ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމުގެ ނިޒާމު ބަދަލުކުރުން: ފައިދާއެއް ނެތް ގެއްލުން ހުރި އެއްޗެއް ގަންނާނީ ކާކު؟

ރައީސް ސޯލިހު، ކުރީގެ ރައީސް މައުމޫން އަދި ކުރީގެ ރައީސް ނަޝީދު-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމުގެ ތެރޭގައި މައްސަލަތައް ހުރިކަމަށް ފާހަގަކޮށް ބައެއް ސިޔާސީ އިސްވެރިން ގިނަ ވާހަކަތައް ދައްކަވައެވެ. ގައުމުގައި ހިނގަމުންދާ ނޭދެވޭ ކަންކަމަކީ މިހާރުގެ ވެރިކަން ކުރާ ނިޒާމުގެ ތެރެއިން އުފެދިގެން އަންނަ މައްސަލަތައް ކަމަށް ދޭހަވާ ގޮތަކަށް ވާހަކަދައް ދެކެވޭ އަޑު ވަރަށް ގިނައިން އިވެއެވެ. އެހެންނަމަވެސް އެ ދެކެވޭ ވާހަކަތަކުގެ ފަހަތުގައި އޮއްޓަރެއް ނެތްފަދައެވެ. މިހާރު އޮތް ނިޒާމު ނުވަތަ ގާނޫނީ އޮނިގަނޑު ތެރޭގައި ދިމާވާ މައްސަލަތައް ދިމާވަމުންދާތާ އެތައް އަހަރެއް ވެއްޖެއެވެ. އެހެންނަމަވެސް އެހެން ގައުމުތަކުގައި އެ މައްސަލަތައް ހައްލުކުރުމަށް ގާނޫނުތައް ފަރުމާކުރެވިގެންދާ އުސޫލުން ދިވެހިރާއްޖޭގައި އެ މަސައްކަތްތައް ކުރެވިގެންދާ މަންޒަރެއް ނުފެނެއެވެ.

މަޖިލީހުގައި ކަންކަން ހިނގާ ގޮތް ހުރިހައި ރައްޔިތުންނަށް ވެސް ފެންނާނެއެވެ. ބިލެއް ނުވަތަ ގަރާރެއް ހުށައެޅުނަސް އެޅެނީ ކޮންމެވެސް ގައުމުގެ “އިސްވެރިއެއް”ގެ މަސްލަހަތާއި ގުޅިގެން ހެން ހީވާ ފަދައެވެ. އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ހުށައަޅައިފި ނަމަ ވެރިކަން ކުރާ ޕާޓީއިން އެކަމަށް ފުރުަސަތު ނުދެއެވެ. ވެރިކަން ކުރާ ޕާޓީއިން ހުށައަޅައިފި ނަމަ އެ ބިލަކާއި ދެކޮޅަށް މާނައެއް ނެތް ގޮތުގައި އިދިކޮޅުން މަސައްކަތްތަކެއް ކުރާ މަންޒަރުވެސް ފެނިގެންދެއެވެ. މާނައެއް ނެތްކަމަށް ބުނެވެނީ މަޖިލީހުގެ އަގުލަބިއްޔަތު އޮތީ ވެރިކަން ކުރާ ޕާޓީގެ އަތުގައިކަމަށްވުމުން ކުރަން ހިފި ކަމެއް ހުއްޓުމުގެ ބާރު އިދިކޮޅަށް ލިބިފައިނުވާތީއެވެ. އެހެންކަމުން މައްސަލައަކީ ނިޒާމުތޯ ނުވަތަ އެ ނިޒާމުގެ ތެރޭގައި މަސައްކަތްކުރަމުންދާ ފަރާތްތައްތޯ ނިންމަންވާނީ ދެން އޮތް އިންތިހާބުގައި ރައްޔިތުންނެވެ.

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ސަބަބުން ގައުމުގެ ހާލަތު ގޯސްވާކަމަށް ބުނެ “ނިޒާމީ ހަނގުރާމައެއް” ކުރެވެމުންދާތާ އަހަރުތަކެއް ވެއްޖެއެވެ. ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީއަށް އެ ޕާޓީގެ ފުރަތަމަ ވެރިކަން ގާއިމުކުރެވެނު އިރުވެސް ވެރިކަން ކުރާ ނިޒާމު ބަދަލުކުރުމަށް ވާހަކަތައް ދެކެވޭ އަޑުތައް އިވެއެވެ. އަދި މިއަދާއިޖެހެންވެސް އެ އަޑުތައް ފަނޑުކަމެއް ނެތި އިވެމުންދާއިރު، އެކަމުގެ ސަބަބުން ގައުމުގެ ހާލަތު ރަނގަޅުވުމުގެ ބަދަލުގައި ގޯސްވަމުންދާ މަންޒަރު ފެނިގެންދެއެވެ. މިއަދު ފެންނަމުންދަނީ ސިޔާސީ އުންމީދުގެ ދަންމަރާއި ހަވާލުމީހަކު ގޮސް ނިޒާމު ބަދަލުކުރުމަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ގައުމެއް ފަނާވެދާ މަންޒަރުކަމަށްވެސް ބުނެވިދާނެއެވެ.

އިވެމުންދަނީ ގައުމު އެ މީހަކު ވަށައި އެންމެ އެއްބައިވަންތަކަމާއިއެކު ހަރަކާތްތެރިވިކަމަށް ފެނިގެންދިޔަ މީހާ ނުވަތަ ރާއްޖޭގައި އަނދަމުންދިޔަ ނާއިންސާފުވެރިކަމުގެ ހުޅުގަނޑު ނިއްވާލަ ދިނުމާއި ހިތްތަކަށް ފިނިކަމެއް ގެނެސްދޭނެކަމުގެ އުންމީދުގެ ގޮތުގައި ތާޖު އެޅުނު މީހާވެސް ކަރާއި މޫނަށް ނާރުތަކެއް އަރުވައިގެން ހުރެ ގާއިމުވެފައިވާ ޑިމޮކްރެޓިކް ނިޒާމުގެ ބިންގާ ތަޅާ ސުންނާފަތިކޮށް ރޫޅާލާނެކަމަށް ބުނަމުންދާ އަޑުތަކެވެ.

ރައްޔިތުންގެ ފެންޑާގެ ތަހުތުގައި އިންނެވީ ރައްޔިތުންގެ ހެޔޮ އެދުންތަކާއި އެކުގައިކަމަށްވާއިރު، ފަސް އަހަރުގެ ތެރޭގައި ބަރުލަމާނީ ނިޒާމެއްގެ ވާހަކަތައް ތަކުރާރުކޮށް އިވިގޮސްފިއެވެ. އެ ނޫންކަމެއް މާ ވަރަކުން ކުރެވުނު މަންޒަރެއް ނުފެނެއެވެ. ނިޒާމު ބަދަލުކުރުމަށް ވަކާލާތުކޮށް ގިނަ ވާހަކަތަކެއް ދެއްކީ ރައްޔިތުންގެ ހައްގުގައިކަމަށްވީ ނަމަވެސް އެއީ އަދާ ޖެހެންދެންވެސް ނަތީޖާއެއް ފެނިފައިނުވާ މަސައްކަތްތެކެވެ. އެހެންކަމުން ކުރި “ނިޒާމީ ހަނގުރާމައިގެ” އިތުރުން އެ ބޮޑު ގޮނޑީގައި އިިނދެ ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ނުވަތަ ބިނާކޮށްދެވުނު އެއްޗެއް ނެތުމީ އިންތިހާއަށް ހިތާމަވެރިކަމެކެވެ.

މިއަދު ސަރުކާރުގެ ގިނަ މައްސަލަތަކެއް ހުރިކަމަށް ވިދާޅުވެ އަޑުއުފުލަން ފަށާފައިވާއިރު، މި ވެރިކަން ފެށިގެން އައި ހިސާބުންވެސް އެކި ނޭދެވޭ އަމަލުތައް ހިންގަމުންދާކަމަށްވެސް ތުހުމަތުކުރައްވާ އަޑުތައް އިވިގެންދެއެވެ. ވިދާޅުވި ވާހަކަތަކުން އެމްޑީޕީގެ ސަރުކާރުގެ ނޭދެވޭ އަމަލެއްގެ ވާހަކަތައް އިވިގެންދާއިރު، އެފަދަ އަމަލެއް ހިންގިކަން އެނގިވަޑައިގެންނެވިއިރު ފޮރުއްވައިގެން ފަސް އަހަރު ދުވަސް ހުންނަވާފައިވާކަންވެސް ހާމަވެގެންދެއެވެ. އަމަލު ހިންގި ކަން އެނގި ފޮރުވައިގެން ހުރުމަކީ އެފަދަ ކަންކަން ހިންގުމަށް ދެވޭ ހިތްވަރެކެވެ.

މިއަދު ދައްކަމުންދާ ވާހަަކަތައް ރައްޔިތުންގެ ކަންފަތުގައި ހަރު ނުލާފަދައެވެ. އެހެން ވެގެން އަންނަނީ ރައްޔިތުންނަށް ހެޔޮ އެދިގެން ހިދުމަތެއްކޮށްދެއްވަން އުޅުމުގެ ބަދަލުގައި ވެރިކަމުގެ ދަހިވެތިކަމުގައި ޖެހި ހުންނެވިކަމަށް ފެނިގެންދާތީއެވެ. އަމިއްލަ ނަފްސުގެ ބަދަލުގައި ރައްޔިތުންނާއި ގައުމަށް ހެޔޮ އެދުނު ނަމަ ކަން ހިނގި ދުވަހު މަޖިލީހުގެ ބޮޑު ގޮނޑިން ދޫކޮށްލައި ކުރިއެކޭވެސް އެއްފަދައިން ސަގަރޭ ޕާކު މެދުގައި އިންނަވައި ނާއިންސާފާއި ދެކޮޅަށް އިހުތިޖާޖުކުރެއްވި މަންޒަރު ފެނިދިޔައީސްކަން ކަށަވަރެވެ. ނުފެނުނީ އޭރު މަސްލަހަތު ތަން ނުދޭތީކަމަށްވެސް ވެދާނެއެވެ.

ބުނާގޮތުން، ނަމަ މާލީ ހާލަތު ގޯސްވުމަކީވެސް މި ސަރުކާރުގެ މައްސަލައެކެވެ. ގޯސްވަމުން އައި އިރު ބުނުމުގެ ބަދަލުގައި ބުނީ، ގޯސްވެގެންދިއުމަށްފަހުއެވެ. މިހާރު އަމަލުކުރާގޮތުން ކުލަވަނީ، ރިޔާސީ ނިޒާމުގެ ސަބަބުން ދިވެހި ރައްޔިތުން އަނިޔާވެރިމުގެ ވަކިތަކުން މިންޖުކުރުމަށް ވުޖޫދުވި އެމްޑީޕީވެސް ކޮރަޕްޓުވެގޮސްފައިވާކަމަށް ދެއްކުމަށް މަސައްކަތްތަކެއް ކުރަމުންދާ މަންޒަރެވެ. ނިޒާމެއް ގޯސްވާނީ އެވަރަކަށް ނޫންތޯއެވެ. މިހާރު ބުނާގޮތުން އެމްޑީޕީގެ މި ސަރުކާރު އެއްކަލަ ރަންތިރީސް އަހަރަށްވުރެވެސް އަނިޔާވެރި އަދި ހުދުމުހުތާރެވެ.

އެހެންނަމަވެސް އެމްޑީޕީގެ މި ސަރުކާރު ނިމުމަކަށް ގެންނަންޖެހޭކަމަށް ރައްޔިތުންނަށް ސާބިތު ހިފޭ ސަބަބެއް އަދި ދެއްކިފައެެއް ނެތެވެ. ކަނޑު ވިއްކާލިކަމަށް ބުނިނަމަވެސް ސަރުކާރުން އެކަން ކުރިކަމުގެ ރިސީޓެއް ފެންނާކަަށް ނެތެވެ. މާލީ ހާލަތު ގޯސްކަމަށް ބުނުމާއިއެކު ސަރުކާރުން އެ ވާހަކަތައް ދޮގުކޮށްލުމުން އެ ވާހަކަތައްވެސް ހިނދި ނިމިދެއެވެ. އެހެންކަމުން މިއަދުވެސް ކުޅެމުންދަނީ ކުޅިވަރެއް ފަދައެވެ. ރައްޔިތުންނަށް ހިދުމަތެއް ކޮށްދިނުމުގެ ނިޔަތުގައި އެއް ގޮތެއްމަތީ ސާބިތުވެ ހުންނެވި މަންޒަރެއް ނުފެނެއެވެ. ފެންނަނީ ނިޒާމީ ހަނގުރާމަ ކާމިޔާބު ކުރުމަށް ތެޅި ފޮޅެމުންދާ މަންޒަރެވެ. ވަށައި ތިބި މީހުންނަށް ދައްކަމުންދާ މަންޒިލާއި ހަގީގަތުގައި ހިތުލައިގެން ހުރި މަންޒިލާއިވެސް ތަފާތުކަން ޔަގީނެވެ.

ފުރަތަމަ ވިސްނީ ގަދަ ބާރުން ޓިކެޓު ހޯދުމަށް މަސައްކަތްކުރަންށެވެ. ޕްރައިމަރީއިން ބަލިވުމުން ކޮރަޕްޓުކަމަށް ބުނާ ޕާޓީއާއި ވަކިވުމުގެ ބަދަލުގައި ފިކުރެއްގެ ދިރުން ނަމުގައި ފެކްޝަނެއް އުފައްދަން އުޅުނީ ޕާޓީ ދޫކުރަން އޭރު އެއްވެސް ހިޔާލެއް ނެތީމައެެވެ. އެ ނޫން ނަމަ ފެކްޝަނެއް އުފައްދަން ފޯމު ފުރުވާ ރައްޔިތުންގެ ވަގު ބޭކާރު ކުރުމުގެ މާނައެއް ނެތެވެ. މިހާރު ވަކިވެގޮސް ޑިމޮކްރެޓްސް އުފައްދާފައިވާއިރު، ހީކުރެވުނު މިންގަނޑާއި ގާތަށްވެސް ތާއީދު ނެތްކަން ފެނުމުން ދުއްވައިގަތީ ޖޭޕީގެ ގާތަށެވެ. އެއަށްފަހު އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންއާއިވެސް ޑީލެއް ހެދޭތޯ މަސައްކަތްތަކެއް ކޮށްފިއެވެ.

ރިޔާސީ އިންތިހާބުގެ ހުއަފެނުގައި ޖައްސައި އެމްޑީޕީއިން ގިނަ އަދަދެއްގެ މެމްބަރުން ވަކި ކުރުވުމަށްފަހު، މިއަދު އެ ޕާޓީ ތަމްސީލުުކުރުމަށްވެސް ތައްޔާރަކަށް ނެތެވެ. ކުރިމަތި ނުލާނެކަމަށްވެސް ބުނެފިއެވެ. އިނގިރޭސި ޝީޔާރުތައް ދިވެއްސަށް ބަދަލުކުރައްވައިގެން ޕޯޑިއަމްތަކުގައި ރައްޔިތުންނަށްޓަކައި މަސައްކަތްތަކެއް ކޮށްދެއްވުމަށް ނިޔަތްގަނެފައިވާމަށް ވިދާޅުވިނަމަވެސް ގަބޫލުނުކުރެވެނީ އިސްވެ ދެންނެވި ސަބަބުތަކާއި ގުޅިގެންނެވެ. ފެންނަމުންދަނީ ޒަމާންވީ ބަރުލަމާނީ ހުއަފެން ސީދާކުރުމަށް މަސައްކަތްކުރަމުންދާ މަންޒަރެވެ.

މިއަދު މޫނުމަތީ އާ ކުލަތަކެއް ޖައްސައިގެން ނުކުތްނަމަވެސް ޑިމޮރެޓްސްއަކީ އެމްޑީޕީ ފެތެނީ ކަމަށް ބަލައި ދަންވަރުގެ ވަގުތެއްގައި އަރިމަތިން ބޮއްކުރައެއް ބާލައިގެން ފުރިބައެކެވެ. އާ ލަވަތަކެއްގެ ގޮތުގައި އިވުނު ނަމަވެސް ފަރަނޖީ ބައެއް ބަސްތައް ލައިގެން ކިޔަމުންދަނީ ދޫކޮށްލި އޮޑީގައި ތިބެ 18 އަހަރުވަންދެންވެސް ކިޔަމުންދިޔަ ލަވަތަކެވެ. އޭރު ނުކުރެވުނު އިސްލާހެއް މިއަދަކުވެސް ނުކުރެވޭނެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: