަގާމުން މަޖިލީހުގެ ނައިބު ރައީސް އޭނާގެ ދިފާއުގައި ވާހަކަ ދެއްކުމަށް ލިބިދޭ ފުރުސަތުގެ އަދަދާއި އެ ފުރުސަތުގެ ދިގުމިން ކަނޑައެޅިފައިނުވާތީ ކަމަށް އަމީން އާއްމު ރައީސް ނަޝީދަށް ފޮނުއްވި ސިޓީގައި ބުނެފައިވެއެވެ. އަދި އެކަން އެހެން އޮތް ނަމަވެސް މައްސަލަ ކުރިއަށް ގެންދެވޭނެ މަގު ވަނީ ދައްކަވާފައެވެ. ހަމައެހެންމެ މައްސަލަ މަޑުޖައްސާފައި ނުބޭއްވޭނެކަން ވެސް ނިއުޝާ ވަނީ ރައީސް ނަޝީދަށް އަންގަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ މަޖިލީހުގެ ރައީސަކީ ވަކި ފަރާތަކަށް ޖެހުމެއްނެތި، ގާނޫނު އަސާސިއާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި މަޖލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކާއި މަޖިލީހުގެ އެންމެހައި ކަންކަން ހިންގުމުގެ އެންމެ އިސްވެރިޔާކަން ނިއުޝާ ވަނީ ރައީސް ނަޝީދަށް ހަނދުމަ ކޮށްދެއްވާފައެވެ.

އެހެންކަމުން ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމަށް 54 މެމްބަރުން ހުށަހޅާފައިވާ ގަރާރު މަޖިލީހަށް ހުށަހެޅި އެއާމެދު ގޮތެއް ނުނިމެނީސް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު އެޖެންޑާކޮށްފައިވާ ޖަލްސާގެ ރިޔާސަތު ބެލެހެއްުމަށް އުޒުރުވެރިވެވަޑައިގަންނަވާކަމަށް އަމީން އާއްމަށް އަންގަވާފައިވީ ނަމަވެސް ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ކައުންސިލަރ ޖެނެރަލްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ.

އެގޮތުން ނިއުޝާ ވިދާޅުވީ މަޖިލީހަށް ގަރާރެއް ހުށަހެޅި އެގަރާރު އެޖެންޑާކޮށްފައިވާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއެއްކަން  މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) އަށް ބެލުމުން  އެނގެން އޮތުމާއެކު ކައުންސެލް ޖެނެރަލް ދެއްވި މަޝްވަރާގެ އަލީގައި ގަރާރުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ފެންނަ ކަމަށެވެ.

އާންމު ކޮމިޓީގެ މައްސަލައިގައި އަމީން އާންމު ދީފައިވާ ލަފާގައި ވިދާޅުވީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މައްސަލަ މަޖިލީހުގެ ޖަލްސާއަކަށް އެޖެންޑާކޮށްގެން ހައްލު ހޯދިދާނެ ކަމަށެވެ. އެހެންކަމުން އާންމު ކޮމިޓީ ހުއްޓިފައި އޮތުމަކީ އީވާގެ މައްސަލަ މަޑުޖެއްސޭނެ ސަބަބެއް ނޫން ކަމަށް ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ރައީސް ނަޝީދު އުޒުރުވެވަޑައިގަންނަވާނަމަ އިތުރު ބޭފުޅަކަށް އެ މަސްއޫލިއްޔާތު އަދާކުރުމަކީ މަޖިލީހުގެ ގަވައިދުގައި މަޖިލީހުގެ ރައީސްއަށް އޮތް ބާރަކަށް ވާތީ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް އެހެން ބޭފުޅަކާ ހަވާލުކުރުމަށް ހުށަހަޅުއްވާފައިވެ އެވެ.

އާންމު ކޮމިޓީ ހުއްޓިފައިވާތީ އީވާގެ މައްސަލައިގައި ބަހުސްގެ ވަގުތު ކަނޑައަޅާނެ ގޮތެއް އެ ކޮމިޓީއަށް ނުނިންމޭނަމަ މަޖިލީހުގެ ޖަލްސާއަކަށް ހުށަހަޅައިގެން އީވާގެ މައްސަލައިގައި ބަހުސްގެ ވަގުތު ކަނޑައެޅޭނެ ކަމަށްވެސް އަމީން އާންމުގެ ސިޓީގައި ލަފާ ދީފައިވެ އެވެ.

މަޖިލީހުގެ އަމީން އާންމްގެ ސިޓީން ހާމަވަގެން ދިޔައީ ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއިދު ކުރައްވާ މެމްބަރުން އެ ވިދާޅުވާ ގޮތަށް މަޖިލިސް “މަރުތަޅު” އެޅިފައި ނުވާ ކަމެވެ. އެނގިގެން ދިޔައީ ނަޝީދު މަޖިލިސް ހައިޖެކް ކުރައްވައިގެން ހުންނެވި ކަމެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. މަޖިލީހުގެ ކޮންޓްރޯލް ގެއްލުނީއެވެ. ރައީސްކަން ބޭނުންފުޅުވާލެއް ބޮޑުކަމުން ގަނޑީގައި ބަގުޑި ބައްދައިގެން ހުންނެވީއެވެ. ރައީސް ނަޝީދުގެ މިފަދަ ކޮންމެ ޑްރާމާއެއްގެ ނިމުން އަންނަނީ މަގާމް ގެއްލޭ ހިސާބުންނެވެ. މިއަދު ޑިމޮކްރެސީގެ ބައްޕަގެ ލަގަބް ދެއްވި ނަޝީދަށް މުޅިން އައު ލަގަބެއް ލިބި އަރާނެ ގޮޅި ހުސްވަނީއެވެ. މުގާބާއާ ހަމަ އެއްވެސް ތަފާތެއް ނެތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: