ކޮންމެ ރައްޔިތަކީ ވެސް ހަމަހަމަ ރައްޔިތެއްކަމަށް ދެކިގެން، ބޭނުންވާ ބަދަލު ގެނެސްދިނުމަށް ވައުދުވާކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހޯރަފުއްޓަށް ވަޑައިގެން އާންމުނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގައި މުއިއްޒު ވިދާޅުވީ މަސައްކަތުގެ އިރުޝާދު ދެއްވަނީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އެމަނިކުފާނު ގައުމަށްޓަކައި ވަމުންދާ ގުރުބާނީ ބަލައިގަންނަން ޖެހޭކަމަށާއި، 1000 އަށް ވުރެ ގިނަ ދުވަސް އެމަނިކުފާނު ޖަލުގައި ހޭދަކުރެއްވި އިރު އިންތިހާބު ކާމިޔާބުކޮށް އެމަނިކުފާނު މިނިވަން ކުރާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.
ކޮންމެ ރައްޔިތަކީ ވެސް ހަމަހަމަ ރައްޔިތެއްކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ، ހިދުމަތް ދިނުމުގައި ތަފާތު ކުރުންތައް ގެންގުޅެގެން ނުވާނެ ކަމަށެވެ. އަދި ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ހިދުމަތް ދޭއިރު، ވަކި ރަށަކަށް ހާއްސަ ކަންކަން ވެސް ހުރެގެން ނުވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ރައްޔިތުންގެ އަޑުއަހައިގެން، އެ ރައްޔިތުން ބޭނުންވާ ކަންކަން އިދިކޮޅުންކޮށްދޭނެ ކަމަށެވެ. އެކަން އިދިކޮޅުގެ މިދިޔަ ވެރިކަމުން ސާފުވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.
ކުރިޔަށް އޮތް އިންތިހާބަށް މުއިއްޒު ގޮވާލީ ގައުމީ ފިކުރުގައި، އެންމެ ފުރަތަމަ ގައުމު އިސްކޮށްގެން މަސައްކަތް ކުރުމަށެވެ.

