ހދ. ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މާޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިރޭ ބާއްވަން ހަމަޖައްސައިފިއެވެ.
މި ރަސްމިއްޔާތުގައި އިބްރާހިމް މުހައްމަދު ސާލިހް އާއި އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ޑރ. ސުބްރަމަނިޔަމް ޖައިޝަންކަރް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މި މަޝްރޫއު އަކީ އިންޑިޔާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާއިން ކުރިޔަށް ގެންދާ މަޝްރޫއުއެކެވެ. ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޒަމާނީ ޓަރމިނަލަކާއި، އެއަރޕޯޓަށް ބޭނުންވާން އެހެނިހެން ވަސީލަތްތައް ގާއިމުކުރެވުގެން ދާނެއެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް މާލެސަރަހައްދުން ބޭރުގައި ހިންގާ އެއްމެ ބޮޑު ތަރައްގީގެ މަޝްރޫއެވެ.
2024 ގައި ވައިގެބަނދަރު ނިމި ބައިނަލްއަގްވާމީ ފްލައިޓުތައް އޮޕްރޭޓް ކުރަން ފަށާނެއެވެ. އަދި ދަތުރުތަކުގައި ބޭނުންކުރާ ބޯއިންގ 737 ސައިޒުގެ ބޯޓިފަހަރަށް ހަނިމާދޫ ވައިގެބަނދަރުން ހިދުމަތް ދެވޭނެއެވެ. ހަމަމިއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ފްލައިޓުތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަންވެސް ލިބިގެންދާނެ އެވެ. ރާއްޖޭއާ ކައިރިން، ދުނިޔޭގެ މައި ޝިޕިންގ ރޫޓޫތަކުން ދަތުުރުކުރާ ބޮޑެތި އާގުބޯޓޫފަހަރުތަކަށް ހިދުމަތްތައްދޭ ޒަމާނީ މެރިޓައިމް ހަބެއް އިހަވަންދިއްޕޮޅުގައި ގާއިމުކުރުމުގެ ސިޔާސަތު ކުރިޔަށް ގެންދިޔުމުގައިވެސް ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަކީ ވަރަށް މުހިންމު މަޝރޫއުއެވެ.
މި މަޝްރޫއު ނިމި. ހިދުމަތް ދެވެން ފެށުމުން ގިނަ ވަޒީފާތަކެއް އުފެދިގެންދާނެއެވެ. އަދި މިއީ ފަތުރުވެރިކަމުގެ ދޮރު ހުޅުވާލަދޭ މަޝްރޫއު އެކެވެ. މި ވައިގެބަނދަރު މެދުވެރިކޮށް އުތުރުގެ ރަށް ތަކަށް މުދާ އެތެރެ ކުރުމަށް ފަސޭހަވެ، އެ ރަށް ރަށުގެ އިގްތިސާދަށް އާރޯކަން ލިބިގެން ދާނެއެވެ. ވައިގެ ބަނދަރު މެދުވެރިކޮށް ދުނިޔޭގެ ކަންކޮޅުތަކަށް ތާޒާކަމާއިއެކު މަސް އެކްސްޕޯޓުކުރާ ކުންފުނިތަކަށް ލުއިފަސޭހަ ކަމާއިއެކު މަސް އެކްސްޕޯޓު ކުރެވޭނެ މަގު ފަހިވެގެން ދާނެއެވެ.

