އިދިކޮޅަކީ ރާއްޖެއަށް ތަރައްގީ ގެނެސްދީ، އެ ތަރައްގީ ތަންފީޒު ކުރާނެ ހަމައެކަނި ޕާޓީކަން ދިވެހި ރައްޔިތުން ގަބޫލު ކުރާނެކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފައްޓަވައި، އަތޮޅުތެރޭގެ ހަރަކާތްތަކަށް އިދިކޮޅުގެ ޓީމު މިވަގުތު ތިއްބެވީ ހދ. އަތޮޅުގަ އެވެ. މިއަދުގެ އެންމެ ފުރަތަމަ ރަށެއްގެ ގޮތުން މަކުނުދޫއަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ރައްޔިތުންގެ އެތައް ޝަކުވާތައް ލިބިފައިވާއިރު، އެ އިހުސާސްތައް އެންމެ ރަނގަޅަށް އެނގޭނީ ވެސް ރަށުގެ ރައްޔިތުންނަށް ކަމަށެވެ. އެހެން ނަމަވެސް އެކަން ހައްލު ކުރެވޭނީ އެކަން އަޑުއަހައި، ހައްލު ކުރުމުގެ އަޒުމުގައި ތިބި ބަޔަކަށްކަމުގައި ވިދާޅުވި އެވެ.
ރަށުގެ ރައްޔިތުންގެ ފަރާތުން ފާހަަގަކުރި ބައެއް ކަންކަމުގެ ތެރެއިން އެއާޕޯޓުގެ މަސައްކަތް ކުރިޔަށްދާއިރު، ތިމާވެއްޓަށް ކުރާނެ ގެއްލުން ދެނެގަތުމަށް ހެދި އެސެސްމަންޓުން ދެއްކި ނަތީޖާތަކަށް އެއްވެސް މިންވަރަކަށް ބަލާފައި ނުވުން އެއީ ކަންބޮޑުވުމެއްކަމަށް މުއިއްޒު ވިދާޅުވި އެވެ.
ސިއްހީ ފަރުވާ ދޭން ހުންނަ ހޮސްޕިޓަލަކީ އެއީ އަސާސީ ހިދުމަތަކަށްވާއިރު، އެ ހިދުމަތް ހޯދުމަށް މާ ދުރު ރަށަކަށް ދަތުރުކޮށްފައ ބަލި ހާި ދާން ޖެހުން އެއީ އިންސާފެއް ނޫންކަމަށް މުއިއްޒު ވިދާޅުވި އެވެ. އެހެންވެ ރިޔާސީ ކެންޑިޑޭޓޭއްގެ ހައިސިއްޔަތުން މުއިއްޒު ވައުދުވީ، މަކުނުދޫގައި ހޮސްޕިޓަލެއް ތަރައްގީކޮށް ހުރިހާ ހިދުމަތެއް ފުރިހަމަ ކުރުމަށެވެ.
މުއިއްޒު ވިދާޅުވީ ރައްޔިތުން ރަށަށް ގެންނާން އެދޭ ވަރަށް ގިނަ ބަދަލުތަކެއް ހުރިއިރު، އެ ފުރުސަތު އޭނާއަށް ދިނުމަށް އެދޭކަމަށެވެ. ތަންފީޒު ކުރައްވަމުން ގެންދަވަނީ ރައީސް ޔާމީންގެ މެނިފެސްޓޯކަމަށާއި، ތަރައްގީއަކީ އިދިކޮޅުގެ އެންމެ ބޮޑު އަމާޒާއި ސިޔާސަތުކަން ކޮންމެ ރައްޔިތަކު ވެސް ދަންނާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

