ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން ކުރަނީ ނަތީޖާއެއް ނެތް މަސައްކަތްތަކެއް!

ޑިމޮކްރެޓްސްއާއި ޕީޕީއެމްއިން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ޑިމޮކްރެޓްސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އައުމަށް ފަހު އިދިކޮޅުގެ ހަރަކާތްތައް ވަރަށް ބޮޑަށް ފަނޑުވެގެންދިޔައެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ޕާޓީ އޮފީސް ދޮރުމަތީ ދެތިން މެންބަރަކު ނިކުމެގެން ކުރާ އިހުތިޖާޖްގެ އިތުރުން މާ ބޮޑު ހަރަކާތެއް ނެތިފައި އޮއްވާ ޕާޓީއަށް ދިރުމެއް ގެނުވީ ޗާގޯސްގެ މައްސަލައެވެ. އެ މައްސަލަ އާއި ގުޅިގެން ދިވެހިރާއްޖޭގައި އޮތް ހުރިހާ އިދިކޮޅު ސިޔާސީ ޕާޓީތަކާއިއެކު މަސައްކަތް ފެއްޓެވިއެވެ. ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ މި ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލައިފިކަމަށް ވިދާޅުވެ ފެއްޓެވީ އާދައިގެ މަސައްކަތެއް ނޫނެވެ.

ކަނޑު ވިއްކާލުމާއި ދެކޮޅަށް ނަމުގައި އިއްތިހާދެއް އުފައްދާ، ކަނޑު ވިއްކާލުމާއި ދެކޮޅަށް ރައީސް ސާލިހަށް ޕެޓިޝަނެއް ހުށައެޅުމަށްޓަކައި ސޮއި ހަމަކުރުމުގެ މަސައްކަތްތަކެއްވެސް ކުރިއަށް ގެންދިޔައެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލުމަށް ރައީސް ސާލިހު އެއްބަސްވީކަމަށް ބުނެ، އިންޓަނޭޝަނަލް ޓްރިބިއުނަލް އޮން ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ސިޓީއެއް ފޮނުވުމާއި، އަދި އޭގެ އިތުރުންވެސް މަސައްކަތްތަކެއް ކުރިއެވެ.

ނަމަވެސް ކުރަން ފެށި މަސައްކަތުން ނަތީޖާއެއް ނުނެރެވިގެން އުޅެނިކޮށް، އިވިގެންދިޔައީ ގައުމާއި، ދީނަށްޓަކައި ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށް އުފެއްދެވި ޗާގޯސް ކޯލިޝަނުގައި ހިމެނޭ އަލަށް އުފެއްދުމަށް މަސައްކަތްކުރާ ދަ ޑިމޮކްރެޓްސްއާއިއެކު ސިޔާސީ މަސައްކަތްތައް ފެއްޓެވި އަޑެވެ. އެއީ ރައީސް ސާލިހު ވެރިކަމުން ބޭލުމަށްޓަކައި އެ ކުރަންޖެހޭ މަސައްކަތެވެ. އިދިކޮޅުގެ މަސައްކަތްތައް މާ ހަރުދަނާ ގޮތެއްގައި ފެނިގެންނުދާއިރު، ދައްކާ ވާހަކައާއި، އަމަލަކާއި ދިމައެއް ނުވެއެވެ.

އޭރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރޭގައި އެމްޑީޕީގެ ރައީސްކަމުގައި ހުންނަވާ މުހައްމަދު ނަޝީދު ރައީސް ޔާމީންއަށް ތައުރީފުކުރައްވާ ވާހަކަދެއްކެވުމުން އިދިކޮޅުން ތަކުރާރުކޮށް ވިދާޅުވީ ރައީސް ޔާމީން އަށް އަނިޔާކުރި މީހުން ނޯޅޭކަމަށެވެ. އަދި އިދިކޮޅާއިއެކު ކޯލިޝަން ހަދާ ޕާޓީއަކުން އިދިކޮޅުގެ އުސޫލުތަކާއި ފަލްސަފާތައް ގަބޫލުކުރައްވަން ޖެހޭނެކަމަށް ފާހަގަކޮށް އޭރު ދެއްކެވި ވާހަކައަކީ އެހެން ބައެއްގެ ސިޔާސަތުތައް ގަބޫލުކޮށްގެން އިދިކޮޅުން އެހެން ޕާޓިއަކާއި ނުގުޅޭނެކަމުގެ ވާހަކައެވެ.

ނަމަވެސް ދަ ޑިމޮކްރެޓްސްއާއިއެކު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމަށްފަހު މީޑިއާތަކާއި ވާހަކަދައްކަވަމުން ފާހަގަކުރި ގޮތުގައި ދޫ ދޭންޖެހޭ ކަންތައްތަކެއް ހުރިކަމަށް ދެ ފަރާތަށްވެސް އެއްބަސްވެވެއެވެ. މިހާރު ދައްކަވާ ވާހަކަތަކުގެ ސަބަބުން،، އޭރު ގަދަ ފައި ވިއްދާ ދެއްކެވިހާ ވާހަކައެއް ބިލާހަކަށްވެގެންދިޔައީއެވެ. އިދިކޮޅުން ދައްކަވާ ވާހަތަކުގައި އެއްވެސް އޮއްޓަރެއް ނެތްކަމަށް އަދި ކުރައްވާ މަސައްކަތުން ނިކުންނާނެ ނަތީޖާއެއް ނެތްކަމަށް ދަންނަވަން ޖެހެނީ މިފަދަ ސަބަބުތަކާއި ހުރެއެވެ.

ދަ ޑިމޮކްރެޓްސްއާއިއެކު އެ ފެއްޓެވި މަސައްކަތުންވެސް ނިކުންނާނެ ނަތީއެއް ނެތްކަމަށް ދެންނެވޭނެ ސަބަބުތައް އެބަހުއްޓެވެ.

ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ޖުމްހޫރީ ޕާޓީއާއިއެކުވެސް މަސައްކަތްތަކެއް ކުރެއްވިއެވެ. ގުޅިފައިވާ މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތްކުރިއިރު، ސިލްސިލާ ބައްދަލުވުންތަކެއްވެސް ބޭއްވިއެވެ. އަދި ބާއްވާނެކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ރައީސް ނަޝީދުގެ ފަރާތުން ހުށައަޅާ ހުށައެޅުންތައް ހުށައެޅިތަނާހެން ހުރިހާކަމެއް ނިމުމަކަށް އައީއެވެ. އެއީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނިމުމަށްފަހު ވެރިކަމަށް ހުވާކުރެއްވުމާއި ދެމެދު އޮންނަ މުއްދަތުގައި ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ނަގަންޖެހޭ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ހުށައެޅި ހުށައެޅުމެވެ. އެއާއިއެކު އެ މަޝްވަރާތައް ނިމުމަކަށް އައި ނަމަވެސް ނިމުމަކަށް ނާންނަކަން ދެއްކެވުމަށް މަސައްކަތްތަކެއްކުރެއްވިއެވެ. އިދިކޮޅާއިއެކު، ދަ ޑިމޮކްރެޓްސްއިން ކުރަމުން ގެންދާ މަސައްކަތްތަކަށްވެސް ވާނީ މިހެންކަން އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

ދެން އޮތީ ކުރާ މަސައްކަތުގެ ވާހަކައެވެ. ކުރަނީ ނަތީޖާއެއް ނެތް މަސައްކަތްތަކެކޭ ދަންނަވަން ޖެހޭ ސަބަބުތައް މަދެއް ނޫނެވެ. އިދިކޮޅުގެ އެންމެ ވަރުގަދަ އެއް މަސައްކަތެއްގެ ގޮތުގައި ދެއްކެވުމަށް މަސައްކަތްކުރާ ކަމަކީ ކޮންމެ ދުވަހަކު ކޮންމެސް އެއް މުއައްސަސާއަކަށް ވަޑައިގެން ކުރައްވާ މަސައްކަތްތަކެވެ. އެއް އިރެއްގައި ވަޑައިގެންނެވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށެވެ. ދެން ވަޑައިގަންނަވަން ފެއްޓެވީ ހުއިމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށެވެ. ޕްރޮސެކިއުޓަރ ޖެނެރެލްގެ އޮފީހަށާއި، ސްޕްރީމް ކޯޓަށްވެސް ވަޑައިގެންނެވިއެވެ. އޭގެ އިތުރުން ދެ އިރު ދެ ދަޅައަށް ކޮންމެ ދުވަހަކު ރައީސް އޮފީހަށް ވަޑައިގަތެވެ. ކޮންމެ ތަނަކަށްވެސް ވަޑައިގެން މީޑިއާތަކާއި ބައްދަލުކުރައްވާ ވިދާޅުވަނީ ކުރަން އުޅޭ މަސައްކަތް ކާމިޔާބު ނުވަނީހެން ހުއްޓާނުލައްވާނެކަމަށެވެ. އަދި ބޭނުންވާ ޖަވާބު މީގެން ކޮންމެ ތަނަކުންވެސް ހޯދާނެކަމަށް ވިދާޅުވިއެވެ.

މިހުރިހާ ތަނަކަށްވެސް ވަޑައިގެންނެވުމުގެ އަމާޒަކީ ރައީސް ޔާމީންއަށް ކުރާ އަނިޔާ ހުއްޓުވުމާއި، އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ނުހައްގު ހުކުމެއްކަމަށް ބުނެ، އެ ހުކުމް ބާތިލްކުރުމަށް އެދި ވަކާލާތުކުރުމެވެ. ނަމަވެސް މިކަން ހާސިލްނުވެ އުޅެނިކޮށް މިހާރު އެ ފެއްޓެވީ ދަ ޑިމޮކްރެޓްސްއާއިއެކު މުޅި އެހެން މަސައްކަތެކެވެ.

އިދިކޮޅުން ކުރަނީ ނަތީޖާއެއް ނެތް މަސައްކަތްތަކެކޭ އަދި އަމާޒެއް ނެތްކަމަށް ބުނެވޭ ސަބަބުތަކަކީ މިއީއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް 80 އަށްވުރެ މަދު ދުވަހަށްވެފައިވާއިރު، އިދިކޮޅުގެ މިސްރާބަކީ ކޮބައިކަމެއް އަދިވެސް ސާފެއް ނޫނެވެ. ކޮންމެ ގޮތެއްވިއަސް މިސްރާބު ހޯދާ، މަގު ޗާޓު ރަނގަޅަށް އެކުލަވާ ނުލެވިއްޖެނަމަ އިދިކޮޅަށް ވަގުތު ފާއިތުވާކަން މާ ގިނަ ދުވަހެއް ދެން ނެތެވެ.

ވަރަށް ގަދަ
39%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 3%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: