ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅާއި ޑިމޮކްރެޓުން އެއްކަމަކަށް އަމާޒު ހިފިޔަސް، އޮތީ ތަފާތު މަގްސަދެއް!

އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި ދަ ޑިމޮކްރެޓްސްއިން ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި، ދަ ޑިމޮކްރެޓްސް އެކުގައި ސިޔާސީ މަސައްކަތްތައް ފެއްޓެވުމުން ގިނަ ބަޔަކު ދެ ޕާޓީ ސިފަކުރީ ފެނާއި ތެޔޮލުގެ ގޮތުގައެވެ. އަދި ފެނާއި ތެލަކީ ދުވަހަކުވެސް އެއްވާނެ އެއްޗެއް ނޫންކަމަށް ހިޔާލުފާޅުކުރި މީހުން ބުންޏެވެ. އެހެންކަމުން ދަ ޑިމޮކްރެޓްސްއާއި އިދިކޮޅާއި އެއް ނުވާނެކަމަށް ބުނި މީހުންވެސް މަދެއް ނޫނެވެ.

މިއީ ހަމަ އިދިކޮޅަށް ނިސްބަތްވާ މެންބަރުން ދެއްކެވި ވާހަކަތަކެވެ. ޕާޓީއެއް އެބަޔެއްގެ މައްޗަށް އެންމެ ބޮޑަށް ބަރޯސާވާ އާންމު މެންބަރުންގެ ޝުއޫރުތައް މިފަދަ ގޮތަކަށް ހުރި ނަމަވެސް، އިދިކޮޅުގެ ލީޑަރުޝިޕުން ފަރުވާލެއް ނެތެވެ. މަސައްކަތް ކުރައްވަމުން ގެންދަވަނީ އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފޮނުއްވާ ނޯޓާއި އެއްގޮތަށެވެ.

އިދިކޮޅާއި ދަ ޑިމޮކްރެޓްސްއިން ޖަހާ ބެރާއި، ކިޔާ ލަވާއާއި ދިމާވަނީ އެންމެކަމެއްގައެވެ. އެއީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަން ބަދަލުކުރުމަށެވެ. މިކަންކުރުމަށް އަތުކުރި އޮޅާލިއިރު، ރައީސް ސާލިހު ވެރިކަމުން ބޭލުމަށް އެއްބަސްވެ ރާގު ދިމާވި ނަމަވެސް، ހިތުގެ އަޑީ ފޮރުވިފައި އޮތް ކަންތަކެއް ދިމައެއް ނުވެއެވެ. އަނެއްކާވެސް މަގްސަދު ދިމާނުވެ، އެއް މަގަކުން ހިނގަން އުނދަގޫވީއެވެ.

އިދިކޮޅުން ރައީސް ސާލިހު ވެރިކަމުން ބޭލުމަށް ބޭނުންވަނީ، ރައީސް ޔާމީންގެ ވެރިކަމެއް ގާއިމްކޮށް، އިންޑިއާގެ ސިފައިން ބޭރުކޮށް ގައުމުގައި ރައީސް ޔާމީންގެ ސިޔާސަތުތައް ތަންފީޒުކުރެއްވުމަށެވެ. އަދި ވެރިކަން ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތެއްގެ ގޮތުގައި އިދިކޮޅުން ގަބޫލުކުރަނީ ރައީސް ޔާމީން މިނިވަންކުރުމެވެ. ނަމަވެސް ޑިމޮކްރެޓުންގެ ހިޔާލު މިއާއި މުޅި ތަފާތުކަން މިއީ ސާފުކޮށް ވިދާޅުވާން ނޭނގުނަސް، ރައްޔިތުންނަށް އެނގެން އޮތް ހަގީގަތެވެ. ސާފުކޮށް އެއްބަސްވާން ނުކެރުނު ނަމަވެސް އަމިއްލަ ކެނޑިޑޭޓެއް ނެރުމަށް ޑިމޮކްރެޓުންވެސް ބޭނުންވެއެވެ. އަދި ރައީސް ޔާމީން އަށް ތާއީދުކުރުމަށް ފަސްޖެހެއެވެ. އަމިއްލަ ވެރިކަމެއް ގާއިމްކޮށް އެ ޕާޓީގެ ފަލްސަފާ ތަންފީޒުކުރުމަކީ ޑިމޮކްރެޓުންވެސް ދެކޭ ހުވަފެނަކަށްވާއިރު، ރައީސް ސާލިހު ވެރިކަމުން ފައިބާ ހިސާބަށްދާއިރު އެއް ގަލެއްގެ މަތީ ދެ ޕާޓީއަށް އޮވެވުމަކީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ.

އެހެންކަމުން ފަހުރުވެރިވެލާފައި ދެ ޕާޓީއަށްވެސް އެއް ކަމަކަށް އެއްބަސްވެވޭކަމަށާއި، އެއީ ރައީސް ސާލިހުގެ ވެރިކަން ބަދަލުކުރުންކަމަށް ވިދާޅުވި ނަމަވެސް، ރައްޔިތުން ޖެހި ހިސާބު މުޅިއަކުން ގޯހެއް ނޫނެވެ.

ރައީސް ސާލިހު ވެރިކަމުން ބޭލުމަށް އެއްބަސް ކިޔައިގެން، އެ މަގްސަދު ހާސިލްކުރުމަށް ކުރަން ހުރި މަސައްކަތްތަކުގައި މުޅިންވެސް ވަނީ ދެބަހެވެ. ރައީސް ސާލިހުގެ ވެރިކަން ބަދަލުކުރެވެން އޮތީ ވަރުގަދަ ރަނގަޅު ކެނޑިޑޭޓަކު ނެރެގެންކަން މިއީ ހާމަވާން އޮތް ހަގީގަތްކަމަށްވާއިރު، އެ ކެނޑިޑޭޓާއިމެދު ދެ ބަސްވެވެއެވެ. އެއީ ރައީސް ޔާމީންތޯ ނުވަތަ، އެމްޑީޕީގެ ރައީސްކަމުގައި ހުންނަވާ ދަ ޑިމޮކްރެޓްސްއާއި ގުޅިވަޑައިގަތުމަށް އެ ޕާޓިއިން ވަކިވި ކުރީގެ ރައީސް މުހައްމަދު ނަޝީދުތޯ ނުވަތަ ދެ ޕާޓީއިން އެއްބަސް ކިޔައިގެން ނެރޭ އެއް ކެނޑިޑޭޓެއްތޯ މިއީ މިއަދު ބޮޑު ސުވާލެވެ. ސަރުކާރާއި، ރައީސް ސާލިހު ނޫނަސް މި ސުވާލުގެ ޖަވާބު ބޭނުންވެއެވެ. ނޫސްވެރިންނާއި އާންމުންނާއި، ދެންވެސް ތިބި އެންމެން މި ސުވާލުތަކުގެ ޖަވާބު ބޭނުންވާއިރު، ދެ ޕާޓީއިން އެއްބަސްވުމަކަށް ނައިސް ވަނިކޮށް، މި ސުވާލުކުރުމުން ދޭނެ ޖަވާބެއް ނެތުމުން ނޫސްވެރިންނަށް ރުޅިގަނޑު ބާލާލުމުން ހައްލެއް ނުލިބޭނެއެވެ.

އިދިކޮޅުން ތަކުރާރުކޮށް ބުނަމުންދާ ވާހަކައަކީ އެބޭފުޅުންގެ އެއްވެސް ސިޔާސަތެއް ބަދަލުނުކުރާނެކަމުގެ ވާހަކައެވެ. އަދި އިދިކޮޅާއި ގުޅެން ބޭނުންވާ ފަރާތެއްނަމަ ނަށަން ޖެހޭނީ އިދިކޮޅުން ޖަހާ ބެރަށްކަމަށް ތަކުރާރުކޮށް ޕާޓީގެ ލީޑާޝިޕުން ދަނީ ފާހަގަކުރައްވަމުންނެވެ. މިހެން ކަން އޮތްއިރު ދެވެން އޮތީ ކޮން ދުލެއްތޯއެވެ. ސައްހަ ކެނޑިޑޭޓެއް ނެތްއިރުގައި ގުޅިފައިވާ ކެނޑިޑޭޓަކަށް ތާއީދުކުރުމުގެ ވިސްނުމެއް ނެތެވެ. ޑިމޮކްރެޓުން ގޮތްދޫކުރެއްވި ނަމަވެސް ޕީޕީއެމްއިން ގޮތްދޫކުރަން ބޭނުންނުވާއިރު، އެކުގައި ދެން ކުރެވޭނީ ކޮން މަސައްކަތެއް ހެއްޔެވެ.

ގޮތް ދޫކޮށް، ދޫ ދޭންޖެހޭ ކަންތައްތަކެއް ހުރިކަމަށް ވިދާޅުވި ނަމަވެސް، ހިފަހައްޓައިގެން ތިބި ވަލުން ދޫކޮށް، ދޫދޭނެ ހަމަ އެއްބަޔަކުވެސް ނެތެވެ. ފެނިގެންދަނީ އެ ވިދާޅުވާ އަމިއްލަ ހަމަތަކާއި، އަމިއްލަ ސިޔާސަތުތަކުގައި ދެމެހެއްޓުމަށްޓަކައި ފުރަތަމަ ގޮތް ދޫކުރާ ބަޔަށް ވާން ބޭނުންނުވަތީ ގަދަ ބަސް ބުނާ މަންޒަރެވެ.

އިންޑިއާ އައުޓް ހަރަކާތް މިއީ އޭގެ ފުރިހަމަ މިސާލެކެވެ. މީގެ ކުރިން ރައީސް ނަޝީދަށް، ރައީސް ޔާމީން ކަމުނުދިޔައީ އިންޑިއާ އައުޓް ގޮވާތީއެވެ. އަދި އެކި ފުރުސަތުތަކުގައި ދަ ޑިމޮކްރެޓްސްގެ މެންބަރުން ވަނީ އިންޑިއާ އައުޓް ހަރަކާތަށް ފާޑުވެސް ވިދާޅުވެފައެވެ. ގޮތް ދޫކުރައްވަން ބޭނުންވީ ނަމަވެސް އަމާޒުވާނެ ފާޑުކިޔުމަށް ބިރުން ޑިމޮކްރެޓުންނަށް އިންޑިއާ އައުޓް ހަރަކާތަށް އާބަސް ބުނެވޭކައް ނެތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: