ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ މުހައްމަދު ޝިހާބާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރައްވައިފިއެވެ.
މިއަދު ޖުމްހޫރީ ޕާޓީން ބޭއްވި ބައްދަލުވުގައި ފޯމާ ހަވާލުވެވަޑައިގަތީ ޖޭޕީގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އެވެ.
ޝިހާބަކީ އަބަދުވެސް ގާސިމްއާއި ގާތް، ޖޭޕީގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. ޝިހާބު މިނިސްޓަރު ކަމުން އިސްތިއުފާދެއްވީ މިއަހަރުގެ ރިޔާސީ އިންތިހާބަށް ޖޭޕީއާއި ޑެމޮކްރެޓްސް އެކުގައި މަސައްކަތް ކުރައްވަން މަޝްވަރާތަކެއް ކުރެއްވުމުންނެވެ.
ނާޒިމަކީ ޕީޕީއެމް އުފެދުމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. ނަމަވެސް 2015 ގައި 25 އަހަރަށް ޖަލަށް ލާން ސްޕްރީމް ކޯޓުން ހުކުމް ކުރިއެވެ. ކޯޓަށް ހުކުމް ރިވިއުކުރަން ހުށަހެޅުމުން ޑިސެމްބަރ 2018 ގައި ކޯޓުން ނާޒިމް މިނިވަން ކުރިއެވެ. އޭގެ ފަހުން ނާޒިމް ސިޔާސީ ކަންކަމާއި އަމަލީ ގޮތުން ދުރުގައި ހުންނެވިއެވެ.

