ޕީއެންސީއިން ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައި ވާދަކުރައްވާނެކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ ވިދާޅުވީ ޕީއެންސީއިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީއެންސީގެ މަޝްވަރާ މަޖިލީހުގެ ބައްދަވުމުގައި ބައިވެރިވި 47 މެންބަރުންގެ ތެރެއިން 44 ވޯޓު އަގުލަބިއްޔަތުން ފާސްކޮށްފައިވާކަމަށެވެ.
ޕީއެންސީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުމަކަށްއައިރު، ޕީޕީއެމް އެމަނިކުފާނުގެ އަތްޕުޅުން ގެއްލިދާނެކަމަށް އޮތް ބިރުގައި އުފެއްދި ޕާޓީއެކެވެ. ޕީއެންސީއިން އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވަނީ، ރައީސް ޔާމީންގެ ކެނޑިޑޭސީ އާއިމެދު ސުވާލު އުފެދިފައިވާތީއެވެ. ރައީސް ޔާމީންގެ ކެންޑިޑޭސީ ބަލައި ނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި މައްސަލަ ރައީސް ޔާމީންގެ ރަނިންމޭޓް ޑރ މުހައްމަދު ޖަމީލް އަހުމަދު ވަނީ ސްޕްރީމް ކޯޓަށް ހުށައަޅާފައެވެ.
ސެޕްޓެމްބަރު 09 ގައި ބާއްވާ އިންތިހާބުގައި ވާދަކުރުމަށް އެންމެ ފުރަތަމަ ފޯމު ހުށަހެޅުއްވީ ރައީސް ޔާމީނެވެ. މަނީ ލޯންޑާރ ކުރުމާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވާތީ، އެމަނިކުފާނުގެ ކެނޑެސީ އާއި މެދު ސުވާލުތައް ވެސް ވަނީ އުފެދިފަ އެވެ. އަދި އިއްޔެގެ ހެނދުނު 10:00 ގައި ހުށަހެޅި ފޯމާއި މެދު ގޮތް ނިންމައި އެކަން ކޮމިޝަނުން ވަނީ ޕާޓީއަށް އަންގާފަ އެވެ.

