މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ރިޔާސީ ޕްރައިމެރީގައި ވާދަ ކުރުމުގެ ފޯމުތައް ހުށަހެޅުމަށް އެ ޕާޓީން ހުޅުވާލައިފި އެވެ.
ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރުއެމް، 2023 ގެ ރިޔާސީ އިންތިހާބަށް އެކުގައި ކުރިޔަށް ދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ދައުވަތު ގަބޫލު ނުކޮށް ނިންމާފައި ވަނީ މަޝްވަރާކޮށްގެން އިތުރު ގޮތްތަކެއް ހޯދުމަށެވެ. އެގޮތުން މިހާތަނަށް އެ ޕާޓީން ވަނީ ޖުމްހޫރީ ޕާޓީއާއި އެކު ވެސް މަޝްވަރާތައް ކުރިޔަށް ގެންގޮސްފަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްއިން ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެނޑިޑޭޓަކު ނެރުމަށް، ޕްރައިމެރީއަށް ހުޅުވާލިއިރު އެމަނިކުފާނުގެ ދަރިކަލުން އަދި ޕާޓީގެ ރައީސް ފާރިސް މައުމޫން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އުޅޭކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.
އެމްއާރުއެމްއިން މިރޭ އާއްމު ކުރި ބަޔާނުގައި ވާގޮތުން، ޕާޓީގެ ޓިކެޓު ހޯދުމަށް ބޭނުންވާ ފަރާތްތަކުން ޕްރައިމެރީގައި ވާދަ ކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
ޕާޓީން އާންމުކޮށްފައިވާ ޕްރައިމެރީގައި ވާދަ ކުރެވޭނެ ޝަރުތުތަކުގެ ތެރޭގައި، އީސީގެ އިއުލާނުގައި ހިމަނާފައި ހުރި ޝަރުތުތައް ފުރިހަމަވުމާއި އެކު ޕާޓީގެ މެމްބަރެއްގެ ގޮތުގައި މަދުވެގެން 01 އަހަރު ދުވަހު ދަފްތަރުގައި ހިމެނޭ މެމްބަރަކަށް ވާން ޖެހެ އެވެ.
ފޯމުތައް ހުށަހެޅުމުގެ ސުންގަޑިއަށް ފަހު، އެމްއާރުއެމުން ކެނޑިޑޭޓުންގެ ނަންތައް އިއުލާނު ކުރާނީ 28 ޖުލައިގަ އެވެ. އަދި ހަމަ އެ ދުވަހު ކެނޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރު ނެގުމަށް ފަހު ވޯޓު ލުން ކުރިޔަށް ގެންދާނީ އޮގަސްޓު މަހުގެ 01 ވަނަ ދުވަހުކަމަށް އެމްއާރުއެމްއިން ވަނީ ބުނެފަ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އެމްއާރުއެމް ތައްޔާރުވިއިރު، ބެލެވޭ ގޮތުގައި ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވާނީ ފާރިސް އެވެ.

