އެމްޓީޑީގެ ރައީސް އަދި ރާއްޖޭގެ ނައިބުރައީސްކަން ކުރައްވާފައިވާ އަހުމަދު އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި، ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހުއްދަ ދީފައިވަނީ 10 ދުވަހަށް ކަމަށްވާއިރު، އޭނާ އަނބުރާ ގެނެވޭނެކަމުގެ ޔަގީންކަން އޮތްކަމަށް ކަރެކްޝަންސްއިންވަނީ ބުނެފައެވެ.
އެމްޓީޑީއިން ހިއްސާކޮށްފައިވާގޮތުން، ނައިބު ރައީސް އަދީބަށް ބޭސްފަރުވާ އަށް ފުރާވަޑައިގަތުމަށް ހުއްދަ ލިބިގެންދިޔައީ، އެކި ހޮސްޕިޓަލުތަކަށް ނިސްބަތްވާ އެކި ޑޮކްޓަރުންގެ ރައުޔުގެ މަތިންނެވެ. އެމްޑީޓީން ބުނެފައިވާގޮތުން އަދީބު ފުރާވަޑައިގަތީ ސިންގަޕޫރަށެވެ. އަދި އޭނާގެ މި ދަތުރުކުރައްވާއިރު، ކަރެކްޝަންސް އާއި ފުލުހުންގެ މުއަައްސަސާއިން ކަންކަން ގާތުން ބަލައި ރައްކައުތެރިކަންވެސް ކަށަވަރުކޮށްދޭނެކަމަށް ބުނެފައިވެއެވެ.
އެ ޕާޓީއިން ބުނެފައިވާގޮތުން، ރައީސް ޔާމީންގެ ދައުރުގައި އަދީބަށް ބޭސްފަރުވާ ހޯދުމަށް ހުރަސްއެޅިކަމަށެވެ. އަދި އެއީ ހިތާމަވެރިކަމެއްކަމަށާއި، އެހެންނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އޭނާއަށް ބޭނުންވާ ބޭސްފަރުވާ މަގުފަހިކޮށްދެއްވައި އިންސާފުވެރިކަމާއިއެކު އަމަލުކުރެއްވުމަކީ ޝުކުރުވެރިވާކަމެއްކަމަށްވެސް ބުނެފައިވެއެވެ. އަދި ސިޔާސީ ގޮތުން އޮތް ގުޅުންތަކަށް ބެލުމެއް ނެތި ކޮންމެ މީހަކަށްވެސް ވަގުތު އޮއްވާ ރަނގަޅު ފެންވަރެއްގެ ބޭސްފަރުވާއަށް ވާސިލުވެވޭނެ ގޮތަށް ކަންކަން ބައްޓަންކުރެވިފައިވާންޖެހޭނެކަމަށް އެ ޕާޓީއިން ގަބޫލުކުރާކަމަށްވެސް ބުނެފައިވެެއެވެ.

