އުންމީދެއް ނެތް ވާހަކަ ދެއްކުމުގެ ބަދަލުގައި އަބަދުވެސް މަސައްކަތް ކުރައްވަނީ ކާމިޔާބުގެ މަގުން ކުރިޔަށް ދިއުންކަމަށާއި ގޮތް ނިންމުން އޮތީ ރައްޔިތުންގެ އަތް މަތީގައިކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
2023 ގެ ރިޔާސީ އިންތިހާބުގެ އިދިކޮޅުގެ ކެންޑިޑޭޓު ޑރ. މުއިއްޒު ރަސްމީ ކެމްޕެއިން ފައްޓަވައި މިވަގުތު ހުންނެވީ ހދ. އަތޮޅުގަ އެވެ. އިންތިހާބަށް ކުޑަތަންވެފައިވުމާއި އެކު ހުރިހާ ރަށަކަށް ދަތުރު ކުރުމުގެ ފުރުސަތު އޮތްކަމަށް ނުބެލުވުނު ނަމަވެސް ތާއީދު ހޯއްދެވުމަށް ކުރިޔަށް ހުރި ދުވަސްތަކުގައި މުއިއްޒު އަތޮޅު ތެރެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަން ކެމްޕެއިން ޓީމުން ވަނީ މައުލޫމާތު ދެއްވާފަ އެވެ.
ހދ. ނޮޅިވަރަމްގެ ރައްޔިތުންނާއި ބައްދަލުކޮށް މިއަދު ދެއްކެވި ވާހަކައިގައި މުއިއްޒު ވިދާޅުވީ ސެޕްޓެމްބަރު 09 ގައި އޮތް އިންތިހާބަކީ ރާއްޖޭގެ މުސްތަގުބަލު ކަނޑައަޅާނެ ވޯޓު ކަމަށެވެ. އެހެންކަމުން މިއީ ގައުމު ސަލާމަތް ކުރުމަށް ލިބޭ ފުރުސަތެއްކަމަށް ފާޙަގަކޮށް މުއިއްޒު އެދިވަޑައިތީ ވަރަށް ވިސްނުންތެރިކަމާއި އެކު 2023 ގެ އިންތިހާބުގެ ގޮތް ނިންމުމަށެވެ.
މުއިއްޒު ވިދާޅުވީ މައްސަލަތައް ހައްލު ކުރާނެ ގޮތުގެ ވާހަކަ ދައްކަވަނީ، ފޯމިއުލާ ރަނގަޅަށް އެނގިވަޑައިގެން ކަމަށެވެ. އެހެންކަމުން އޭނާއަކީ ބަހާ އަމަލާ ދިމާވާނެ މީހެއްކަމަށާއި، އެއްވެސް ގޮތަކަށް ހުސް ވާހަކަތަކެއް ނުދައްކަވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރެއް އޮންނަން ޖެހޭނީ ރަނގަޅަށް ތަރުތީބުވެ، ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމުގައިކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދުލުވެރިކަމާއި އެކު މަސައްކަތް ކުރުމަށް ގޮވާލައި މުއިއްޒު ވިދާޅުވީ، ސަރުކާރަކުން ރައްޔިތުން އެދޭ ކަންކަން ފުއްދައިދޭއިރު ވަކި ރަށަކަށް މާބޮޑު ސަމާލުކަމެއް ދީގެން ނުވާނެ ކަމަށެވެ. އަދި ރަށަކަށް ބޭނުންވާ ހިދުމަތެއް، އެ އަތޮޅުގެ އެހެން ރަށެއްގައި ގާއިމު ކުރުމުގެ ބޭނުމުގައި ހުއްޓިގެން ނުވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.
ނޮޅިވަރަންގެ ތަރައްގީގެ ޕްރޮޖެކްޓުތަކަށް އިޝާރާތްކޮށް މުއިއްޒު ވިދާޅުވީ، ބައެއް ރަށްރަށުގެ މަގުގައި ތާރު އެޅުމަށް ފަހު އެހެން ރަށްތަކުގެ މަގުތައް ހަލާކުވެފައި އޮތުމަށް ދޫކޮށްގެން ނުވާނެ ކަމަށެވެ. އެހެންކަމުން އިދިކޮޅުގެ ވެރިކަމެއް ގާއިމުވެއްޖެ ނަމަ، މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރައްވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.
އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ބޮޑެތި ޕްރޮޖެކްޓުތައް ކުރިޔަށް ގެންދިޔަ އިރު، ކޮންމެ ރައްޔިތަކު ވެސް އެމަނިކުފާނުގެ ހިދުމަތް ބަލައިގަންނަކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއާއި އެކު ނޮޅިވަރަމްގައި ވެސް ބަންދަރު ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް ރައްޔިތުންގެ ކަންބޮޑުވުން އަޑުއަހައި އެ ހުރިހާކަމެއްގެ ހައްލު ހޯދައިދޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ކޮންމެ މެނިފެސްޓޯއެއްގައި ވެސް ހާއްސަ އިސްކަމެއް ދޭ ދާއިރާއެއްގެ ގޮތުގައި ޒުވާނުންނަށް އެކި ފުރުސަތުތައް ހޯދައިދިނުން ހިމެނޭ ކަމަށެވެ. ރައީސް ޔާމީންގެ މެނިފެސްޓޯގެ އެންމެ ކުރީގައި ޒުވާނުންނަށް ބޭނުންވާ ވަޒީފާ، ތައުލީމު އަދި ކުޅިވަރުގެ ފުރުސަތު ހޯދައިދިނުން ހިމެނޭކަމަށް ފާހަގަކޮށް މުއިއްޒު ވިދާޅުވީ ޒުވާނުންގެ ޝަކުވާތައް އަޑުއަހާނީ އެކަން ނިމުމަކަށް ގެނައުމުގެ އަޒުމާއި އެކު ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ވެސް މުއިއްޒު ދެއްވި ޔަގީންކަމަކީ، ރައީސް ޔާމީން އޭނާއަށް ކުރެއްވި އިތުބާރު ދަމަހައްޓަވާނެ ކަމަށެވެ. އަދި އަބަދުވެސް މަސައްކަތް ކުރާނީ ގައުމުގެ ހައްގުގައިކަމަށް ވިދާޅުވި އެވެ.

