އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އޭނާއަށް މަރުހަބާ ދަންނަވާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައޭ) އިންނެވެ.
ރާއްޖެއަށް އެއް މިލިއަން ވަނަ ފަތުރުވެރިޔާ އައީ ބްރިޓިޝް އެއާވޭސް ގެ ފްލައިޓަކުންނެވެ. ރާއްޖެ އައި ރަޝިޔާގެ އެންޓޮން ޕަވްލޯ އަށް މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަދި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދުއެވެ.
އެއް މިިއަން ވަނަ ފަތުރުވެރިޔާއާއިއެކު އޭނާގެ އާއިލާވެސް އައެވެ. ޕަވްލޯގެ އާއިލާއިން ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ވައްކަރު މޯލްޑިވްސް ރިސޯޓުގައެވެ.
މި ހޫނު މަރުހަބާއަށްފަހު މިނިސްޓަރު މައުސޫމް މިއަދު ފާހަގަކުރެއްވީ ތާރީހީ ދުވަހެއްގެ ގޮތުގައެވެ. އަދި އެއީ ކޮވިޑް 19 ގެ ބަލިމަޑުކަމަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން 3 އަހަރު ފުރޭ ދުވަހު، އެއް މިލިއަން ފަތުރުވެރިޔާ ރާއްޖެ އައުމުންނެވެ. އަދި އެ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ފުރުސަތު ލިބުމުން އެކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އަމާޒަށް ވާސިލްވުމަށް މިހާރު މިވަނީ ތަނަވަސްވެފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ފަތުރުވެރިންގެ އަދަދު ގުނަނީ، އޭގެން ލިބޭ މާލީ މަންފާއަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި އަހަރު އަޅުގަނޑުމެން ފަތުރުވެރިންގެ އަދަދު ގުނި ކަމުގައިވިޔަސް ސަރުކާރުން ބޮޑަށް ސަމާލުކަމެއް މި ދެނީ ފަތުރުވެރިކަމުން ރައްޔިތުންނާ ދައުލަތަށް ލިބޭ ނަފާއަށް.
މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރުގެ ވާހަކައިގައި، ފަތުރުވެރިން އަންނާނެކަމަށް ލަފާކުރި އަދަދު މިހާރު އިތުރުކުރައްވާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

