ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އަދަބު ފަސް ކުރެވޭނެ ގާނޫނީ ހަމައެއް ނެތްކަމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ބުނި ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވި 12 އަހަރުގެ ހުކުމް ފަސްކޮށްދޭން 2012 ގައި ދައުލަތުން އެދުނުކަމަށް ބައެއް ގާނޫނީ ވަކީލުން ބުނެފި އެވެ.
އަބްދުﷲ ގާޒީގެ މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، އެ ހުކުމް ފަސް ކުރުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ 2018 ގައި މި ވެރިކަން އުފެދިގެންނެވެ.
މި މައުޟޫއު މީޑިއާތަކަށް އައީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން މަންފާ ނެންގެވިކަމުގެ ކުށުގައި އިއްވި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށްދޭން ރައީސް ޔާމީން އެދުމުންނެވެ. ހައިކޯޓުގައި ކުރިޔަށްދާ އިސްތިއުނާފު މައްސަލައިގައި ރައީސް ޔާމީންގެ އެ ހުށަހެޅުމަށް އިއުތިރާޒުކޮށް ދައުލަތުން ބުނީ، ޖަލު ހުކުމާއި ޖުރިމަނާގެ އަދަބު ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ނެރެވޭނެ ގާނޫނީ ހަމައެއް ރާއްޖޭގައި ނެތްކަމަށެވެ.
ރައްދުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހުކުމް ދައުލަތުން ބޭނުންވާ ގޮތަށް މާނަކުރަމުން ގެންދާ ކަމަށެވެ. އެގޮތުން ރައީސް ނަޝީދު ޖަލަށްލުމަށް ކުރި ހުކުމް ފަސް ކުރުމަށް 2018 ގައި ކުރި ހުކުމަށް މިހާތަނަށް ބަދަލު ގެނެސްފައި ނުވާކަން ޖަމީލު ފާހަގަކުރި އެވެ.
ޖަމީލް ވިދާޅުވީ ކޯޓު އަމުރެއް ނުނެރެ ވެސް ދައުލަތުން ބޭނުންވެގެން ގޭބަންދަށް ބަދަލުކޮށްފައިވާ މީހުން އެބަތިބި ކަމަށެވެ.
އިއްޔެގެ އަޑުއެހުމަށް ފަހު ގާނޫނީ ވަކީލު އިބްރާހިމް ޝަމީލް ސުޕްރީމް ކޯޓުގެ އެ އަމުރު ޓުވީޓު ކުރައްވައި ވިދާޅުވީ އެކި މައްސަލަތަކުގައި އެކި ގޮތަށް ޕީޖީ އަމަލުކުރުމަކީ އެންމެނަށް އެއް ހަމައަކުން އިންސާފު ހޯދައިދޭން އޮތް ހުރަހެއް ކަމަށެވެ.
.
ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށިފަހުން 2018 ވަނަ އަހަރު ޕީޖީ އިން އަމިއްލައަށް އެދިގެން ރައީސް ނަޝީދުގެ ޖަލު ޙުކުމް ތަންފީޛުކުރުން ފަސްކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނެރުނު. އޭރުވެސް އިސްތިއުނާފީ މަރުހަލާގައި ތަންފީޛު ފަސްކުރުމުގެ އިޖުރާއަތެއް ޤާނޫނުގައި ނެތް pic.twitter.com/vKjzWZdCJv— Ibrahim Shameel (@IbrahimShameel) August 10, 2023
ވޯޓުން ވެރިކަން ބަދަލުވާކަން ޔަގީންވެ، އައި ޓާރްނިޝަން މުއްދަތުގައި އޮކްޓޯބަރު 28 ހުށަހަޅައި، އޭގެ ޖެހިގެން އައި ދުވަހު ރެޖިސްޓްރީ ކުރި ރައީސް ނަޝީދު ހުކުމް ފަސް ކުރުމުގެ ވަގުތީ އަމުރަކަށް އެދިފައި ވަނީ ޕީޖީ އެވެ.
ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމަކީ، އަދި އަޅާފައިވާ ފިޔަވަޅު އެޅިދާ ހާލަތަކީ އެމަނިކުފާނަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބުމުގެ އިހްތިމާލު އޮތް ސަބަބެއް ކަމަށެވެ. އެހެންވެ އެ އަމުރުގައި އެދިފައި ވަނީ ރައީސް ނަޝީގެ ހުކުމް ފަސްކޮށްދިނުމަށާއި، އެ ގަޒިއްޔާއާއި ގިޅިގެން އެމަނިކުފާނާއި މެދު އެއްވެސް ފިޔަވަޅެއް ނޭޅުމުގެ ވަގުތީ އަމުރަކަށެވެ.
ދައުލަތުން އެދުނު ގޮތަށް ކޯޓުން އޭރު އަމުރު ނެރެދީފައި ވަނީ އިސްތިއުނާފު ހުށަހަޅާފައިވާތީ އެ ހައްގުގެ ދަށުން ގާނޫނުއަސާސީގެ 56 ވަނަ މާއްދާއާއި 68 ވަނަ މާއްދާއަށް ރިއާޔަތް ކުރުމަށް ފަހު އެވެ. އަދި ކޯޓުތަކުގެ ގާނޫނުގެ 77، 20 ވަނަ މާއްދާގެ (ނ) އާއި ސުޕްރީމް ކޯޓަށް ލިބިގެންވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ބެލެނިވެރިކަމުގެ އިހުތިސާސްގެ މައްޗަށާއި ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ށ) އަދި 145 ވަނަ މާއްދާގެ (ނ) އަށް ރިއާޔަތްކޮށެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ސިފައިން މެދުވެރިކޮށް ހައްޔަރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ އެމަނިކުފާނަށް ޖަލު ހުކުމް ކުރީ 2015، މާޗު 15 ގަ އެވެ. އެ ހުކުމަށް ހައިކޯޓާއި، ސުޕްރީމް ކޯޓުން ވެސް އޮތީ ތާއީދުކޮށްފަ އެވެ.
ރިޔަސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާ ކުރުމުގެ ކުރިން ޕީޖީގެ ފަރާތުން ރައީސް ނަޝީދުގެ ހުކުމް ރިވިއުއަށް ހުށަހެޅީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް ނިންމެވުމުން އޮކްޓޯބަރު މަހު އެވެ. އޭގެ ފަހުން 2018، ނޮވެމްބަރުގައި ރައީސް ނަޝީދަށް އިއްވާފައިވާ ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރި އެވެ.

