ވޭތުވެދިޔަ 5 އަހަރު ތެރޭގައި ގެނެވުނު އެންމެ ރަނގަޅު ބަދަލަކީ ތައުލީމީ ދާއިިރާއަށް ގެނެވުނު ބަދަލުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ވޭތުވެދިޔަ ސަރުކާރުތަކުގައި ދަރިވަރުންނަށް މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތެއް ލިބިފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. މަތީތައުލީމުގެ ފުރުސަތުތަށް ލިބެނީ ފުދުންތެރި އާއިލާތަކަށް ކަމަށާއި ނުވަތަ އާދޭސްކޮށްގެން ކަމަށް ރައީސް ވަނީ ހޮޅުދޫއަށް ވަޑައިގަންނަވާ އެރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވިދާޅުވެފައެވެ.
ނަމަވެސް އެމަނިކުފާނުގެ ސަރުކާރުގައި ހުރިހާ އާއިލާތަކަށް ހަމަހަމަ ގޮތެއްގައި އެކަން ހުޅުވާލާފައި ވާކަމަށް ރައީސް ވިދާޅުވިއެވެ. ނަތީޖާ އަކަށްވީ 18000 ދަރިވަރުން ރާއްޖޭގައި މަތީ ތައުލީމު ހާސިލް ކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ. އޭގެތެރޭން 7000 ދަރިވަރުން ވަނީ ފުރަތަމަ ޑިގްރީ ހާސިލްކޮސްފައި ކަމަށަވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ގައުމެއް ކުރި އަރައިގެން ދާނީ އެތަނެއްގައި ހޭލުންތެރި، ވިސްނުންތެރި އަދި ދިރިއުޅެން އެނގޭ ދަރިންތަކެއް ބިނާކޮށްގެން ކަމަށެވެ. އަދި ސަރުކާރުން ކުރަނީ އެކަން ކަމަށް ފާހަގަ ކުރެއްވިއެވެ.
ސަރުކާރުން ކޮށްދެއްވާ މަސައްކަތުގެ ނަތީޖާ މުޅި ރާއްޖެއިން ތިން ހަތަރު އަހަރު ތެރޭގައި ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ކުރިޔަށް އޮތް ދައުރުގެ އެއް އަމާޒެއް ކަމަށް ރައީސް ވިދާޅުވީ ސްކޫލުތަށް އެެއްދަން ފަޅިއަށް ބަދަލުކުރުން ކަމަށެވެ. ތައުލީމީ ދާއިރާއަށް ގެންނަން ޖެހޭ ހެޔޮ ބަދަލުތަށް ގެނެއުމުުން ރައްޔިތުން ބޭނުންވާފަދަ ޒުވާނުންތަކެއް ދިރިއުޅުމަށް ނެރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ މުސްތަގުބަލު އުޖާލާވާނެ ކަމަށް ވިދާޅުވިއެވެ.

