ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން ގައުމީ އިނާމް “ސަންގު ޓީވީ” ގެ ޝިފްޒާއަށް

ޝިފްޒާ މުސްތަފާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ އަތްޕުޅުން ގައުމީ އިނާމާއި ހަވާލުވެ ވަޑައިގަންނަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން، މަޢުލޫމާތު ފެތުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވި ޝިފްޒާ މުޞްޠަފާ، މި ދާއިރާއަށް ނުކުމެވަޑައިގަތީ 2007 ވަނަ އަހަރުއެވެ. މި ދާއިރާއަށް ޝިފްޒާ ނުކުމެވަޑައިގަތީ ވީ.ޓީ.ވީ. އިންނެވެ. އެގޮތުން، ވީ.ޓީ.ވީ.ގެ މުވައްޒަފެއްގެ ގޮތުގައި ޝިފްޒާ މަސައްކަތް ކުރައްވަން ފެށްޓެވީ، ވީ.ޓީ.ވީ. ރަސްމީކޮށް އުފެދުމުގެ އަހަރެއްހާ ދުވަސް ކުރިންނެވެ.

އަހަރު ދުވަހުގެ ތަމްރީނުތަކަކަށްފަހު، 5 ސެޕްޓެންބަރު 2008 ގައި ވީ.ޓީ.ވީ.ގެ ޚިދުމަތް ފެށުނީ ޝިފްޒާ ހުށަހަޅުއްވައިދެއްވި ޚަބަރު ބުލެޓިންއަކުންނެވެ. އެއީ، ޓީ.ވީ. ޕްރެޒެންޓިންގައި ޝިފްޒާގެ ފެށުމެވެ. ނަމަވެސް، ވީމީޑިއާގައި ޝިފްޒާ ކުރައްވަމުން ގެންދެވި މަސައްކަތްތައް ނިއުސް ޕްރެޒެންޓަރަކާ ހަމަޔަކުން ނުނިމުނެވެ. ޚަބަރާއި ޕުރޮގުރާމުތައް ހުށަހަޅުއްވައި ދެއްވުމުގެ އިތުރަށް، ޚަބަރުތަކާއި ޕުރޮގުރާމުތައް ލިޔުއްވައި ތައްޔާރުކުރެއްވުމުގައްޔާއި، ޚަބަރުގެ ކުށްފިލުއްވުމާއި، ނިއުސްރޫމް ހިންގެވުމުގައި ފުރަތަމަ ދުވަހުން ފެށިގެން ޝިފްޒާ ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދެވިއެވެ. ނަތީޖާއެއްގެ ގޮތުން، އެތައް ހަރުފަތެއް ގިރާކުރެއްވުމަށްފަހު، 13 އަހަރު ފަހުން ވީމީޑިއާގެ ޚިދުމަތުން ވަކިވެވަޑައިގެންނެވިއިރު، ޝިފްޒާ ހުންނެވީ، ހެޑް އޮފް ނިއުސް (ނިއުސް ޑައިރެކްޓަރ) ގެ މަގާމުގައެވެ.

ވީ.ޓީ.ވީ. ގައި ޝިފްޒާ ޚިދުމަތް ކުރެއްވިއިރު، އެންމެ ދިގު މުއްދަތެއްގައި ވީ.ޓީ.ވީ.ގެ ޚަބަރު ހުށަހަޅުއްވައި ދެއްވީ އަދި އެންމެ ދިގު މުއްދަތެއްގައި ވީ.ޓީ.ވީ.ގެ އެންމެ ބޮޑު ޕުރޮގުރާމް ކަމުގައިވާ “ފަސްމަންޒަރު” ހުށަހަޅުއްވައި ދެއްވީ ޝިފްޒާކަން ފާހަގަކޮށްލަންޖެހެއެވެ. ހަމައެއާއެކު، 2008 އިން ފެށިގެން ރާއްޖޭގައި ބޭއްވި ޤައުމީ ހުރިހާ އިންތިޚާބެއްގެ ލައިވް ކަވަރޭޖް ރޭއްވެވުމުގައި، ވީ.ޓީ.ވީ. ގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެން، ހުރިހާ ކަވަރޭޖެއް ޝިފްޒާ ހުށަހަޅުއްވައި ދެއްވައިފައި ވެއެވެ. މީގެ އިތުރަށް، 2008 އިން 2020 އަށް ހިނގި ބޮޑެތި ހުރިހާ މުޒާހަރާތަކާއި، 2012 ގައި ވެރިކަން ބަދަލުވި ދުވަހާއި، އޭގެ ފަހުން ހިނގައިދިޔަ ކަންކަމާއި، ރައްޔިތުންގެ މަޞްލަޙަތާ ގުޅުންހުރި އެނޫންވެސް އެތައް ކަމަކާ ގުޅިގެން ގެނެސްދެވުނު ލައިވް ކަވަރޭޖްތައްވެސް ޝިފްޒާ ވަނީ ހުށަހަޅުއްވައި ދެއްވައިފައެވެ.

ވީމީޑިއާގެ ޚިދުމަތުގައި ޝިފްޒާ ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި، އަމިއްލަފުޅަށް އެތައް ޕުރޮގުރާމެއް އުފައްދަވައި ހުށަހަޅުއްވައި ދެއްވައިފައި ވެއެވެ. އެގޮތުން އަންހެނުންގެ ކުރިއެރުމާއި، މިންތީގެ ހަމަހަމަކަމަށް ހިތްވަރުދޭ ޕުރޮގުރާމުތަކާއި، ޚިދުމަތްތެރި އެތައް ބޭފުޅެއްގެ ތަޖުރިބާތަކާއި، އިޖުތިމާޢީ ބޮޑެތި މައްސަލަތަކާ ގުޅޭ ޕުރޮގުރާމުތައް ހިމެނެއެވެ. އަދި ދިވެހި މުޖުތަމަޢަށް ދިމާވެފައިވާ ޙައްލުކުރަން ދަތި އެތައް މައްސަލައަކާ ގުޅޭގޮތުން ރިޕޯޓުތައް ތައްޔާރުކުރައްވައި، ވީނިއުސް އޮންލައިނާއި، ވީ.ޓީ.ވީ.ގައި ގެނެސް ދެއްވައިފައި ވެއެވެ. ވީމީޑިއާގެ “ވީކްލީ” މަޖައްލާއަށް ލިޔުއްވައި، ވީ.އެފް.އެމް. ރޭޑިއޯ ޕުރޮގުރާމުތައްވެސް ޝިފްޒާ ވަނީ ހުށަހަޅުއްވައި ދެއްވައިފައެވެ.

ޝިފްޒާއަކީ މަޢުލޫމާތު ފެތުރުމުގެ ދާއިރާގައި ހިލޭ ސާބަހަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން، ދައުލަތުގެ މުއައްސަސާތަކާއި، ކޮލެޖުތަކާއި ޖަމުޢިއްޔާތަކުގެ ޚާއްޞަ ހަރަކާތްތައް ހުށަހަޅުއްވައިދެއްވުމާއި، ޖަމުޢިއްޔާ، ޖަމާޢަތްތަކާއި، އެކިއެކި މުއައްސަސާތަކުގެ ޚާއްޞަ ރިޕޯޓުތައް ތައްޔާރުކޮށްދެއްވައި، އަޑުއަޅުއްވައި ދެއްވައިފައި ވެއެވެ. އަދި ޝަރީޢަތާއި ޤާނޫނުގެ ރޮނގުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ޑިގްރީ ޙާޞިލުކުރައްވަމުން ޝިފްޒާ ގެންދަވަނީ އެ ޔުނިވާސިޓީގެ ޚާއްޞަ ރަސްމިއްޔާތުތަކާއި ހަރަކާތްތައް ހުށަހަޅުއްވައިދެއްވައި ދަރިވަރެއްގެ ހައިސިއްޔަތުން އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ.

ޝިފްޒާއަކީ މި ދާއިރާއިން ޤައުމުގެ ތަރައްޤީއަށާއި މުޖުތަމަޢަށް ފައިދާހުރި މަސައްކަތްތައްވެސް ކުރައްވަމުން ގެންދަވާ ޚިދުމަތްތެރިއެކެވެ. މީގެތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އަންހެނުންނާއި ކުޑަކުދިންފަދަ ޚާއްޞަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން ރިޕޯޓުތަކާއި ޕުރޮގްރާމުތައް ތައްޔާރުކުރައްވައި ހުށަހަޅުއްވައިދެއްވުން ހިމެނެއެވެ. އަދި ސޯޝަލް މީޑިއާގައި ޒިންމާދާރު ގޮތުގައި މަޢުލޫމާތު ފެތުރުއްވުމަށާއި މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެނެސްދެއްވުމަށްޓަކައި ހިންގަވަމުން ގެންދަވާ ޝިފްޒާގެ އަމިއްލަ ފޭސްބުކް ޕޭޖަކީ އެތައް ހާސް ބަޔަކު ފޮލޯކޮށް، ގިނަ ބައެއްގެ މަޤްބޫލުކަން ލިބިފައިވާ ޕޭޖެކެވެ.

މި ދާއިރާގައި 16 އަހަރު ހޭދަކުރައްވައިފައިވާއިރު، ޝިފްޒާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، “ސަންގު ޓީ.ވީ.” ގައެވެ. ޕްރެޒެންޓަރެއްގެ ހައިސިއްޔަތުން ޚަބަރާއި ޕްރޮގްރާމްތަކާއި ލައިވް ކަވަރޭޖްތައް ހުށަހަޅުއްވައިދެއްވުމުގެ އިތުރަށް ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ކުރައްވާފައިވާ ތަޖުރިބާތަކާއި ހޯއްދަވާފައިވާ ތަމްރީނުތަކުގެ އަލީގައި ސަންގު ޓީ.ވީ.ގެ ނޫސްވެރިން ތަމްރީނު ކުރުމަށް ޝިފްޒާ މަސައްކަތް ކުރައްވަމުން ގެންދަވައެވެ. އަދި މިދާއިރާއިން މީހުން ބިނާކުރުމަށް އެހެން ބައެއް ފަރާތްތަކަށް ވެސް އެހީތެރިކަން ދެއްވައެވެ.

މީޑިއާގެ ދާއިރާގައި ކުރެވުނު އަގުހުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން،          މި ދާއިރާއިން ޝިފްޒާ ވަނީ މީގެ ކުރިންވެސް އެކި ކާމިޔާބީތައް ހާސިލު ކުރައްވައިފައެވެ. އެގޮތުން، ނޫސްވެރިކަމުގެ އިނާމާއި، ރެހެންދި އެވޯޑު ޝިފްޒާ ވަނީ ހާސިލު ކުރައްވައިފައެވެ. އަދި ވީ.ޓީ.ވީ.ގެ “މޯސްޓް ކޮމްފަރޓިންގ އެންކަރ”ގެ އެވޯޑުވެސް ހާސިލު ކުރައްވައިފައި ވެއެވެ. މީގެއިތުރަށް، ޝިފްޒާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުކަމާއި، ނެޝަނަލް ޔޫތު ކައުންސިލުގެ މެންބަރުކަންވެސް ކުރައްވައިފައެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 86%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: