ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މުޖުތަމައުގެ ލޯމައްޗަށް ގެއްލިގެން އުޅެމުންދާ މީހުން”

މާލޭގައި ގިނަ އަދަދެއްގެ ބިދޭސީންތަކެއް ތޮއްޖެހިގެން ދިރިއުޅެމުން ދިޔަ ތަނެއް -- ފޮޓޯ: އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ފާގަތި ދިރިއުޅުމެއް ބިނާ ކުރުމަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ކުރާނެ އެންމެ ވަރުގަދަ އެއް އުންމީދެވެ. ހަޔާތުގައި ނަގާ ކޮންމެ ފިޔަވަޅަކީވެސް އެ ހުއަފެން ހަގީގަތަކަށް ހެދުމުގެ ގޮތުން އަޅާ ފިޔަވަޅުތަކެކެވެ.

އެހެންކަމުން އަނބިދަރިންނާއި މައިންބަފައިންނަށް އެ އުޖާލާކަން ގެނެސްދިނުމުގެ މަގުސަދުގައި ފައި ދަށުގައި ހުރި ފަސްގަނޑު ރަހުނުކޮށްގެން ނުވަތަ ވިއްކާލުމަށްފަހު ބީރައްޓެހި ގައުމެއްގައި މަސައްކަތްކުރަން ހިޖުރަ ކުރަން ނިންމުމަކީ ކޮން ފަދަ ހިތާމަވެރި އެހެންނަމަވެސް އަޒުމު ވަރުގަދަ ނިންމުމެއްކަން އެންމެންނަށްވެސް އިހުސާސްކުރެވޭނެއެވެ.

ރާއްޖޭގައިވެސް މިއަދު އެފަދަ ނިންމުންތަކެއް ނިންމައިގެން އައިސް ބުރަ މަސައްކަތްތަކެއް ކުރަމުންދާ އެތައް ބަޔަކު އެބަ އުޅެއެވެ. އަންނަނީ ފޮނި އުންމީދުތަކެއް ކޮށްގެންނެވެ. ރާއްޖެއަށް އަންނަ ބިދޭސީން ވެލާނާ އިންޓާރނޭޝަނަލް އެއަރޕޯޓުގެ އިމިގްރޭޝަން ކައުންޓަރު ދޮށުގައި ހިނިތުންވެފައި ހުންނަ މަންޒަރު ފެނުމުން، މުއާސަލާތީ ވަސީލަތްތަކުގެ ޒަމާނުގައި ރާއްޖޭގެ ހަގީގަތް ނޭނގޭ ބާއޭ ހިތަށް އަރައެވެ. މަދު ބަޔަކަށް ރަނގަޅު ގޮތެއް މެދުވެރިވިނަމަވެސް ގިނަ މީހުން އުޅެމުންދަނީ ބިކަ ހާލުގައިކަން ޔަގީނެވެ. ބައިނަލްއަގުވާމީ މުއައްސަސާތަކާއި ރާއްޖޭގެ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ މުއައްސަސާތަކުން ނެރޭ ރިޕޯޓުތަކުގައި ދިވެހިރާއްޖޭގައި ކޮންމެހެން ބޭނުންތެރި މަސައްކަތްތަކެއް ކުރަމުންދާ ބިދޭސީންނަށް ކުރިމަތިލާން ޖެހިފައިވާ ހިތާމަވެރި ހާލަތުތަކާއި ފުރައްސާރަތައް ސާފުކޮށް ބަޔާންކޮށްފައިވާއިރު، ވެރިކަން ކުރާ މާލޭގެ މަގުތައް މައްޗަށް ނުކުމެ ދެކޮޅު ބަލާލުމުން އެ ވާހަކަތަކުގެ ސައްހަކަން ކަށަވަރުކުރެވެއެވެ.

ބިދޭސީންގެ ނިދުމާއި ކެއިން ބުއިމުގެ ހާލަތު އެންމެނަށްވެސް ސާފުވާނެއެވެ. ގޭގޭ ދޮރުމަތީ އަޅުވާފައި ހުންނަ ބަތް ކޮތަޅުތައް އެއީ އަދި ރަނގަޅު ހާލަތެވެ. ދާދި ފަހުން ކެޕޭސިޓީއަށްވުރެ ގިނަ އަދަދެއްގެ ބިދޭސީން ނިދުމަށް ބޭނުންކުރަމުންދިޔަ “ކޮއްޓެއް” އަނދައި ހުލިވިއެވެ. އެތައް ބަޔަކު މަރުވެ އެކަމުގެ ވާހަކަތައް އިންތިހާއަށް ދެކެވުނެއެވެ. ތަހުގީގުތަކެއްވެސް ކުރެވުނެއެވެ. އެހެންނަމަވެސް އެހިސާބުން އެ ކަން އެ ނިމުނީއެވެ. ހަމަ އެއަށްފަހުވެސް ގުޅީ ފަޅުގައި ހުރި ތަނެއް ރޯވެ އެފަދަ ހާދިސާއެއް ހިނގައިފިއެވެ. އެފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަށް އިންތިޒާމުތައް ކުރެވެމުންދާކަމަށް ބުނާ އަޑުތައް އިވި ހިނދެއެވެ.

އެހެންނަމަވެސް ހައްލެއް އަންނަ މަންޒަރު ފެނޭތޯއެވެ؟ ޔަގީނުންވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ބިދޭސީން ދިރިއުޅެމުންދާ ހުރިހާ ތަންތަނުގައި އަލިފާނުން ރައްކައުތެރިވުމުގެ ފިޔަވަޅުތައް ކަށަވަރުކުރެވިފައިނުވާނެއެވެ. އަދި އެތަންތަނުގައި ޝިފްޓު ބަހައިން މީހުން ނިދަމުންދާ ދިއުން ހުއްޓުމަކަށް އައިސް އެ މީހުންނަށް ހަމަ ނިދި ނިދޭނެ ގޮތްތައްވެސް ކަށަވަރު ކުރެވިފައިނުވާނެއެވެ.

ގައުމުގައި މަސައްކަތްކުރަމުންދާ ބިދޭސީން ނިދަމުންދަނީ ކޮން ތަންތަނެއްގައިކަމާއިމެދު ޝައުގުވެރި އަދި ކަންބޮޑުވެސް ނުވާނެ އެތައް ބަޔަކު ދިވެހި މުޖުތަމައުގައި އުޅޭނެކަން ޔަގީނެވެ. އެއީ ގެދޮރެއް ނެތި މަގުމަތީގައި އުޅޭ އައި ތަނެއް ދިޔަ ތަނެއް ނޭނގޭ ބިދޭސީންގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ފަހުމް ނުވާތީއާއި އަމިއްލަ ނަފްސު އެ ހާލަތުގައި ނެތުމުން އެކަމަކީ ގުޅުމެއް ނެތް ކަމެއްކަމަށް ދެކެވޭތީވެސްމެއެވެ. ރާއްޖެއަށް އައުމަށްފަހު، ފިލާ ބިދޭސީންގެ މައްސަލަތައް ފުލުހުންނަށް ހުށައެޅެއެވެ. އެހެންނަމަވެސް ހޯދެނީ މަދުބައެއްކަމާއިމެދު ފުލުހުންވެސް އެއްބަސްވާނެއެވެ. ނޫން ނަމަ މިހާރު އޮތް ބޮޑު ސިންގާ އިމިގްރޭޝަން މައްސަލައެއް ނޯންނާނެއެވެ. ރާއްޖެއަށް ބިދޭސީން އެތެރެކުރާ ވަރަކަށް ކުރަނީއެވެ. އެތެރެވުމަށްފަހު ގާނޫނެއް ގަވައިދެއް ނެތްފަދައެވެ.

މިއަދު ރާއްޖޭގައި ބިދޭސީން ގިނަވެފައިވާވަރުން، ކަންމައްޗެއްގައި ގިނަ އަދަދެއްގެ ބިދޭސީން އެއްވެ ތިއްބަސް އެ ބަޔަކީ ކީއްކުރަމުންދާ ބައެއްތޯވެސް ގިނަ ފަހަރު ބަލާ ނުލެވޭނެއެވެ. އެއީ މުޖުތަމައުގެވެސް ނޭއްގާނީކަމެވެ. އަދި ގޮސް އެހިނަމަވެސް ބުނާ ޖަވާބެއް ގަބޫލުކުރުން ނޫން ގޮތެއްވެސް ނެތެވެ. ކޮންމެ ކަމެއްގައި ޝާމިލުވަމުންދިޔަ ނަމަވެސް ހަމަ މަސައްކަތެއް ކުރަނީކަމަށް ބުނެލުމުން ޖެހޭނީ އެ ވާހަކަ ގަބޫލުކޮށްލަންށެވެ. ހުކުރު ދުވަހު ނޫން ކޮންމެ ދުވަހެއްގައިވެސް ގިނަ ބިދޭސީން ތިބޭނީ އެ މީހުން މަސައްކަތްކުރުމަށް ބޭނުންކުރާ އަންނައުނުގައެވެ. ވީމާ ފުލުހުންގެ މުއައްސަސާއަށްވެސް ވާނީ މި މިވަރެވެ. ކޮންމެ މީހަކުގެ ވާކް ޕާމިޓު ޗެކު ކުރަމުންނެއް ނުދެއެވެ. އެހެންކަމުން އަބަދުވެސް ގިނަ އަދަދެއްގެ ބިދޭސީން ހިފަހައްޓައި ޑީޕޯޓުކުރާކަމަށް ފެނިގެންދަނީ މައްސަލައެއް ބޮޑުވެ ކޮޅުން ލައިގެން ދިއުމުންނެވެ.

މި މިންވަރަށް ބިދޭސީން ގިނަވެފައިވާއިރު އަދި ރާއްޖެއާއި މެދު ނަފްރަތު އުފެދިގެންދިއުމުގެ ފުރުސަތު ފަހި ހާލަތެއްގައި އެ މީހުން ދިރިއުޅެމުންދާއިރު އެކި ޒާތުގެ ބޮޑެތި ކުށްތަކަށް އަރައިގަންނަމުންދާކަން އެނގެން އޮތުމަކީ އިންތިހާއަށް ބޮޑު ކަންބޮޑުވުމެކެވެ. ހާންޖީ ރެސްޓޯރެންޓުގައި މީހަކު މަރުވި މައްސަލަ ފަދައިން އެވެރިންގެ ތެރޭގައި ނުރައްކާތެރި މާރާ މާރީތައް ހިނގާއިރު، ދިވެހިންނާއި ދެމެދުވެސް ބައެއް ފަހަރު ހަމަނުޖެހުންތައް ހިނގާ މަންޒަރުތައް ފެނެއެވެ. މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތަކުގައިވެސް ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކުރެވިފައިވެއެވެ. މަގުތައް މަތިން ހޭވެރިކަމެއް ނެތި މަސްތުގެ ހާލަތުގައި އުޅޭ ބިދޭސީންގެ ފަރާތުން ފުރައްސާރަތައް ކުރިމަތިވާ ވާހަކަތައްވެސް އިވިގެންދެއެވެ. ދާދި ފަހުންވެސް ހުރެވުނު ތަނެއް ސާފުނުވާ މިންވަރަށް އަމަލުވެގެން ހުރި ބިދޭސީއަކު މިސްކިތަކަށް އަރައިި އޭނާގެ ކަލާންގެއަށް އަޅުކަން ކުރަން މަސައްކަތްކުރި މައްސަލައެއް ފެންމަތިވިއެވެ. އެހެންނަމަވެސް ކުރެވޭ މާބޮޑު ކަމެއް އޮތްކަމަކަށް ނުފެނެއެވެ.

މިހެން ގޮސް މަޝްހޫރު ވާހަކަތައްވެސް އެބަހުއްޓެވެ. ރާއްޖޭގައި ހިންގި އެންމެ ލާއިންސާނީ އަމަލުތަކުގެ ތެރޭގައި ހިމެނޭ ނަރުސް މޭރީގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިހިމީހާ އަލްވިން އަދި ދިވެހި އަންހެނެއްކަމަށްވާ ލަމްހާގެ ބައިވެރިވުމުގެ ވާހަކަ، އދ. ދަނގެތީގައި އެ ރަށުގެ ވިޔަފާރިވެެރިޔާ މަހުމޫދު އަބޫބަކުރު މަރާލި މައްސަލަ އަދި ހއ. އިހަވަންދޫ އައިސް ޕްލާންޓް ތެރޭގައި މަރާލާފައި އޮއްވާ ފެނުނު އިސްމާއިލް އުމަރު (އިއްސެ) ގެ މައްސަލައިގައިވެސް ބިދޭސީންގެ ނަންތައް ހިމެނެއެވެ. މި މައްސަލަތަކުގައި ތުހުމަތު ކުރެވޭ އެންމެނަކީވެސް ދިވެހި އާންމު މުޖުތަމައާއި އިންތިހާއަށް ގާތުން އުޅުމުގެ ފުރުސަތު ލިބި އެންމެންގެ ލޮލު ކުރިމަތީގައި ވަގުތުތުތައް ހޭދަކުރި މީހުންނެވެ. އެހެންކަމުން މުޖުތަމައުގެ ލޮލުމައްޗަށް ގެއްލިގެން އުޅެމުންދާ މީހުންގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކާތައް ކޮންމެވެސް ވަރަކަށް އެންމެހާ ބޭފުޅުންވެސް ވިސްނާލުމުން ފަހުމު ކުރެވޭނެއެވެ. މިއަދު ގިނަ އަދަދެއްގެ ބިދޭސީން ގޭގައި މަރުވެފައި އޮއްވާ ފެނިފައިވާ ފަހަރުތައްވެސް ގޮސްފިއެވެ. އެހެންކަމުން ރާއްޖޭގައި މުޖުތަމައުގެ ލޮލުމައްޗަށް ގެއްލިގެން ބަޔަކު މީހުންނަށް އުޅުމުގެ ފުރުސަތު ދީގެން ނުވާނެކަން މި ދެންނެވި ކަންކަމުންވެސް ސާފުވާނެއެވެ.

މިއީ ދިވެހި މުޖުތަމައުގެ ތެރޭގައި ފެތުރިގެންދާ ބޮޑު ވަބާއަކަށްވެ، ކޮންޓްރޯލުން ނެއްޓުމުގެ ކުރިން ހަމައަކަށް އެޅުވުން އިންތިހާއަށް މުހިންމު މައްސަލައެކެވެ. ފާއިތުވި އަހަރުތަކުގައި ހިނގާފައިވާ ނުރައްކާތެރި ބިރުވެރި ހާދިސާތަކަކީީ ކުރިމަގުގައި ކުރިމަތިވެދާނެ ނުރައްކާތަކުގެ އިންޒާރުގެ ރަނގަބީލުތަކެއްކަމަށް ބަލައިގަތުން ވަރަށްވެސް މުހިންމެވެ. ރާއްޖޭގައި މަސައްކަތްކުރުމަށް އަންނަ ބިދޭސީން އަންނައިރު މޫނުމަތިން ފެނިގެންދާ އަލިކަމެއް އައުމަށްފަހު ނުފެންނަ ކަމަކީވެސް ހައްލު ކުރަންޖެހޭ މައްސަލައެކެވެ. ގައުމެއް ކުރި އަރާނީ އެ ގައުމެއްގެ ސިނާއީ މާހައުލުގެ ތެރެއިން ކުރެވިގެންދާ މަސައްކަތްތަކުގެ ސަބަބުންނެވެ. މަސައްކަތެއްގެ ފުރިހަމަކަމަކީ އެކަމެއް ކުރަންތިބި ބައެއް އެކަމެއް އިހުލާސްތެރިކަމާއިއެކު ކުރި މިންވަރަކަށް ފެނިގެންދާ އެއްޗެކެވެ. އެހެންކަމުން ފަހި މާހައުލެއްގައި ދިވެހިރާއްޖޭގެ އެންމެހާ މަސައްކަތްތެރިންވެސް އުފަލުގައި މަސައްކަތްކުރެވޭކަން ކަށަވަރުކުރުމަކީ ގައުމަށް އެންމެ ފައިދާހުރި ގޮތް ކަމާއިމެދު ޝައްކައްވެސް ނެތެވެ. ގައުމުގެ އިޖުތިމާއީ ފޭރާމުގެ ތެރޭގައި ގައުމެއްގައި ތިބި އެންމެންނަށްވެސް ރައްކައުތެރިކަން ކަށަވަރުވާންޖެހޭނެއެވެ. އެއްވެސް މީހަކީ މުޖުތަމައުގެ ތެރޭގައި ދިރިއުޅުނަސް ލޮލުމައްޗަށް ގެއްލިފައިވާ ބަޔަކަށް ވެގެން ނުވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: