ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓުގައި ހިނގިކަމަށް ބުނާ ފުރައްސާރައިގެ މައްސަލަ: އެޗްއާރްސީއެމްއާއި އިންޓެގްރިޓީ ކޮމިޝަނަށް ސިޓީތަކެއް ފޮނުވައިފި

އަންހެން މީހާ ވަނީ އެޗްއާރްސިއެމް އަދި އެންއައިސީ އާއި ރައީސްގެ ސަމާލުކަމަށްވެސް މައްސަލަ ގެނެސްފައި: ފޮޓޯ/ދިއޭޝިއަންޑެއިލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރިޒްކާލްޓަން ރިސޯޓުގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާކަމަށް ބުނާ، ޗައިނާ ފަތުރުވެރިޔާ އިންސާފު ގާއިމުކޮށް ދިނުމަށް ދިވެހިރާއްޖޭގެ އެޗްއާރްސީއެމް އަދި ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަންގައި އެދިއްޖެއެވެ.

ބައިންލްއަގުވާމީ މީޑިއާތަކުގެ ފަލަސުރުހީތަކުގައި ޝާއިއުވަމުންދާ މި މައްސަލައިގެ އިތުރު ތަފްސީލުތައް ހިއްސާކޮށް ބައެއް މީޑިއާތަކުންވަނީ އެންއައިސީ އަދި އެޗްއާރްސީއެމްއަށްވެސް މައްސަލަ ހުށައެޅިފައިވާކަން ފާހަގަކޮށްފައެވެ.

ޒޫ ޔިޓޮންގް ކިޔާ ފަތުރުވެރިޔާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ކުރެވިފައިވަނީ ރިޒްކާލްޓަންގައި ބަޓްލަރެއްގެ މަގާމު އަދާކުރަމުންދާ ދިވެހި ޒުވާނެއްގެ މައްޗަށެވެ. މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވެފައިވަނީ މި މަހުގެ ތެރޭގައި ޔިޓޮންގް އޭނާއަށް ކުރިމަތިވި ހިތާމަވެރި ހާދިސާގެ ތަފްސީލުތައް ސޯޝަލްމީޑިއާގައި ހިއްސާކުރުމުންނެވެ. އޭނާގެ ނަމުގައި އުފައްދާފައިވާ ޓްވިޓާރ އެކައުންޓުން މައްސަލައިގެ ވާހަކަތައް ހިއްސާކުރީ މި މަހުގެ 18 ވަނަ ދުވަހުގައި ނަމަވެސް ހާދިސާ ހިނގާފައިވަނީ މި މަހުގެ 6 ވަނަ ދުވުގައި ރިޒްކާލްޓަންގައި ޗުއްޓީ ހޭދަކުރުމަށް އުޅުމުގެ ތެރެއިންކަމަށް ރިޕޯޓުތަކުގައިވެއެވެ.

މައްސަލައިގައި ތަފްސީލުތަކާއިއެކު އޭނާވަނީ ފޮޓޯތަކެއްވެސް ޝާއިއުކޮށްފައެވެ. އަދި ރިސޯޓުގެ ސަމާލުކަމަށް މައްސަލަ އައުމުން ވާހަކަ އުފައްދައިގެން ދައްކާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރިކަމަށާއި އެގޮތަށް އަމަލުކުރަނީ ރިޒްކާލްޓަންގައި ހިލޭ ހުރުމުގެ މަގުސަދުގައިކަމަށްވެސް އެ ވަގުތު ހާޒިރުވެ ތިބި މުއައްޒިފުން ބުނިކަމަށް އޭނާ ފާހަގަކޮށްފައިވާއިރު، އެ ރިސޯޓު ދޫކޮށް ދިއުމަށްވެސް ބުނިކަމަށާއި މާފުގެ ބަހެއްވެސް އިވިފައިނުވާކަަން އޭނާ ވަނީ ހިއްސާކޮށްފައެވެ.

ރިޒްކާލްޓަން މޯލްޑިވްސްއަކީ މަޝްހޫރު އެވޯޑުތައްވެސް މި އަހަރު ލިބިފައިވާ ރިސޯޓެކެވެ. އޮސްޓްރޭލިއާގައި ވަޒަންވެރި ޗައިނާގެ ޔިޓޮންގެ ފޯނުވަނީ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމުގެ ތެރެއިން ފެން އެޅި މައްސަލަ ޖެހިފައެވެ. އެހެންކަމުން އާއިލާއަށް ގުޅަން ދަތިވެ އެހީއަށް އެދުމުން ރިސޯޓުން ރޫމަށް ބަޓްލަރެއް ފޮނުވިކަމަށް ބުނެފައިވެއެވެ. ޔިޓޮންގް ތުހުމަތުކޮށްފައިވާގޮތުން، އެހީ ފޯރުކޮށްދިނުމަށް އައި ބަޓްލަރުވަނީ އޭނާއަށް ފުރައްސާރަކޮށް ބަދު އަހުލާގީ އަމަލުތަކެއް ހިންގުމަށް މަސައްކަތްތައް ކޮށްފައެވެ. އަދި އޭނާ އެކަމަށް އިންކާރުކުރާކަން ސާފުކޮށް އެނގިގި ނަމަވެސް ނުހުއްޓިކަމަށާއި ގަދަ ބާރުން އޭނާ އާއިއެކު އަމަލުތަކެއް ހިންގިކަމަށްވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް އޭނާ އެކަމާއި ދެކޮޅަށް ގަދަ ހަދައި އިންކާރު ކުރުމުން، ދުރަށް ޖެހި ހިންގި އަމަލެއްގެ ސަބަބުން ޔިޓޮންގެ ކޮމްޕިއުޓަރަށްވެސް އަސަރުތަކެއް ކުރިކަމަށާއި ކޮމްޕިއުޓަރު ސާފުކުރުމަށް ކޮޓަރީގައި އޮތް ތުވާއްޔެއް ބޭނުންކުރުމަށްފަހު ނުކުމެގެންދިޔަކަމަށްވެސް ބުނެފައިވެއެވެ.

ޔިޓޮންގް ބުނެފައިވާގޮތުން، އޭނާ ރިސޯޓުގެ ސަމާލުކަމަށް މައްްސަލަ ގެނައުމުން މެނޭޖުމެންޓުން މަސައްކަތްކުރީ އޭނާގެ ކޮމްޕިއުޓަރު(ލެޕްޓޮޕް) އަތުލުމަށްކަަމަށާއި އަމަލު ހިންގުމުގެ ތެރެއިން ބޭނުންކުރި ތުވާލިވެސް އަތުލުމަށް މަސައްކަތްކުރިކަމަށް ބުނެފައިވެއެވެ.

އޭނާ ބުނެފައިވާގޮތުން، ހާޒިރުވި ފުލުހުން އޭނާގެ އަނގައިން ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލްތަކެއް ނެގިއެވެ. އެހެންނަމަވެސް ތުހުމަތު ކުރެވޭ މުއައްޒިފު ހައްޔަރު ކުރުމަށް ބޭނުންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް އެވަގުތު އަދި ނެތްކަމަށް ފުލުހުން ބުނިކަމަށް އޭނާ ފާހަގަކުރިއިރު، އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ހާދިސާގެ ސަބަބުން ޒަހަމުތަކެއް ލިބިފައިވާކަން އޭނާ ފާހަގަކޮށްފައިވެއެވެ. އޭނާ ހިއްސާކުރި ބައެއް ފޮޓޯތަކުންވެސް އެފަދަ ނިޝާންތަކެއް ފެންނަން ހުއްޓެވެ.

ޔިޓޮންގްވަނީ މި މައްސަލަ ތަހުގީގުކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދުގެ ކިބައިންވެސް އެދިފައެވެ. އޭނާވަނީ ފުލުހުން އަދި ރިސޯޓުގެ މެނޭޖުމަންޓުންވެސް މައްސަލައިގައި ފިޔަވަޅުތަކެއް އަޅާފައިނުވާތީ ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. އެހެންނަމަވެސް ދިވެހި ފުލުހުންގެ މުއައްސަސާއިންވަނީ މި މަހުގެ 21 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި، މައްސަލަ ބަލަމުންދާކަމަށް ބުނެފައެވެ.

އެހެންނަމަވެސް ޔިޓޮންގްވަނީ އޭނާއަށް ކުރިމަތިވި ހިތާމަވެރި ހާދިސާއަށްފަހު އެހީއެއް ލިބުމުގައި ދިމާވި ދަތިތަކުގެ ސަބަބުން އިތުރު ނުތަނަވަސްކަމާއި ކުރިމަތިލާންޖެހުންކަން ފާހަގަކޮށްފައެވެ. އޭނާ ބުނެފައިވާގޮތުން ހާދިސާއަށް ފަހު ސީނުގައި އިތުރު 24 ގަޑިއިރު އެކަނި ހުންނަން ޖެހުމުގެ އިތުރުން، އެއަރޕޯޓާއި ހިސާބަށް އެކަނި ދަތުރު ކުރަންޖެހުން ފަދަ ކަންކަމާއި ކުރިމަތިލާންޖެހުނުކަމަށެވެ. އަދި ރާއްޖޭގައި މި ފަދަ މައްސަލަތަކުގެ ޝިކާރައަކަށް ވެގެންދާ ފަރާތްތަކަށް އެހީ ފޯރުވުމަށް ކުރެވެމުންދާ މަސައްކަތްތަކާއިމެދުވެސް އޭނާ ސުވާލު އުފެއްދިއެވެ. އޭނާވަނީ ކަމާއި ބެހޭ ފަރާތްތަކުން ގާނޫނާއި އެއްގޮތަށް އަމަލު ކުރާކަމާއިމެދުވެސް ސުވާލު އުފައްދާފައެވެ.

މި މައްސަލަ އާއި ގުޅޭގޮތުން ޝާއިއުކޮށްފައިވާ އެންމެ ފަހުގެ ރިޕޯޓުތަކުގައި ބުނާގޮތުން، ގޮންޖެހުންތަކެއް ކުރިމަތިވެފައިވާނަމަވެސް، ޔިޓޮންގް މަސައްކަތްކުރަމުންދަނީ އިންސާފަށް ވާސިލުވުމަށެވެ. އެގޮތުން މިހާރު އޭނާވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް މަރިޔަމް މުނާއަށާއި އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ގާސިމް އަބްދުލް ކަރީމްއަށްވެސް ސިޓީތަކެއް ފޮނުވާފައެވެ. އޭނާވަނީ މައްސަލަ ކުރިއަށް ދާ ގޮތް ބެލުމަށާއި، ފުލުހުންގެ އަމަލުތަކަށް ފާރަވެރިވެ ގާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރާކަން ކަށަވަރުކޮށްދިނުމަށް އެދިފައެވެ. އަދި އިންސާފު ގާއިމުކުރެވޭނެކަމަށް އުންމީދުކުރާކަމަށާއި މި ފަދަ މައްސަލަތައް ހައްލުކުރުމަށް ފިޔަވަޅުތައް އަޅާނެކަމަށް އުންމީދުކުރާކަމަށް ބުނެފައިވެއެވެ.

މި ހިތާމަވަރި ހާދިސާގައި އިންސާފު ހޯދުމަށް މަސައްކަތްތައް ކުރެވެމުންދާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު، މައްސަލައިގައި ތުހުމަތު ކުރެވިފައިވާ މުއައްޒިފުގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ބުނެފައެވެ.

މައްސަލައާއި ގުޅިގެން ބައިންލްއަގުވާމީ މީޑިއާތަކުގައި ޝާއިއުކުރެވެމުންދާ ރިޕޯޓުތަކުގައި ހާދިސާ ހިނގި ގޮތާއި ބެހޭ ގޮތުން ގެނެސްދީފައިވާ ބައެއް މައުލޫމާތުތަކަކީ ރާއްޖޭގެ އާންމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފު ވާހަކަތައް ކަމަށް ވާތީ އެ ވާހަކަތައް ހިއްސާ ނުކުރުމަށް “ސަންގު” އިން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: