ސިންގަޕޫރުގެ ހައިކޯޓުން ސަން ޓެރެވެލެސް އާއި ދެކޮޅަށް ހިލްޓަން އިންޓަނޭޝަނަލް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތަކަށް ހާޒިރުވުމުން، ސިންޕަގޫރުގެ އެއާޕޯޓުން ހައްޔަރު ކުރިކަމުގެ އަޑުތައް ފަތުރާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްކަމަށް އެމްޑީއޭގެ ލީޑަރު އަދި ސަން ކުންފުނީގެ ވެރިޔާ އަހުމަދު ސިޔާމް ތުހުމަތު ކުރައްވައިފި އެވެ.
ސިޔާމްގެ ކުންފުނިން ތަރައްގީ ކުރި ނ. އިރުފުށި ހިންގުމަށް ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން ހިލްޓަން ކުންފުންޏާއި އެކު އެއްބަސްވުމެއް ހެދުމަށް ފަހު ސަންއިން އެ އެއްބަސްވުން ބާތިލު ކުރި މައްސަލައިގައި ބަދަލު ނަގައިދޭން ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމާފައިވާއިރު އެ މައްސަލައިގައި ސިންގަޕޫރުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓިކަމުގެ ރިޕޯޓުތައް މި ދެ ދުވަހު މީޑިއާތަކުގައި ދައުރުވި އެވެ. ނ. އިރުފުށި ރިސޯޓު ހިންގުމަށް ހިލްޓަންއާއި އެކު ހެދި އެއްބަސްވުން ބާތިލު ކުރި މައްސަލައިގައޮ ސަން ޓްރެވެލްގެ މައްޗަށް އާބިޓްރޭޝަނުން ކުރި ހުކުމުގައި ވަނީ އެ ކުންފުންޏަށް 24 މިލިއަން ޑޮލަރު ނުވަތަ ދިވެހި ފައިސާއިން ބަލާނަމަ 368 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށެވެ. އެކަމަކު އެ މައްސަލައިގައި ހުކުމާއި އެއްގޮތަށް ސަން ކުންފުނިން ފައިސާ ދައްކާފައި ނުވާތީ، އެ ނިންމުން ތަންފީޒުކޮށްދޭން އެދި ހިލްޓަންގެ ފަރާތުން މައްސަލަ ސިންގަޕޫރުގެ ހައިކޯޓަށް ހުށަހެޅީ އެވެ.
ސިޔާމް އެއާޕޯޓުގައި ހައްޔަރު ކުރިކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ފުލުހުން އެ ގައުމަށް ފޮނުވިކަމަށް ބުނާ ލިޔެކިއުންތަކެއް ވަނީ އާއްމުވެފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ ސިޔާމަކީ ރައްޔިތުންގެ މަޖިލީހުގައި ދުވަސްވީ ސީނިއާ މެމްބަރެއްކަމަށާއި، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ބޭފުޅުންގެ ތެރޭގައި ވެސް އޭނާ ހިމެނޭ ކަމަށެވެ. އަދި މީގެ އިތުރުން ސިޔާމަކީ ޒުވާން ވިޔާފަރިއެއްކަމަށާއި، ދިވެހި ގައުމަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަމަށް ވެސް އެ ސިޓީގައިވެއެވެ.
ނޫސްވެރިންގެ ސުވާލުތަކަށް މިރޭ ސިޔާމް ވިދާޅުވީ، މީޑިއާތަކުން ހަބަރުތައް ގެނައީ އޭނާގެ އެއްވެސް ބަހެއް ނެތިކަމަށާއި ކުންފުންޏަށް ވެސް އެކަމާއި ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ކުރި މަސައްކަތެއް ވެސް ނެތް ކަމަށެވެ. ސިޔާމް ވިދާޅުވީ އޭނާއަށް ތުހުމަތު ކުރެވޭ ގޮތުގައި، އެއީ ދަ ޑިމޮކްރެޓްސް ފަތުރާފައިވާ ހަބަރެކެވެ. އަދި އެކަމުގެ އެއްވެސް ހަގީގަތެއް ބެލުމެއް ނެތު، މީޑިއާތަކުން ހަބަރުތައް ގެނައުމާއި މެދު ކަންބޮޑުވާކަމަށް ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ އޭނާ ފުރުން މަނާ ކުރުން ފަދަކަމެއް ސިންގަޕޫރުގައި ދިމާ ނުވާކަމަށެވެ. ސިޔާމް ވިދާޅުވީ ސިންގަޕޫރުގައި އޭނާ ހައްޔަރު ކުރުން، ނުވަތަ ޕާސްޕޯޓު ހިފެހެއްޓުން ފަދަކަމެއް ހިނގާފައި ނުވާކަމަށެވެ. އޭނާއަށް އެ ހަބަރުތައް ފެނުނީ މީޑިއާތައް މެދުވެރިކޮށްކަން ފާހަގަކޮށް ސިޔާމް ވަނީ ހިލްޓަންގެ މައްސަލައިގައި މައުލޫމާތުތައް ދޭނީ އޭނާގެ ގާނޫނީ ޓީމުންކަމަސް ވިދާޅުވެފަ އެވެ.
ޕާސްޕޯޓު ހިފެހެއްޓި ހަބަރުތަކާއި އެކު އެކު އޭގެ ޖެހިގެން އައި ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ސިންގަޕޫރުގެ ހައިކޯޓަށް ރަސްމީ ސިޓީއެއް ފޮނުވާފަ އެވެ
ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ސިޓީގެ ސައްހަކަން ކަށަވަރު ނުވީ ނަމަވެސް އެ ލިއުމުގައި ވަނީ، ސިޔާމަކީ ރައްޔިތުންގެ މަޖިލީހުގައި ދުވަސްވީ ސީނިއާ ފަސް މެމްބަރުންގެ ތެރެއިން އެއް މެމްބަރުކަމަށާއި މަޖިލީހުގެ ރައީސް ނެތް ހާލަތުގައި އޭނާ ރިޔާސަތު ވެސް ބަލަހައްޓާ ކަމަށެވެ.
ރާއްޖޭގައި ހިންގަމުން ދާ ހަތަރުވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރު ކަމަށެވެ. ސިޔާމްގެ ދިފާއުގައި އެ ސިޓީގައި އިތުރަށް ބުނެފައި ވަނީ، އޭނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކުރެވޭ ބޮޑެތި ކާމިޔާބީތައް ހޯދާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ސިޔާމަކީ ވަރަށް ރަނގަޅު ޝަހުސިއްޔަތެއްކަމަށް ސިޓީގައި ވެއެވެ.
ހުކުމާއި އެއްގޮތަށް ފައިސާ ނުދައްކާތާ، 08 އަހަރުވީ މައްސަލައިގައި ސިންގަޕޫރުގެ އާބިޓްރޭޝަނުގައި ހިނގާ މައްސަލައިގެ ތެރެއަށް، ސިޔާމްގެ ދިފާއުގައި ދިވެހި ސަރުކާރުން ވަދެފައިވަނީ ކޮން ސަބަބަކާއި ހުރެކަމެއް ސާފެއް ނޫނެވެ. އަދި މި މައްސަލައިގައި މިހާތަނަށް ސަރުކާރުގެ އެއްވެސް ރަސްމީ ބަހެއް ވެސް ނުލިބެ އެވެ.
ސިޔާމް ސިންގަޕޫރަށް ވަޑައިގަތީ، މި އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުތަކުގައި އެމަނިކުފާނާއި އެކު އުޅުއްވުމަށް ފަހު އެވެ. މިވަގުތު ސިޔާމް ޓީމުގައި ނެތް ނަމަވެސް، އެމްޑީއޭ ދަނީ ދަތުރުތަކުގައި ބައިވެރިވަމުންނެވެ.

