ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުރިހާކަމެއް ވެސް ކުރަނީ ރައްޔިތުންނަށް ވަގަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީއިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖޭގައި އަލަށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 25 ފަންގިފިލާގެ އިމާރާތެއް އަޅުއްވާފައި ވަނިކޮށް އެ އިމާރާތް މިހާރުގެ ސަރުކާރުން ވަގަށް ހުޅުވިކަމަށެވެ. އަދި ޔާމިންގެ ސަރުކާރުގައި އަޅައިދެއްވާފައިވާ ކިންގް ސަލްމާން މިސްކިތް ވެސް ހުޅުވާފައި ވަނީ ވަގަށްކަމަށް ވިދާޅުވިއެވެ.
ރައީސް ސާލިހް ގެ ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ މި ސަރުކާރުގައި ޕްރައިވެޓް ސެކްޓަރ އިނދަޖެހިފައި ވާކަމަށެވެ. މަސްވެރިކަމަށް ބަލާލިކަމުގައި ވިޔަސް ފެންނަނީ ލޯނުނަގައިގެން، މަސް ދޯނި ފަހަރު ބަނދެ މަސްވެރިން ރޮމުންދާ މަންޒަރު ކަމަށް ފަލާހް ވިދާޅުވިއެވެ. މި ގައުމަކީ ކުޑަ އާބާދީއެއް އެކުލެވޭ ގައުމެއްކަމަށާއި އަދި ގައުމު ބަރޯސާވަނީ މަސްވެރިކަމަށް ކަންވެސް ފަލާހް ވިދާޅުވިއެވެ. ނަމަވެސް ދިމާވާ މައްސަލަ އަކީ މިސަރުކާރަކީ އިގްތިސާދީ ސިޔާސަތު ސުމެއްގައިވާ ސަރުކާރަކަށް ވުންކަން ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ ރައީސް ސާލިހް ގެ ސަރުކާރު ދެވަނަ ބުރަކަށް އަތުވެއްޖެ ނަމަ ރައްޔިތުންނާއި އެމީހުންގެ ދަރިން އުޅެން މިގައުމު ނޯންނާނެކަމަށެވެ. އޭނާ ވިދާޅުވީ ކޮވިޑްގެ އާލަމީ ވަބާގެ ވާހަކަ ކޯޅީޝަންގެ ބޭފުޅުން ދައްކަވާއިރ،ު މިހާ ނިސްބަތުން ކުޑަ އާބާދީއެއް އޮންނަ ގައުމެއްގައި އެއްވެސް ވިސްނުމެއް ނެތް މީހަކަށް ވެސް ކޮވިޑުގެ ވަބާގައި ގައުމު މެނޭޖުކުރެވެން ޖެހޭނެ ކަމަށެވެ.

