”އިންޑިއާ އައުޓް“ ހަރަކާތަކީ އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕުގެ ފުރިހަމަ އެއްބާރުލުމާއިއެކު ހިންގާ ހަރަކާތެއްކަމަށާއި އެހެންކަމުން އެ ހަރަކާތްތައް ހުއްޓުވޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށް އެ ޕާޓީގެ ހަރަކާތް ކޮމިޓީގައި ޗެއަރ އަދި ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އިދިކޮޅުގެ ހަރަކާތެއްގެ އަވައްޓެރި ގައުމުތަކާއިމެދު ނަފްރަތު އުފެދޭ ފަދަ އަމަލުތައް ހިންގާފައިވާކަމަށް ބުނެ އެކަން ކުށްވެރިކޮށް ސަރުކާރުން ވަނީ ބަޔާނެއް ނެރެފައެވެ. އިއްޔެގެ ވަގުތެއްގައި އިދިކޮޅުން ކުރިއަށް ގެންދިޔަ ހަރަކާތްތައް ހުއްޓުވުމަށް ފުލުހުންގެ މުއައްސަސާއިންވަނީ މަސައްކަތްތައް ކޮށްފައެވެ. އަދި ބައެއް މެމްބަރުން އެ މުއައްސަސާގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފައިވެއެވެ.
މުހައްމަދު އިސްމާއިލް ސޯޝަލްމީޑިއާއަށް ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީޕީއެމްގެ ސެނެޓުން ފާސްކޮށްގެން އުފައްދާފައިވާ ހަރަކާތް ޑިޕާޓުމެންޓުގެ ޗެއަރގެ ގޮތުގައި އޭނާވާނީ އިސްވެ ހުންނަވައިގެން ރައްޔިތުންނަށް ނުހައްގުން ލިބިގެންދާ އަނިޔާތަކާއި ދެކޮޅަށް އެތައް ހަރަކާތެއް ހިންގާފައިކަމަށެވެ. އޭނާ ވިދާޅުވީ، އެ ހަރަކާތްތައް ކުރިއަށް ގެންދެވީ ގާނޫނީ އިމުގެ ތެރެއިންކަމަށެވެ.
އޭނާ ވިދާޅުވީ، ރޭޕު ކޭސްތަކުގައި އަނިޔާ ލިބިފައިވާ މީހުންނަށް ހައްގުތައް ހޯދައިދެއްވުމަށްވެސް އިދިކޮޅުގެ ހަރަކާތުގެ ތެރެއިން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި އިންޑިއާ ސިފައިން ދިވެހި ފަސްގަނޑުގައި ތިބުމާއި ދެކޮޅަށްވެސް ހަރަކާތްތައް ކުރިއަށް ގެންދެވިކަމަށާއި، ރައްޔިތުންގެ ފައިސާއިން ނަހަމަ ގޮތުގައި ބޭނުންކުރުމާއި ދެކޮޅަށާއި ރާއްޖޭގައި ގޮތް ނޭނގޭ މަރުތައް ގިނަވުމާއިއެކުވެސް އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ އަޑުއުފުލުމަށް ހަރަކާތްތައް ކުރިއަށް ގެންގޮށްފައިވާނެކަމަށެވެ. އަދި ކުރެއްވީ ސުލްހަވެރި އިހުތިޖާޖުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވީ، އޭނާ އަދި އިދިކޮޅުންވާނީ ރައްޔިތުންގެ ހައްގުގައި އިތުރު އެތައް މަސައްކަތްތަކެއްވެސް ކުރައްވާފައިކަމަށެވެ. ހާއްސަ ގޮތެއްގައި ”އިންޑިއާ އައުޓް“ ހަރަކާތް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެ ހަރަކާތަކީ އިދިކޮޅުގެ ލީޑަރޝިޕުގެ ފުރިހަމަ އެއްބާރުލުމާއިއެކު ކުރިއަށް ގެންދާ ހަރަކާތެއްކަމަށެވެ. އެހެންކަމުން އެ ހަރަކާތްތައް ހުއްޓުމަކަށް ގެނެވޭނެ އެއްވެސް ހާލަތެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

