ސްވިޑެންގައި ހުރި އިރާގުގެ ރައްޔިތަކަށް ގުރުއާން ހަތިމެއް އެންދުމަށް ފުރުސަތު ދިނުމުން ހިތްހަމަނުޖެހުން ފާޅުކޮށް، އިރާގުގެ ރައްޔިތުންތަކެއް އެ ގައުމުގައި ހުންނަ ސްވިޑެންގެ އެމްބަސީއަކަށް ވަދެގަނެފިއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން، އިރާގުގެ ސިޔާސީ ލީޑަރެއްކަމަށްވާ މުގްތަދާ އަލް ސަދުރަށް ތާއީދުކުރާ ފަރާތްތަކުން ވަދެފައިވަނީ އެ ގައުމުގެ ބަގްދާދުގައި ހުންނަ ސްވިޑެންގެ އެމްބަސީއަކަށެވެ. އެކަން ކޮށްފައިވަނީ ސްވިޑެންގައި ހުރި އިރާގުގެ ރައްޔިތަކު ހަތިމެއް އެންދި މައްސަލަ އިސްލާމީ ގައުމުތަކުން ކުށްވެރި ކުރަމުންދަނިކޮށެވެ.
އެމްބަސީއަށް ވަތް މީހުންވަނީ އެ ގޯތި ތެރޭގައި ވަގުތުތަކެއް ހޭދަކޮށްފައެވެ، އަދި ތަނުގެ ރައްކައުތެރިކަން ކަށަވަރު ކުރުމަށް މަސައްކަތްތައް ފެށުމުން އެ މީހުންވަނީ އެ ތަން ދޫކޮށް ގޮސްފައެވެ. އެހެންނަމަވެސް އެ މީހުންވަނީ އެމްބަސީގެ ދޮރުގައި، ގާނޫނުއަސާސީއަކީ ގުރުއާންކަމަށް ލިޔެ ސްޕްރޭ ކޮށްފައެވެ.
ސްވިޑެންގައި ހުރެ ގުރުއާން ހަތިމެއް އަންދާ ހުރުމަތް ކަނޑާލާފައިވަނީ 37 އަހަރުގެ ސަލްވާން މޮމީކާ ކިޔޭ އިރާގުގެ ރައްޔިތެެކެވެ. އޭނާވަނީ އެ ގައުމުގެ ވެރިރަށުގައި ހުންނަ އެންމެ ބޮޑު މިސްކިތުގެ ކުރިމަތީގައި ހުރެ ހަތިމަކަށް އިހާނާތްތެރިކޮށް ހިތައި އެތައް ގަނޑެއްގައި ރޯކޮށްލާފައެވެ. އެކަން ކޮށްފައިވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ދަށުން އެ ގައުމުގެ ފުލުހުން ދީފައިވާ ހުއްދައަކާއިއެކުކަމަށްވާއިރު، މިހާރު އޭނާގެ މައްޗަށް ނަފްރަތު އުފައްދައިގެން ހަމަނުޖެހުން ހިންގަން އުޅުނުކަމުގެ ދައުވާތައް ކުރެވޭކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރެއެވެ.
އޭނާ މި އަމަލު ހިންގާފައިވަނީ މުޅި އިސްލާމީ ދުނިޔޭގައި އަޟްހާ އީދު ފާހަގަކުރެވެމުންދަނިކޮށްކަމަށްވުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި މައްސަލައިގައި ނުރުހުން ފާޅުކޮށްފައިވެއެވެ.
އިރާގުގެ ފޮރިން މިނިސްޓްރީއިންވަނީ އެ ގައުމުގެ ރައްޔިތަކު ހިންގި އަމަލު ކުށްވެރިކޮށްފައެވެ. އަދި ސްވިޑެންގެ ސަރުކާރުގެ ނިންމުންވެސް ކުށްވެރިކޮށް އެއީ ހަރުކަށި ފިކުރުގެ އަމަލެއް ހިންގުމަށް ޖާގަ ދިނުންކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އަދި އެއީ މުޅި އިސްލާމީ ދުނިޔޭގެ ރުޅިވެރިކަން އަމާޒުވާނެކަމެއްކަމަށާއި އެއީ ނުރައްކާތެރިކަމެއްކަމަށްވެސް ސިފަކޮށްފައިވެއެވެ.
އިރާގުގައި ހުންނަ ސްވިޑެންގެ އެމްބަސީއަށް ވަދެގަތް މީހުންވަނީ ސަފީރު އެ ގައުމުން ފޮނުވާލުމަށް ގޮވާލާފައެވެ. އަދި ސްވިޑެންއަކީ އިސްލާމްދީނުގެ އަދުއްވެއްކަމަށްވެސް ގޮވާލާފައިވެއެވެ. ސައުދީ އަރަބިއްޔާއިންވެސް ވަނީ މި އަމަލުތައް ބަލައިނުގަނެވޭކަން ފާހަގަކޮށްފައެވެ. އެގޮތުން ތަކުރާރުވަމުންދާ ނަފުރަތުގެ މި އަމަލުތަކަކީ އިންސާފުވެރި އަމަލުތަކެއްކަމަށް ބަލައިގަނެވޭނެ އެއްވެސް ހާލަތެއްނެތްކަމަށް ބުނެފައިވެއެވެ.
އިރާގުގެ ސަރުކާރުންވަނީ ހަތިމު އެންދި މީހާގެ މައްޗަށް އިންސާފު ގާއިމުކުރުމަށް އެ ގައުމަށް ގެނެވޭނެ އިންތިޒާމުތައް ހަަމަޖެއްސުމަށްވެސް އެދިފައިކަމަށް ބައެއް މީޑީއާތަކުން ރިޕޯޓުކުރެއެވެ. ތުރުކީގެ ރައީސް ވަނީ އަމަލު ހިންގުމަށް ޖާގަދީފައިވުމާއިއެކު ސްވިޑެން ބަލައިނުގަންނަ ކަން ހާމަކޮށްފައެވެ. އެކަމުގެ ސަބަބުން ނޭޓޯއާއި ގުޅުމަށްޓަކައި ސްވިޑެންއިން ކުރަމުންދާ މަސައްކަތްތަކަށް ބުރުއެރުމުގެ ފުރުސަތު އޮވެއެވެ.
އޭނާ ވިދާޅުވީ، މުސްލިމުންނަށް މަލާމާތްކޮށް ފުރައްސާރަކުރުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނޫންކަން ހުޅަނގަށް ދައްކާލާނެކަމަށެވެ.

