އަޅުގަނޑަށް އިހުސާސް ކުރެވެނީ އަޅުގަނޑުގެ ހުނަރު، ތަޖުރިބާ އަދި އިލްމު، ހަމަޖެހުމާއި ނަޒާހަތްތެރިކަމާއި ތެދުވެރިކަން އޮތް މާހައުލެއްގައި ހުރިހާ ދިވެހިންގެ ކާމިޔާބީއަށް ޓަކައި ބޭނުންކުރުން މުހިއްމު ކަމަށެވެ
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރުގެ މަގާމުންނާއި، އެ ޕާޓީގެ މެމްބަރުކަމުން ވަކިވެވަޑައިގެންފި އެވެ.
2023 ގެ ރިޔާސީ އިންތިހާބު ގާތްވެފައި ވަނިކޮށް، ރައީސް ވަހީދު ޕީޕީއެމުން ވަކިވެވަޑައިގަތީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓަކަށް މާލޭގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހަމަޖަައްސައި ކެމްޕެއިން ފަށާފައި ވަނިކޮށެވެ.
ސިޓޔާސީ ގޮތުން ދެން ކުރިޔަށް ދާނެގޮތަކާއި މެދު ރައީސް ވަހީދު ގޮތެއް ނިންމަވާނެކަމަށް އަޑުތައް ފެތުރުނު ދުވަސްވަރުގައި އެމަނިކުފާނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރަނިންމޭޓުކަން ހުށަހެޅިކަމުގެ އަޑުތައް ވެސް ފެތުރުނެވެ. އެކަމަކު ރައީސް ވަހީދު އެ ހަބަރުތައް ދޮގު ކުރެއްވި އެވެ.
އިންތިހާބުގައި ވާދަކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޝަރުތުހަމަ ނުވާކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ދުވަހު އިންތިހާބު ބޮއިކޮޓު ކުރުމާއި މެދު ދެ ޕާޓީގެ ސެނެޓުން ދެކޭ ގޮތުގެ ހިޔާލު ހޯދުމަށް ރައީސް ޔާމީން ފޮނުވި ނޯޓަށް ފަހު ޕާޓީގެ ލީޑާޝިޕްގައި މައްސަލަތައް ޖެހުނެވެ. އަދި ރައީސް ޔާމީނަށް ވާދަކުރުމަށް ފުރުސަތު ނުލިބޭ ހާލަތެއްގައި ޓިކެޓަށް ޝައުގުވެރިކަން އެބަހުރިކަމަށް ޑރ. ވަހީދު ވިދާޅުވެފައި ވެއެވެ.
ރިޔާސީ އިންތިހާބަށް ރައީސް ޔާމީން ކެމްޕެއިން ކުރައްވަމުން ގެންދެވި ދުވަސްވަރު، ރައީސް ވަހީދު ރަނިންމޭޓަށްވުމުގެ ފުރުސަތު އެބައޮތްކަމަށް ނުވަތަ އެމަނިކުފާނުގެ އިތުބާރު އޮތްކަމަށް ވާހަކަ ދެކެވުނެވެ. އެކަމަކު ރައީސް ޔާމީނަށް އިންތިހާބުގައި ކުރިމަތި ނުލެވޭ ގޮތަށް މެދުވެރިވި ހާލަތާއި އެކު ރައީސް ވަހީދު ހިމެނޭހެން ބައެއް އެހެން ބޭފުޅުންނަށް ސޯޝަލް މީޑިއާގައި އެކި ފާޑުކިއުންތައް އަމާޒުކޮށްފައި ވެއެވެ. ސުޕްރީމް ކޯޓުގެ ހުކުމަށް މާބޮޑު އެއްޗެއް ވިދާޅުނުވެ ހުންނެވުމަށް ފަހު މިއަދު އާއްމު ކުރެއްވި ކުރު ބަޔާނެއްގައި ރައީސް ވަހީދު ވިދާޅުވީ މީގެ 10 އަހަރު ކުރިން ޕީޕީއެމާއި ގުޅިވަޑައިގަތީ ގައުމަށް ހިދުމަތްކޮށްދީ، ކުރިއެރުން ގެނެސްދިނުމުގައި އެހީތެރިވުމުގެ މަގްސަދުގައި ކަމަށެވެ.
After having been a member of PPM for 10 years, I am saddened to submit my resignation from the Progressive Party of Maldives (PPM). Please find my statement below. pic.twitter.com/gXO6GazQmI
— Mohamed Waheed (@DrWaheedH) August 10, 2023
އެއީ ކާމިޔާބު މަސައްކަތްތަކެއްކަން ފާހަގަކުރައްވައި ރައީސް ވަހީދު ވިދާޅުވީ، އަދިވެސް ކުރަން ޖެހޭ ގިނަ މަސައްކަތްތައް ހުރިކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެއީ އެމަނިކުފާނު ވިދާޅުވީ ޑިމޮކްރަސީގެ މަގަށާއި، ގައުމުގެ އިގްތިސާދަށް ކުރަން ޖެހިފައި ހުރި މަސައްކަތްތަކެވެ.
ޕާޓީން ވަކިވީ ރައީސް ވަހީދު ވިދާޅުވި ގޮތުގައި އެކަމަށް ވަރަށް ފުންކޮށް ވިސްނުމަށް ފަހު އެވެ. ރައީސް ވަހީދު ވިދާޅުވީ ޕީޕީއެމް އަބަދުވެސް ދެމި އޮންނާނީ އެމަނިކުފާނާއި ގާތް، އަދި ލޯބިވާ ޕާޓީއެއްގެ ގޮތުގައި ކަމަށެވެ.
މީގެއިތުރުން ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ހުނަރާއި، އިލްމު އަދި ތަޖުރިބާ ރާއްޖޭގެ ރައްޔިތުންގެ ހެވާ ލާބަ ގެނެސްދޭނެ މާހައުލެއްގައި ހުރެ ފޯރުކޮށްދިނުން މާ މުހިންމުކަމުގައި ދެކޭ ކަމަށެވެ.

