ރާއްޖޭގެ އިގްތިސާދު ހަލާކުވެގެން ދާން ދޫވެފައި އޮތީ، ސަރުކާރަށް މެނޭޖު ކުރާނެ ގޮތާއި އެކަމުގެ ފަންނީ ވިސްނުމެއް ނެތުމުންކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި މުއިއްޒު ދަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ އިދިކޮޅުގެ ދެވަނަ ވެރިކަމެއްގައި އެކަންކަން ހައްލު ކުރާނެ ގޮތް ހާމަ ކުރައްވަމުންނެވެ.
ތިލަދުންމަތި ދަތުރުގެ ތެރެއިން އިހަވަންދޫގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ، ގެދޮރުވެރިކަމުގެ ސިޔާސަތު ސަރުކާރުން ގެންގުޅެން ޖެހޭނީ އެއީ ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތެއްކަން ދަނެގެން ކަމަށެވެ. އެހެންކަމުން އެއީ ވަކި ބަޔަކަށް ހާއްސަކޮށްގެން، ވަކި ރަށަކަށް ނިސްބަތްވީތީ އުސޫލުތައް އެކުލަވާލައި ދޭން ޖެހޭ ހިޔާވަހިކަމެއް ނޫންކަމަށް މުއިއްޒު ވިދާޅުވި އެވެ.
ބޯހިޔާވަހިކަން ދިނުމުގައި ހަމަހަމަ އުސޫލު ގެންގުޅުމަށް ގޮވާލައި މުއިއްޒު ވިދާޅުވީ، އިދިކޮޅުގެ ވެރިކަމެއްގައި ރައްޔިތުން އެ މާޔޫސްކަމުގެ ތެރެއަށް ވައްޓާނުލާނެ ކަމަށެވެ. އެ ވިސްނުމުގެ ބައެއް ސިޔާސަތުތައް ހާމަކުރައްވައި މުއިއްޒު ވިދާޅުވީ، ގެދޮރު ބިނާ ކުރުމަށް ރަނގަޅު ލޯނުގެ ފެސިލިޓީތަކާއި އެކު ރޯހައުސްގެ މަޝްރޫއުތައް ކުރިޔަށް ގެންދާނެ ކަމަށެވެ. އެއީ ކޮންމެ ރައްޔިތަކަށް ވެސް ދިރިއުޅެވޭނީ، ރަނގަޅު ބޯހިޔާވަހިކަމެއް ވެސް ހިމެނޭހެންކަމަށް ވީތީކަމަށް މުއިއްޒު ވިދާޅުވި އެވެ.
މިއަދު ދައުލަތުގެ ދަރަނި އިންތިހާއަށް އިތުރުވަމުން ދަނީ ސަރުކާރަށް މެނޭޖު ކުރަން ނޭނގި ވީ ވައުދާއި ހިލާފަށް މަސައްކަތް ކުރަމުން ގެންދާތީކަމަށް މުއިއްޒު ވިދާޅުވި އެވެ. ދުވަހަކު ވެސް ލޯނު ނުނަގާނެކަމަށް ވައުދުވެގެން ވެރިކަމަށް އައުމަށް ފަހު، ބޮޑެތި އިންޓްރެސްޓް ރޭޓުގައި ލޯނު ނަގާ ސަބަބާއި މެދު ސުވާލު އުފައްދައި މުއިއްޒު ވިދާޅުވީ، އިގްތިސާދު ހަލާކުވެގެން ދަނީ ފަންނީ އެއްވެސް ވިސްނުމެއް ނެތުމުގެ ސަބަބުން ކަމަށެވެ.
ރައްޔިތުންގެ ޖީބަށް ލުއިކޮށް ދީ، ރަނގަޅު އާމްދަނީގެ މަގު ހޯދައިދިނުން އެއީ އިދިކޮޅުގެ އެންމެ އިސްކަން ދޭނެ ސިޔާސަތުތައްކަން މުއިއްޒު ފާހަގަކުރެއްވި އެވެ. ސަރުކާރެއްގެ އެންމެ މުހިންމު ބޭނުމަކީ އެއީކަމަށް މުއިއްޒު ވިދާޅުވި އެވެ.
ސެޕްޓެމްބަރު 09 ގައި ބާއްވާ އިންތިހާބަކީ، ރައްޔިތުންނަށް ގޮތް ނިންމުމަށް ލިބޭ ފުރުސަތުކަމަށާއި މި ސަރުކާރު ބަދަލު ކުރަން ޖެހޭކަމަށް މުއިއްޒު ވިދާޅުވި އެވެ. އެއްބުރުން އިންތިހާބު ނިންމާލުމަށް ގޮވާލައި މުއިއްޒު ވިދާޅުވީ ދެވަނަ ބުރަކަށް ގޮސްގެން ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު ހަރަދު ކުރަން ޖާގަ ދިނުމުގެ ބޭނުމެއް ނެތް ކަމަށެވެ.

