ރަސްމީ ޕްރޮޓޮކޯލްއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީ ލިބިފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދީފައިވާތީ އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ލީޑާޝިޕުން އިތުރު ސިޓީއެއް ރައީސް އޮފީހާއި ހަވާލުކޮށްފި އެވެ.
ޕީޕީއެމް، ޕީއެންސީން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އެ ކޯލިޝަނުން ރައީސް އޮފީހުގައި ތިބެ ސިޓީއެއް ލިޔަން ޖެހުނީ ރަސްމީ ޕްރޮޓޮކޯލްގެ ތެރެއިން ކުރި މަސައްކަތަށް ކުރިއެރުމެއް ލިބިފައި ނުވާތީ ކަމަށެވެ.
އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިވަގުތު ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ސޮއި ކުރައްވާފައިވާ އެ ސިޓީގައި ބަނީ އިދިކޮޅު ލީޑަރު ރައީސް ޔާމީނަށް ސަރުކާރުން އަނިޔާ ކުރަމުންދާ ކަމަށެވެ. ސިޓީގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްވެ ހުންނަވައި ދޭ އަނިޔާތަކުގެ ސަބަބުން، އެކަމާއި ގުޅޭ ކަންބޮޑުވުން ރައްޔިތުންގެ އެބަހުރިކަމަށެވެ.
އިދިކޮޅުން ބުނީ ސަރުކާރުގެ އަމަލުތަކާއި މެދު ހިތްހަމަނުޖެހުންތައް ހުރުމުގެ ސަބަބުން ތަކުރާރުކޮށް ރައީސާއި، ބައްދަލު ކުރުމަށް ކުރި މަސައްކަތަށް އެއްވެސް އަލިމަގެއް ނުފެނުނު ކަމަށެވެ. އެހެންވެ ރައީސް ސޯލިހާއި ބައްދަލު ކުރުމަށް އެދި، ރައީސް އޮފީހަށް ދާތާ ހަތަރު ދުވަސްވީއިރު އެމަނިކުފާނާއި ބައްދަލު ކުރެވޭނެ ގޮތެއް ނުވިކަމަށާއި އޭގެ ސަބަބު ސާފުކޮށްދޭން މިއަދު އެދުމުން ސިޓީ ލިބިފައިނުވާކަމަށް އެންގިކަމަށް ސިޓީގައި ފާހަގަކުރި އެވެ.
ސިޓީގައި ވަނީ ރައީސް ޔާމީން ޖަލުގައި ބާއްވައި، ސަރުކާރުން ދިވެހި ކަންކަނޑާއި ރާއްޖޭގެ ބިންތައް ވިއްކާލައި މިނިވަންކަން ނިގުޅައިގެންފައިވާކަމަށެވެ. އަދި ރައްޔިތުން އަޅުވެތިކޮށްފައިވާއިރު ދައުލަތުގެ ތިންބާރުން ކުރެ އެއްބާރު ކަމުގައިވާ ގާނޫނު ހެދުމުގެ ބާރު ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް ގެނައުމަށް ފަހު ރައީސް ހުންނެވީ ޖަވާބުދާރީވުމަށް ދެކޮޅު ހައްދަވައި ރައްޔިތުންނަށް ފިއްލަވައިގެންކަމަށް އިދިކޮޅުން ބުންޏެވެ.
އެހެންވެ މި ކަންބޮޑުވުންތައް ރައީސާއި ބައްދަލުކޮށް ހިއްސާ ކުރުމަށް ބޭނުންވާތީ، އެ އިންތިޒާމުތައް ހަމަޖައްސައިދޭން ސިޓީގައި އެދިފައި ވެއެވެ. އަބްދުއްރަހީމް ސޮއި ކުރައްވާފައިވާ އެ ސިޓީގައި އިތުރަށް ބުނެފައި ވަނީ ރައީސް ޔާމީން ނުހައްގުން އިއްވާފައިވާ ހުކުމެއްގެ ސަބަބުން ޖަލު ބަންދުގައި ހުންނަވާތާ 940 ދުވަސްވެފައިވާކަމަށެވެ. ރައީސް ސޯލިހާއި ވީހާވެސް އަވަހަށް ބައްދަލު ކުރުމަށް ބޭނުން ވަނީ އެ ސަބަބާއި ހުރެކަމަށް ސިޓީގައި ވެއެވެ.

