ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަޒީރާ ރައީސްއާއި އެލެކްސް ކުޅެނީ ގޭމެއް، އިދިކޮޅުން ސަމާލުވާންޖެހޭ!

ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު: ފޮޓޯ/ ޝަރުހާން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން ނުކުމެ ޖަޒީރާ ރައީސްގެ ވެރިކަން ނިމުމަކަށް ގެނެސްދާނެހެން ހީވި އެތައް ފަހަރެއް ގޮސްފިއެވެ.  ނޭދެވޭ ކަންކަން މި ވެރިކަމުގެ ދައުރުގެ ތެރޭގައި ފެނިގޮސްފިއެވެ. ވެރިކަން ކުރާ މައި ޕާޓީގެ ރައީސްގެ ގޮތުގައި ހުރުމަށްފަހު ވަކިވެވަޑައިގެންނެވި އެލެކްސް ޕާޓީއާއި އަލްވަދާއު ކިއުމުންވެސް ވަރަށް ގިނަ މީހުންގެ ހިތަށް އެހެން އަރާނެއެވެ.

އެހެންނަމަވެސް އަދިވެސް ތަޅުވަމުންދަނީ ހުސް އަނގައެއް ފަދައެވެ. ވިދާޅުވާ އެއްވެސް ބަހެއްގެ ސަބަބުން ޖަޒީރާ ރައީސްއަށް ކުރާ އަސަރެއް ނުފެނެއެވެ. ބާރު ކެނޑިފައިވާކަމަށް ފެންނަ އެލެކްސް މިއަދުވެސް ހަގީގަތުގައި ހުރީ ބާރުވެރިކަމުގައެެވެ. އަދިވެސް މަޖިލީހުގެ ތަހުތުގައި އިންނެވީ ހަމަ ޖަޒީރާ ރައީސް އެގޮތަށް އެކަން ދޫކުރައްވައިގެން ހުންނެވުމުންނެވެ.

ގައުމީ މަސްލަހަތު ނަގާލިކަމަށް ޖަޒީރާ ޕާޓީއިން ސިފަކުރި އަދަދެއްވެސް ނޭނގެއެވެ. އެ ހުރިހާ ކަމެއް ކުރެއްވީ ހަމަ މަޖިލީހުގެ ބޮޑު ގޮނޑީގައި ވެޑުވި އިންނަވައިގެންނެވެ. އެ ގޮނޑިން އެލެކްސް ބާލަފާނެކަމަށް ބުނެ ވާހަކަތައް ދެކެވޭއިރު، އެ ވާހަކަތައް ދެކެވި ދެކެވި މިއަދު ހީވަނީ ޖޯކެއް ހެނެވެ. ބޭލުމަށް ހިފައިފިކަމަށް ފެނިގެންދިޔަ ދުވަސްވަރަކީ ރިޔާސީ އިންހާބާއި އިންތިހާއަށް ގާތްވެފައިވާ ދުވަސްވަރެވެ. އިއްތިފާގެއްކަމަށްވެސް ވުން އެކަށީގެންވެއެވެ.

އެހެންނަމަވެސް ސުވާލުތައް އުފެދެނީ، އެ ގޮނޑީގައި އިނދެގެން ގައުމު އިނދަޖެހިއްޖެ ކަމުގެ ބިރުވެރިކަމާއި ރައްޔިތުން ބަނޑަށް ޖެހިދާނެކަމުގެ ބިރުވެރިކަން ފަތުރަމުންދިޔައިރު، ފުލުސްޓޮޕެއް ނުޖެހުމުންނެވެ. ޗާގޯސް އޭ ކިޔައިން އިދިކޮޅުން ވާހަކަދެއްކުމުން އެއީ ގައުމީ މަސްލަހަތު ނަގާލައި ދޭ ދޭ ގައުމުގެ ގުޅުމަށް ބުރޫ އަރުވައި ދިވެހިރާއްޖެ ހަނގުރާމައިގެ ނުރައްކަލުގެ ތެރެއަށް ވައްޓާލުންކަމަށްބުނާއިރު، މަޖިލީހުގެ އެންމެ ބާރުގަދަ ގޮނޑީގައި އިނދެ އެލެކްސްވެސް ހަމަ އެ ވާހަކަތައް ދެއްކިއެވެ. އިދިކޮޅުން ޗާގޯސް އޭ ކިޔައިން ދެއްކި ކޮންމެ ވާހަކައަކަށްވެސް ހެކިވެވަޑައިގަތީ އެލެކްސްއެވެ. ފޯޅަވަހީގެ އެކެސްޕާޓެއްގެ ގޮތުގައި ހަރަކާތްތެރިވިއެވެ.

އޭރު ގޮނޑިން ނުބޭލީ ކޮން ސަބަބަކާއި ގުޅިގެންތޯއެވެ. ޖަޒީރާ ޕާޓީ އޮތީ ރިޔާސީ އިންތިހާބުގެ މުނާސަބު ވަގުތާއި ޖެހެންދެންފަދައެވެ. މަޖިލިސް ޑެޑްލޮކުކަމަށް ބުނެ އެކަމުން ސަރުކާރަށް ފާއިދާ ވާކަމަށް ބުނާ އެލެކްސްވެސް އެ ޑެޑުލޮކު ނައްޓުވާލުމަށްޓަކައިވެސް ގޮނޑިން ނުފޭބިއެވެ. ޑެޑުލޮކުވެފައިވާ މަޖިލީހުގެ ބޮޑު ގޮނޑީގައި އެލެކްސް އަދި އިނަސް ރައްޔިތުންނަށް ލިބޭނެ ފައިދާއެއް ނެތްކަން ހަމަ ޔަގީނުންވެސް ސާފުވާނެއެވެ.

މިއަދު އުޅެމުންދަނީ އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރުގެ ގޮތުގައެވެ. ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދުވައިގެން ބޮޑު ސިޔާސީ ހަރަކާތެއް ކުރިއަށް ގެންދާއިރު، އެލެކްސް އެމްޑީޕީއާއި ވަކިވީ ވަރަށްވެސް ފަހުންނެވެ. ސަބަބުތަކެއް ހުރެދާނެއެވެ. އެހެންނަމަވެސް މިއަދުވެސް ހުރީ ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މީހެއްގެ ގޮތުގައެވެ. އެލެކްސްއަކީ ތަންތާނގައި ހުންނަ ޕޯޑިއަމްތަކުގައި އާންމުކޮށް ވާހަކަދައްކަވާ ބޭފުޅެއްކަމަށްވުމުން، އަދި ޑިމޮކްރެޓްސްގެ ޕޯޑިއަމެއްގައި ވާހަކަދެއްކުމުން އެކަން ހާއްސަވެގެންވެސް ނުދެއެވެ. ބޮޑު ކަމެއްގެ ގޮތުގައި ފެނިގެންދިޔަނަމަވެސް ޔަގީނުންވެސް ޖަޒީރާ ރައީސްއަށް އެކަމުގެ އެއްވެސް އަސަރެއް ނުކުރެއެވެ.

ޕީޕީއެމްއާއި އެލެކްސް އެކުގައި ފެނުމުންވެސް ޖަޒީރާ ވެރިކަން ނިމުނީކަމަށް ގިނަ ބަޔަކު ބުނަމުންދިޔައެވެ. ވާނީވެސް އެހެންނެވެ. ޖަޒީރާ ރައީސްގެ ބެސްޓު ފްރެންޑުގެ ގޮތުގައި ހަރަކާތްތެރިވެފައިވުމުން ލައްކަ ސިއްރުތައް އެނގޭނެއެވެ. މިސާލަކަށް ދަންނަވާ ނަމަ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓު، ބޮންގޮވުމުގެ ހަގީގަތް، ޖަޒީރާ ސަރުކާރުގެ ސިއްރު ޑީލުތައް އަދި އެހެނިހެން މުހިންމު ބައެއް ވެރިކަން ވެއްޓުމަށް ދިމާވެދާނެފަދަ އެތައް މައުލޫމާތެއް އެނގޭނެކަން ކަށަވަރެވެ. ޔަގީނުންވެސް ޖަޒީރާ ޕާޓީގެ ގިނަ ބަޔަކު ހިންގާފައިވާ ނޭދެވޭ އަމަލުތަކުގެ ލިއުމެއް އެކުލަވާލެވިދާނެކަމަށް އެލެކްސް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އެލެކްސް އާއި ޕީޕީއެމް ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖެއަށް ކުރިމަތިވެފައިވާކަމަށް އެވެރިން އެ ބުނަމުންދާ މައްސަަލަތަަކަށް އަވަސް ޝިފާއެއް ހޯދުމުގެ ގޮތުން، ޖަޒީރާ ސަރުކާރުގެ ސިއްރުތައް އެކު އެކީ ނުދަންނަވަނީ ކޮން ސަބަބަކާއި ގުޅިގެންތޯ ސުވާލު އުފެދެއެވެ. ޔަގީނުންވެސް ސޭޓު ކައިރިއަށް ގޮސް ކުރި މަސައްކަތްތަކުން އެމަނިކުފާނުގެ ވަގުތު ބޭކާރުވެގެންދިއުން ނޫންކަމެއް ވީ މަންޒަރެއް ނުފެނެއެވެ.

އިދިކޮޅު ޕީޕީއެމްގެވެސް ވަގުތު ބޭކާރުވަމުންދާހެން ހީވެއެވެ. އެލެކްސް އަދިވެސް ޕޯޑިއަމްއަކަށް އެރިއަސް ދައްކަނީ ޖަޒީރާ ޕާޓީގެ ވާހަކައެވެ. އަނގައިން ނުކުންނަ ބަހެއް ނުވަތަ ހިންގާ ކޮންމެ އަމަލެއްވެސް ހިނގަނީ ޖަޒީރާ ޕާޓީއާއި ގާތުންނެވެ. ޕީޕީއެމްގެ ރިޔާސީ ކެމްޕެއިން ފެށިފައިވާއިރު، ޕާޓީގެ މިސްރާބު އޮތް ގޮތާއިމެދުވެސް ދަނީ ސުވާލު އުފެދެމުންނެވެ. އެލެކްސް އާއި އެކު ކޯލިޝަނެއް ހަދަނީކަމެއް އަދި ނޫންކަމެއްވެސް ސާފެއް ނޫނެވެ.

ކޯލިޝަނެއް ނުހަދާނަމަ މިހާރު އެކުގައި މި ކުރަމުންދަނީ ކޮން ކަމެއް ކަމާއިމެދު އެ ޕާޓީގެ މެމްބަރުންވެސް ސުވާލު އުފައްދާނެކަން ކަށަވަރެވެ. ކޯލިޝަން ހެދުން ނެތް ނަމަ އަދި ކުރަމުންދަނީ ރިޔާސީ އިންތިހާބަށް އެކުގައި ވާސިލުވުމުގެ މަސައްކަތްތައް ނޫންނަމަ، ވަގުތު ބޭކާރު ނުކޮށް ޖަޒީރާ ސަރުކާރުގެ ނޭދެވޭ އަމަލެއް ސާބިތުވާ ވަރުގެ މައުލޫމާތެއް ދެވިފައިނުވަނީ ކޮން ސަބަބަކާއި ގުޅިގެންތޯވެސް ސުވާލު އުފެދެއެވެ. ކުރަމުންދަނީ ޖަޒީރާ ރައީސް ވެރިކަމުން ދުރު ކުރުމަށް ކުރަމުންދާ މަސައްކަތްތައް ނަމަ ރިޔާސީ އިންތިހާބާއި ޖެހެންދެން ކޮންމެހެން ތިބުން މަޖުބޫރެއް ނޫނެވެ.

ޖަޒީރާ ސަރުކާރުވެސް އެލެކްސްގެ ރޯޅީގައިޖެހި ކަނޑުމަތި އެޅިފަދައިން މިއަދު ޕީޕީއެމްވެސް އެފަދަ ހާލަތަކަށް ވެއްޓެމުންދާ މަންޒަރު ސިފަވެއެވެ. އެކުގައި ހުރުމަށްފަހު ގޮސް ޕޯޑިއަމްއާއި ގާތަށް ޖެހި އެލެކްސް އެ ބުނެލާ އެއްޗެއްގެ ނޭދެވޭ އަސަރު ކުރަނީ ޕީޕީއެމްއަށެވެ. އެލެކްސް އާއިއެކު މަޝްވަރާ ކުރަމުންދާކަމަށް ޕީޕީއެމް ފެނިގެންދާއިރު، ގަޓު ރައީސްވެސް ވެރިކަމަށް ކުރިމަތިނުލުމަށް އެލެކްސް ބުނުމުން ހީވަނީ އެކަމާއިވެސް މަޝްވަރާތައް ކުރެވިފައިވާކަމަށެވެ. ޕާޓީގެ އުންމީދުގެ ގޮތުގައި އާންމު މެމްބަރުން ހޮވާފައިވާ ގަޓު ރައީސްގެ ބަދަލުގައި އެލެކްސްގެ މަޝްވަރާގެ ދަށުން އެހެން މީހަކު ލުމަށް މަސައްކަތްކުރާ ކަމަށެވެ.

އެލެކްސްއަށް ވާނެ ގެއްލުމެއް ލިބޭނެ ދެރައެއް ނެތެވެ. އެލެކްސް ދައްކާފައިވާ ވާހަކަތަކުގެ ތެރެއިން އިދިކޮޅުން އެންމެ ބޮޑަށް ހަނދާނުގައި ބަހައްޓަންޖެހެނީ އެމަނިކުފާނު އެއީ ޕާޓީގެ މީހެއްކަމަށް ބުނި ވާހަކައެވެ. އެ ޕާޓީގެ މެމްބަރުން އެމަނިކުފާނާއި ދިމާލަށް އެޅި ގައުބުރި ފަދަ ބަހުގެ ހަމަލާތައް ދެމުންދިޔަ ޗެއަރޕާސަން އިންތިހާބުގެ ތެރޭގައިވެސް ދެއްވި އިންޓަރވިއުގައި އިނީ ހިނތުންވެފައެވެ.

ޕާޓީ އެންމެންގެ ސޯޓު ބޭލެމުންދިޔައިރުވެސް ވިދާޅުވީ، އެ ޕާޓީގެ އެތެރޭގައި އުފެދިފައިވާ ވާދަވެރިކަމުގެ ތެރެއިން އިދިކޮޅު ޕީޕީއެމްގެ އިންޑީއާ އައުޓް ކެމްޕެއިންގެ އަޑު ކަނޑުވާލެވިފައިވާކަމަށެވެ. އަދި މުޅި ގައުމު ރީނދޫވެފައިވާކަމަށެވެ. އޭރުވެސް އެމަނިކުފާނު ބޭރުކޮށްލަފާނެކަމުގެ ވާހަކަތައް ދައްކައެވެ. އެހެންނަމަވެސް އިންނެވީ އުފަލުން ގޮސް ފޮޅިފައެވެ.

ތެދެކެވެ. ހަގީގަތުގައިވެސް އިންޑިއާ އައުޓް ކެމްޕެއިންގެ ފޯރި ކެނޑިގެންދިޔައީ ޖަޒީރާ ޕާޓީގެ ޗެއަރޕާސަން އިންތިހާބުގެ ތެރޭގައި އެކަކު އަނެކާގެ އިސްތަށިގަނޑުގައި ހިފާ ދަމައި ބިމުގައި ކާއްތަމުންދާ މަންޒަރަށް ރައްޔިތުންގެ ސަމާލުކަން ހުއްޓުމުންނެވެ.

މިއަދުވެސް ހިނގަމުންދަނީ އެކަމެވެ. އިދިކޮޅުގެ މައި ޕާޓީއަށްވުރެ ކުޑަ ކުޑަ އިހައްދުވަހު ހެދި ޑިމޮކްރެޓްސްގެ އަޑު ގަދައެވެ. ދައްކަމުންދަނީ ޑިމޮކްރެސްޓްސް ގެ ސަބަބުން ޖަޒީރާ ރައީސް އަށް ވާ އުނދަގުލުމުގެ ވާހަކައެވެ. މެއިން ޕްލޭޔަރުގެ ގޮތުގައިވެސް ފެންނަމުންދަނީ އެލެކްސްއެވެ. އެހެންކަމުން އިދިކޮޅުން މި ކަމަށް ސަމާލުނުވެއްޖެ ހާލަތެއްގައި ބޮޑެތި ގެއްލުންތައް ލިބި ރިޔާސީ އިންތިހާބުގައި ފާހަގަކުރެވޭ ވަރުގެ ނާކާމިޔާބީއެއް ލިބުން އެކަށީގެންވެއެވެ.

އެލެކްސް އަކީ މާދަމާވެސް ޖަޒީރާ ޕާޓީއަށް އަނބުރާ ރުޖޫއަވުމަށް ގޮސްދާނެ ފަރާތެކެވެ. ސިޔާސީ ގޮތުން ބަލާ ނަމަ އެމަނިކުފަނަކީ ލަދެއްގެ ކަންފުޅެއްވެސް ހުރި ބޭފުޅެއް ނޫނެވެ. އަލަމްގިރި ކަންތައް ގަނޑަށްފަހުވެސް އެއްވެސް އަސަރެއް ކުރިކަމަކަށް ފެންނާކަށް ނެތެވެ. ހަމައެކަނި ރިއެކްޓު ކުރެއްވީ އެމަނިކުފާނުގެ ކޮއްކޮ ހައްޔަރު ކުރުމުންނެވެ. އަމަލުގެ ހުތުރުކަމާއި އެ ރިއެކްޝަނާއި އެއްވެސް ގުޅުމެއް ނެތެވެ.

ޖަޒީރާ ރައީސް އަދި އެލެކްސް ކުޅެނީ ގޭމެއް ނަމަ، މިއަދު ޕީޕީއެމް އޮތީ ބަލިވެގޮސް ނެތިދިއުމުގެ މަލަމަތީގައެވެ. ގަޓު ރައީސް މިނިވަންކުުރުމަށް އުފުލާ އަޑަށްވުރެ އެލެކްސްގެ ދިފާއުގައި އިވޭ އަޑުތައްވެސް ގަދަވާހެން ހީވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: