ޑިމޮކްރެޓްސްގެ އެންމެ ބޮޑު ބޭނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމުމަކަށް ގެނައުންކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓްސްގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސްއަޅައިގެން މެމްބަރުން ފަހަތަށް ނުޖެއްސޭނެ ކަމަށެވެ. ތަރުތީބުވެގެން ހިންގާ ސިޔާސީ ހަރަކާތްތަކަށް ޑިމޮކްރެޓްސްގެ މެމްބަރުން މާ ހުށިޔާރުވާނެކަމަށާއި، ކުރާ އުނދަގޫތަކެއްގެ ސަބަބުން މަސައްކަތް ހުއްޓާލާނެކަމަށް ސަރުކާރުން ދެކުމަކީ ގޯހެއްކަމަށް އާޒިމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލި ނުކުރެވޭނެކަމަށް ކިތަންމެ ޔަގީންކަމާއި އެކު ތިބި ނަމަވެސް މި ސަރުކާރު ނިމުމަކަށް ގެންނާނެކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެންމެ ބޮޑު އެއް ބޭނުމަކީ ވެސް ރައީސް ސޯލިހު ބަލި ކުރުންކަމަށެވެ.
އަޅުގަނޑުމެން ބޭނުމީ އޭނަ ބަލި ކުރަން… އަޅުގަނޑުމެން ވިސްނުމުގައި އެ ނޫންކަމެއް ނުވެސް ނެތީ.. އެއީ ބައިވަރު ސަބަބުތަކާއި ހެދި
އާޒިމް ވިދާޅުވީ މިހާރުގެ ވެރިކަން ނިމުމަކަށް ގެނެސްގެން ނޫންގޮތަކަށް ދިވެހިންނަށް ބަސް ބުނުމުގެ މިނިވަންކަން އޮތްކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އާޒިމް ވިދާޅުވި ގޮތުގައި ބޭނުންވާ މިނިވަންކަމަކީ ބޭނުންވާ އެއްވެ އުޅުމުގެ މިނިވަންކަމާއި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަމެވެ.
ޑިމޮކްރެޓްސްގެ އަޑު ކަނޑުވާލެވޭނެ ގޮތަކީ ޕާޓީގެ ރެޖިސްޓްރީ ނުދީ ހިފަހައްޓައިގެންކަމަށް އިލެކްޝަންސް ކޮމިޝަނުގެ ދެ މެމްބަރަކަށް ގަބޫލު ކުރެވޭނަމަ އެއްވެސް މިންވަރަކަށް ދޫނުދޭނެކަމަށް އާޒިމް ވިދާޅުވި އެވެ.
މިހާތަނަށް ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ހުށަހެޅި ފޯމުތަކުގެ ތެރެއިން އެންމެ ފުރިހަމަ ފޯމުތައް ހުށަހެޅި ޕާޓީއަކީ ޑިމޮކްރެޓްސްކަމަށް މުޅި އިލެކްޝަންސް ކޮމިޝަން އެއްބަސްވާކަމަށާއި އެހެންކަމުން އިތުރަށް ދެން ބަލަންވީ ކޮންކަމެއް ތޯ އާޒިމް ސުވާލު އުފެއްދި އެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ އެންމެ ފަހުގެ ތައްޔާރީތައް ވުމާއި ގާތްވެފައި ވަނިކޮށް ކޮމިޝަނުގެ މައްޗަށް އޮތް އިތުބާރު ގެއްލިފައިވާކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބޭއްވި އެވެ.
ނޫސްވެރިންނާއި ބައްދަލުކޮށް އެ ޕާޓީގެ މުއައްސިސް ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރެޓްސްގެ ހުއްދަ ނުދީ ހިފަހައްޓާފައި ވަނީ އުސޫލުތަކާއި ހިލާފަށް ކަމަށެވެ. ޕާޓީ އުފެއްދުމަށް ބޭނުންވާ ސޮއި ހަމަކޮށް ކުރު މުއްދަތެއްގެ ތެރޭގައި ފޯމުތައް ހުށަހެޅުމުން ވެސް މިވީ 25 ދުވަހުގެ ތެރޭގައި ކޮމިޝަނުގެ ބައެއް މެމްބަރުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭކަމަށް އޭނާ ވިދާޅުވި އެވެ. ހަސަން ލަތީފް ވިދާޅުވީ މި މަހުގެ އެއްވަނަ ދުވަހު ފޯމުތައް ހުށަހެޅުމުން 14 ދުވަހުގެ ތެރޭގައި ފޯމުތައް ޕްރޮސެސް ކުރާނެކަމަށް އީސީން ބުނިކަމަށެވެ. އެކަމަކު އެ މުއްދަތު ފަހަނަޅައި ދިޔައިރު ވެސް ހުއްދަ ނުދިންކަމަށް ވިދާޅުވި އެވެ. ހަސަން ވިދާޅުވީ އެ މަސައްކަތްތައް ވެސް ނިމިފައިވާކަމަށާއި ހުއްދަ ހިފަހައްޓާފައި ވަނީ ކޮމިޝަނުގެ ބައެއް މެމްބަރުން އެގޮތަށް ބޭނުންވެގެން ކަމަށެވެ.
އެހެންވެ އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ.

