ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ދައުރު ނިމޭއިރު ފުވައްމުލަކަށް ބިލިއަނެއް ހަރަދުވާނެ، ރަށަށް ބޭނުންވާ ދިރުން ގެންނާނަން: ރައީސް ސާލިހު

"އުފާވެރި އަމާން ރާއްޖެ" ފުވައްމުލަށް ޖަލްސާ.
ޝެއާރކޮށްލާ ކަހަލަދޯ؟

މި ދައުރު ނިމޭއިރު ދައުލަތުގެ ބަޖެޓުން ފުވައްމުލަކަށް ބިލިއަނެއްހާ ރުފިޔާ ހަރަދުވާނެކަމަށާއި، ފުވައްމުލަކަށް ދިރުން ގެންނާނެކަމަށް ވިދާޅުވެ، އެ ރަށަށް ބޮޑެތި ވައުދުތަކެއް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެވަޑައިގެންފިއެވެ.

“އުފާވެރި އަމާން ރާއްޖެ” ކެމްޕެއިންގެ ދަށުން ރައީސް ސާލިހުގެ ޖަލްސާ ރޭ ބޭއްވީ ފުވައްމުލަކުގައެވެ. މި ޖަލްސާގައި ރަށުގެ ރައްޔިތުންނާއި މުހާތަބުކުރައްވަމުން ރައީސް ސާލިހު ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ފުވައްމުލަކަށް ވަޑައިގެންނެވިކަން  ފާހަގަކުރައްވާފައެވެ. އޭރު އެމްޑީޕީއިން އެކުލަވާލި މެނިފެސްޓޯއަކީ ރައްޔިތުންގެ އަޑު އަހައިގެން، ރައްޔިތުން ބޭނުންވާ ކަންކަން ހިމަނައިގެން އެކުލަވާލި މެނިފެސްޓޯއެއްކަމަށާއި، އެގޮތުން ކޮންމެ ރަށަކަށްވެސް އެރަށެއްގެ ރައްޔިތުން ބޭނުންވާ ކަންތައްތައް ހިމެނިންކަމަށާއި، އަދި އެކަންތައްތައް ކުރުމަށް މަސައްކަތް ކުރަމުން ގެންދިޔައިންކަމަށް ރައީސް ވިދާޅުވިއެވެ.

ފުވައްމުލަކު ރައްޔިތުންގެވެސް އަޑުއެހިންކަމަށާއި، ރަށުގެ ރައްޔިތުން އެންމެ ބޭނުންވީކަންކަމަކީ މަގުތައް ހަދާ، ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ އިތުރުން ނަރުދަމާއަށް ހައްލު ގެނެސް ފެނުގެ މައްސަލައަށް ހައްލު ގެނައުންކަމަށް ރައީސް ވިދާޅުވިއެވެ. ފުރަތަމަ ދުވަހުވެސް އެ މަސައްކަތްތައް ފަށައިގަނެފައިވާނެކަމަށް ވިދާޅުވެ، ރައީސް ސާލިހު ވަނީ މިހާރު މި މަސައްކަތްތައް ގޮސްފައިވާ ހިސާބު ހިއްސާކުރައްވާފައެވެ.

މި ސިޓީއަށް ބޭނުންވާ ކަންކަން ހުށަހެޅީ ފުވައްމުލަކުގެ ކައުންސިލުން, ފުވައްމުލަކުގެ ރައްޔިތުން. އަޅުގަނޑުމެން މަސައްކަތް ނިންމާނީ މި ރަށުގެ ހަދަން ޖެހޭ ހުރިހާ މަގެއް ހަދާ ނިންމާފައި. ރަށް ގިރުމުގެ މައްސަލައަށް އިރާދު ކުރެއްވިއްޔާ ހައްލެއް އެ ގެނެވެނީ. ނަރުދަމާގެ ނިޒާމަށް ހައްލެއް ގެނެވިއްޖެ. ފެނުގެ ނިޒާމު ރަނގަޅު ކުރެވިއްޖެ،

ރައީސް ސާލިހު ވިދާޅުވިއެވެ.

އެގޮތުން މިހާރު ފުވައްމުލަކުގެ 19.7 ކިލޯމީޓަރުގެ މަގު އަޅާ ނިމިފައިވާކަމަށް ވިދާޅުވެ، އަމާޒަކީ ރަށުގެ ހުރިހާ މަގެއް ހެދުންކަން ރައީސް ފާހަގަކުރެއްވިއެވެ. ރަށް ގިރުމުގެ މައްސަލައަށްވެސް ހައްލު ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފާހަގަކޮށް، ފެނާއި ނަރުދަމާގެ ނިޒާމު ރަނގަޅުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ނިމިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އެހެން ރަށްތަކާއި ފުވައްމުލަށް ތަފާތުކަމަށާއި، ރަށުގައި ހާއްސަ ސިފަތަކެއް އެބަހުރިކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ ވަށައިގެން އޮތީ މާ ކަނޑު ނަމަވެސް ރަށަށް އަރާ ފޭބުމަށް ދަތިކަމަށެވެ. ފުވައްމުލަކަކީ ދިރުން އޮތް ރަށެއްކަމަށާއި، ރާއްޖެ މިދެކޭ ތަރައްގީގެ ހުރިހާ ދާއިރާއެއްގައި ފުވައްމުލަކުގެ ހުރިހާ ރައްޔިތުންގެ ހިއްސާ ވަރަށް ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ތައުލީމާއި، ދީނީ އިލްމްކަމަށްވީ ނަމަވެސް އަދި ވިޔަފާރިއާއި ފަތުރުވެރިކަން ނަމަވެސް މިއިން ކޮންމެ ދާއިރާއެއްގެ ވަރަށް އިސް ސަފުގައި ފުވައްމުލަކުގެ ރައްޔިތުން ވަނީ އަމަލީ ގޮތުން ބައިވެރިވެފައިކަމަށް ރައީސް ވިދާޅުވިއެވެ.

ކޮންމެ ސަރުކާރަކުންވެސް ފުވައްމުލަކު ސިޓީ ކަންތައްތަކެއް ކޮށްދެވޭތޯ ބަލަމުން އައިކަމަށާއި، ނަމަވެސް މައްސަލައަކަށްވީ ފަހަރަކުކަމެއް މަޑުމަޑުކުރަން ހަދައިގެން، ރަށަށް ބޭނުންވާ ދިރުން ގެނައުން ލަސްވެފައި އޮތުންކަމަށް ރައީސް ވިދާޅުވިއެވެ. ބަނދަރާއި އެއާޕޯޓެއްވެސް އެބައޮތްކަމަށާއި، ނަމަވެސް މިއަދު މިވަނީ އެކަންތައްތައް އިތުރަށް ތަރައްގީކުރަން ޖެހިފައިކަމަށް ފާހަގަކޮށް ރައީސް ވައުދުވެވަޑައިގަތީ ދިރާސާތައް ހެދުމަށްފަހު ފުވައްމުލަށް އެއާޕޯޓާއި، ބަނދަރު ބޮޑުކޮށްދިނުމަށެވެ. އެގޮތުން އައިލެންޑް އޭވިއޭޝަންގައި ގެންގުޅޭ އޭޓީއޭއާރު ޖެއްސޭ ވަރަށް ރަށުގެ އެއާޕޯޓު ބޮޑުކޮށްދެއްވާނެކަމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ. މިކަންކަން ކުރާނީ ރަށުގެ ރައްޔިތުން އެދުނު ގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ.

މައްސަލައަކަށް ވަނީ ފަހަރަކު ކަމެއް ފަހަރަކު ކަމެއް މަޑުމަޑުން ކުރަން ޖެހުމުން، ބޭނުންވާ ދިރުން ނުގެނެވި އޮތީ.

ރައީސް ސާލިހު ވިދާޅުވިއެވެ.

މި ދައުރުގައި ފުވައްމުލަކަށް ގިނަ ކަންތައްތަކެއްކޮށްދެއްވާފައިވާނެކަމަށް ވިދާޅުވި ނަމަވެސް އެމަނިކުފާނު ތަފްސީލެއް ނުދެއްވައެވެ. އަދި ވިދާޅުވީ ދިމާވި ބައެއް ސަބަބުތަކުގެ ސަބަބުން ނުވެ ހުރި ކަންތައްތަކެއްވެސް އެބަހުރިކަމަށެވެ. ފުވައްމުލަކުގައި ސިންތެޓިކް ޓްރެކްއާއި، ސްޓޭޑިއަމާއި، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ އިމާރާތް ކުރާނެ ކަމުމަށްވެސް ރައީސް ވައުދުވެވަޑައިގެންނެވިއެވެ. އަދި ރަށުގައި 400 ހައުންސިން ޔުނިޓު އަޅާދެއްވާނެކަމަށްވެސް ވައުދުވެވަޑައިގެންނެވިއެވެ. މީގެ ތެރެއިން ބައެއްކަންކަން ޓެންޑަރ ޕްރޮސެސިންގައިވާކަމަށް އެމަނިިކުފާނު ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓުން ފުވައްމުލަކަށް ބިލިއަނެއްހާ ރުފިޔާ މި ދައުރުގެ ތެރޭގައި ހަރަދުކުރެވިގެންދާނެކަމަށް ވިދާޅުވެ، އެހެން ވެރިކަންތަކުގައި ފުވައްމުލަކުގައި މާ ގިނަ މަޝްރޫއުތައް ހިންގާފައިނުވާކަމަށް ރައީސް ވިދާޅުވިއެވެ.

ފުވައްމުލަކުގެ އާބާދީއަކީ 13،000 ގެ ބޮޑު އާބާދީއެއްކަމުން، ރަށުގައި ދިރިއުޅެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުރުން މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ރަށޫގައި އުޅެނީ 7،000 އެއްހާ މީހުންކަމަށާއި، 48 އިންސައްތަ މީހުން ރަށުގައި ނޫޅެނީ ދިރިއުޅުމެއް ފަށާ، ރަށުގައި ހުރެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ކުޑަކަމުންކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަށް ހައްލު ހޯދައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަން ކުރުމުގެ ގޮތުން ސަރުކާރު ބައެއް އޮފީސްތައް ފުވައްމުލަކުގައި ގާއިމްކުރުމުގެ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ވިދާޅުވެ ރައީސް ވައުދުވެވަޑައިގެންނެވީ، ފުވައްމުލަކުގައި މަލްޓި ޕާޕޯސް އޮފީސް ކޮމްޕްލެކްސްއެއް އެޅުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: