އެކިއުއަޑޯރގެ ރައީސްކަމަށް ވާދަކުރާ ފަރާތެއް މަރާލި މައްސަލައިގައި ހަ މީހަކު ހައްޔަރުކޮށްފިއެވެ.
ބައިންލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން އެކުއަޑޯރގެ ރައީސްގެ މަގާމަށް ވާދަކުރުމަށް ކަނޑައެޅިފައިވާ ކެނޑިޑޭޓަކު މަރާލި މައްސަލައިގައި އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފައިވަނީ ހަމަ މީހެކެވެ. އަދި އެ މީހުންނަކީ ކޮލަމްބިއާއަށް ނިސްބަތްވާ މީހުންކަމަށް ފުލުހުން މައުލޫމާތު ދީފައިވާކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.
އެ ގައުމުގެ ފުލުހުން ބުނެފައިވާގޮތުން، ކެންޑިޑޭޓު ފެނާންޑޯ ވިޔަވިސެންސިއޯ މަރާލުމާއި ގުޅިގެން ހަމަލާދިން ފަރާތްތަކާއި ފުލުހުންނާއި ދެމެދު ބަދަލުކުރެވުނު ބަޑީގެ ހަމަލާތަކުގެ ތެރެއިން މަރާލެވިފައިވާ ހަތްވަނަ މީހަކުވެސް މި މައްސަލައިގައި ހިމެނެއެވެ. އެ ގައުމުގެ ފުލުހުން ހާމަކޮށްފައިވާގޮތުން މައްސަލައިގައި ޝާމިލުވާ 7 ވަނަ މީހާއަކީވެސް ކޮލަމްބިއާއަށް ނިސްބަތްވާ މީހެކެވެ. ފެނާންޑޯ މަރާލާފައިވަނީ އެކުއަޑޯރގެ ވެރިރަށުގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއް ނިންމާލުމަށްފަހު އެ ސަރަހައްދު ދޫކޮށް ދިއުމަށް މަސައްކަތްކުރި ވަގުތުއެވެ.
އެކުއަޑޯރގެ އިންޓީރިއަރ މިނިސްޓަރުވަނީ މި މައްސަލައާއި ގުޅިގެން ނުރުހުން ފާޅުކުރައްވާފައެވެ. އަދި މި މައްސަލައިގެ ތަހުގީގުތައް ކުރެވެމުންދާކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ހުއާން ޒަޕާޓާވަނީ އެފަދަ އަމަލެއް ހިންގި ސަބަބު ދެނެގަތުމަށާއި އެކަމުގެ ފަހަތުގައިވާ ވިސްނުންތައް ވިސްނާފައިވާ ފަރާތްތައްވެސް ހޯދުމަށް ފުލުހުން މަސައްކަތްކުރަމުންދާނެކަމަށްވެސް ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ، ފުލުހުންގެ ރެއިޑުތަކުގެ ތެރެއިން ރައިފަލް އަދި ސަބް މެޝިން ގަންގެ އިތުރުން ފިސްތޯލާއި ބޮމާއި ވަޒަން އަދި ދެ ސައިކަލާއި ވަގަށް ނަގާފައިވާކަމަށް ރިޕޯޓުކުރެވިފައިވާ އުޅަނދެއްވެސް އަމަލު ހިންގި ފަރާތްތަކުގެ އަތުން ހޯދާފައެވެ. މީޑިއާތަކުން ބުނާގޮތުން، މަރާލެވިފައިވާ ފެނާންޑޯ ވިޔަވިސެންސިއޯ އަކީ އިންތިޒާމުކުރެވިގެން ހިންގަމުންދާ ކުށްތަކާއި ކުށްވެރިންނާއި ދެކޮޅަށް އަޑުއުފުލުމުގައި ހަރަކާތްތެރިވާ ފަރާތެކެވެ. އަދި އޭނާއަކީ ސަރުކާރުގެ އޮފިޝަލުންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތައް އަމާޒުކޮށްފައިވާ މަދު ކެންޑިޑޭޓުން ތެރެއިން އެކަކުކަމަށްވެސް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.
އެކުއަޑޯރގެ ރައީސް ގިއެރްމޯ ލާސޯވެސް ވަނީ މި މައްސަލައިގައި ވާހަކަދައްކަވާފައެވެ. އެގޮތުން އެ އަމަލު ހިންގާފައިވަނީ އިންތިހާބުތަކަށް ހުރަސް އެޅުމަށްކަމަށާއި އެހެންނަމަވެސް އެގައުމުގެ އިންތިހާބު ކަނޑައެޅިފައިވާ ގޮތުގެ މަތިން އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ބޭއްވިގެންދާނެކަމަށް ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވެފައިވާގޮތުން މި މައްސަލައިގެ ފަހަތުގައި ފޮރުވިފައިވަނީ އިންތިޒާމުކޮށްގެން ކުށްތަކަށް އަރައިގަންނަމުންދާ ފަރާތްތަކެވެ. އެހެންކަމުން އެމެރިކާގެ ކަމާއި ބެހޭ މުއައްސަސާތަކުގެ އެހީއަށް އެދޭކަމަށްވެސް ވިދާޅުވެފައިވެއެވެ. މީޑިއާތަކުން ރިޕޯޓުކުރާގޮތުން އެ ގައުމުގެ ރައީސްގެ އެދުމުގެ މައްޗަށް އެފްބީއައިއިންވަނީ އެހީ ފޯރުވުމަށް ނިންމާފައެވެ.

