ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑުތިލަދުންމަތި ޑރ. މުއިއްޒުއަށް ފެންނަނީ ބޮޑުތަނުން ރަނގަޅުކޮށް!

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒު/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބަށް ހއ. ހދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު މުއިއްޒު ނިންމަވާލައްވައި މ، ވ، ފ، ދ ގެ ކެމްޕެއިން މިއަދު ފައްޓަވާއިރު ތިލަދުންމަތިން ބޮޑު ތާއީދެއް ފެނިގެން ދިޔަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ގެނައި ފަދަ ތަރައްގީގެ އިތުރު ދައުރަކަށް ވޯޓު ދިނުމަށް އެދިވަޑައިގެން މުއިއްޒު ރަށްތަކުގައި ހުންނަވައި ފާހަގަކުރެއްވީ މި ސަރުކާރުން ވެފައިވާ އިހުމާލުތަކެވެ. އަދި ވެރިކަމަށް އައުމަށް ވީ ވައުދުތަކާއި ގާތަށް ވެސް، ބަދަލު ގެނެސްދެވިފައި ނުވާކަން ފާހަގަކުރި އެވެ.

ކެމްޕެއިނުގެ ދަތުރު އެންމެ ފުރަތަމަ ހދ. ހަނިމާދޫއިން ފެއްޓެވިއިރު އެ ރަށުން މުއިއްޒާއި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕަށް ކިޔާފައި ވަނީ ހޫނު މަރުހަބާއެކެވެ.

ރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކައިގައި މުއިއްޒު ވިދާޅުވީ، ރަށްތަކަށް އަންނަން އޮތް އެއްވެސް ތަރައްގީއެއްގެ ހުރަހަކަށް ނުވާނެ ކަމަށެވެ. ނުވަތަ އެފަދަ މަޝްރޫއުއެއް ހުއްޓުވާލައި، ތަރައްގީއަށް ހުރަސްއެޅުން ފަދަ އެއްވެސް ކަމެއް ނުކުރައްވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިދިކޮޅަކީ ތަރައްގީގެ ފިކުރުކަން ފާހަގަކޮށް މުއިއްޒު ވިދާޅުވެފައި ވަނީ އެކަން ޕީޕީއެމްގެ ކުރީގެ ވެރިކަމުން ވެސް އެނގިގެންދާނެކަމަށާއި، ރައްޔިތުން ބޭނުން ވަނީ އެ ސްޕީޑުގެ ތަރައްގީ ކަމަށެވެ.

ހަނިމާދޫގެ މަޝްރޫއުތަކަށް އަލިއަޅުވާލައި މުއިއްޒު ވިދާޅުވެފައި ވަނީ، އެއާޕޯޓު ރަނގަޅު ގޮތުގައި ހިންގޭނަމަ ފައިދާވާނެ ކަމަށެވެ. އޭގެ ތެރޭގައި މިހާރަށް ވުރެ ފުރުސަތު ބޮޑު ވަޒީފާތައް އުފެދި، ވިޔަފާރި ކުރިއެރުވޭނެ ކަމަށެވެ.

“ރަށުގައި އެއާޕޯޓުގެ މަސައްކަތް ހިނގާ އެބަ.. އެކަން ރަނގަޅަށް ގެންދެވޭނަމަ ރަށަށް ފައިދާވާ ގޮތަށް ގެންދެވޭނަމަ ފައިދާ ވާނެ.. ޕްރޮޖެކްޓުގެ ތެރެއިން ގެނެވޭ ތަކެއްޗަކީ މި ރަށުގައި ލިވޭ އެއްޗެހިކަމަށް ވާނަމަ މި ރަށުން އެ ސޯސް ކުރެވޭ ގޮތަށް ކަންކަން ވާނަމަ ރަށަށް ފައިދާ ވާނެ.”

މުއިއްޒު ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް ކުރިޔަށް ދާއިރު، އެކަމުގައި ރަނގަޅު ޕްލޭނެއް އޮތްކަމަށް ނުބެލެވޭ ކަމަށެވެ. އަދި އޭގެ ނަތީޖާއަކީ އާމްދަނީ ރަނގަޅު، ޒުވާނުންނަށް ރަނގަޅު ފުރުސަތުތައް ލިބޭނެ ފަޒީފާތައް ނެތުންކަމަށެވެ.

އެއާޕޯޓަށް ގެނެވެން އޮތް ހައްލެއްގެ ގޮތުގައި މުއިއްޒު ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ވެރިކަމެކެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ތަރައްގީ ސާބިތުކޮށް ދިނުމުން، އެކަމަށް ލޯބި ކުރާ އެތައް ރައްޔިތުންނެއް އުފަންވެގެން އައިކަމަށް މުއިއްޒު ވިދާޅުވި އެވެ.

މި ދަތުރުގެ ތެރެއިން ނޮޅިވަރަމަށް ވަޑައިގަތުމުން އެ ރަށުން ވެސް މުއިއްޒަށް ހޫނު މަރުހަބާއެއް ކިއެވެ. ރަށުގެ ރައްޔިތުންނާއި އެކު އޮތް ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، ކުޅުފުއްފިށި ފިޔަވައި އާބާދީ އެންމެ ބޮޑު ރަށަކީ އެ އަތޮޅުގައި ނޮޅިވަރަމް ނަމަވެސް ސަރުކާރުން އެކަމަށް ސަމާލުކަން ދިންކަމަށް ބަލާލި އެއްވެސް ދިމާލަކުން ފެންނަން ނެތް ކަމަށެވެ.

ސަރުކާރުން ތަރައްގީ ގެނައުމުގައި ނޮޅިވަރަމް އިސްތިސްނާވާން ޖެހޭ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކޮށް މުއިއްޒު ވިދާޅުވެފައި ވަނީ، ރަށުގެ ރައްޔިތުންގެ ޝަކުވާތަކުން ވެސް ސަރުކާރުގެ އިންތިހާ އިހުމާލު ޔަގީން ކުރެވޭ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، ނޮޅިވަރަމްގެ މަގުތަކުގެ ހާލަތު ވަރަށް ގޯސްކަމަށެވެ. އެކަމަކު އެ އަތޮޅުގެ އެހެން ބައެއް ރަށްތަކުގައި ސަރުކާރުން އެ މަޝްރޫއުތައް ނުވަތަ ޕްރޮޖެކްޓުތައް އިއުލާނުކޮށް މަސައްކަތް ކުރިޔަށް ގެންދާއިރު މުއިއްޒު ފާހަގަކުރެއްވީ ސަރުކާރުގެ ބައެއް ސިޔާސަތުތަކުގެ ސަބަބުން ތަރައްގީގެ ތަރުތީބު އޮޅުމެވެ. އެހެންވެ މުއިއްޒު ވައުދުވީ، އިދިކޮޅުގެ ސަރުކާރެއްގައި ނޮޅިވަރަމްގެ ހުރިހާ މަގެއްގައި ވެސް ތާރު އަޅައި ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމަށެވެ.

މުއިއްޒު ވިދާޅުވީ ނޮޅިވަރަމްގައި އެންމެ ފަހުން ބަނދަރުގެ މަސައްކަތްތައް ކުރިޔަށް ދިޔައީ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށެވެ. އެކަމަކު ހާލަތާއި، އިގްތިސާދު އަދި މޫސުމަށް އަންނަ ބަދަލުތަކަށް ބަލައި ތަރައްގީ ފުޅާ ކުރެވެން ޖެހޭކަމަށް މުއިއްޒު ވިދާޅުވި އެވެ.

ރައްޔިތުންނަށް މުއިއްޒު ދެއްވި ޔަގީންކަމަކީ، ނޮޅިވަރަމްގައި އެނާގެ ސަރުކާރެއްގައި ބަނދަރު ބޮޑު ކުރުމާއި، ނެރަށް ގެނަން ޖެހިފައިވާ ބަދަލު ގެންނަވާނެކަމެވެ. ނޮޅިވަރަމަށް މުއިއްޒު ވީ ވައުދުތަކުގެ ތެރޭގައި ހިމެނެނީ އޭޓީއެމް އަޅައިދިނުމާއި، ދަނޑުވެރިކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދިނުން، އަދި ބޭސްފަރުވާގެ ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް ހޮސްޕިޓަލެއް ތަރައްގީ ކުރުމާއި، ޒަމާނީ ވަސީލަތްތަކާއި ފަހުގެ ޓެކްނޮލޮޖީ ހިމެނޭހެން ސްކޫލު ތަރައްގީ ކުރުމެވެ.

މި ދަތުރުފުޅުގެ ތެރެއިން މުއިއްޒު ކުޅުދުއްފުށިއަށް ވެސް ވަޑައިގެންނެވިއިރު، ބޮޑު އާބާދީއެއް އޮތް އެ ރަށުން ވެސް ގިނަ ބަޔަކު މަރުހަބާ ކިޔަން ނިކުތެވެ. އެއަށް ފަހު އެރޭ އެރަށުގައި ބޭއްވި ބޮޑު ޖަލްސާގައި ދެއްކެވި ވާހަކައިގައި މުއިއްޒު ވިދާޅުވީ، ސިޓީއެއްގެ ދަރަޖަ ދީފައިވާ ކުޅުދުއްފުއްޓަށް ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ބޭނުންވާ ކަމަށެވެ. އެއީ ކޮންމެ ރައްޔިތެއް ވެސް އަސާސީ ހައްގެއްކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ، ސަރުކާރަކުން އެންމެ ސަމާލުކަން ދޭން ޖެހޭފަދަ ދާއިރާތަކަކީ މިއީ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމަކީ ހަމައެކަނި ގޯތި ދޫކޮށް، ފްލެޓުތައް އަޅައި ދޫކޮށްލުން ނޫން ކަމަށެވެ. ގޯތި ދިނުމަކުން ހަމައެކަނި ނުނިމޭކަމަށާއި، އޭގެ ބަދަލުގައި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރަން ޖެހޭނީ އެއަށް ވުރެ މައްޗަށްކަމުގައި މުއިއްޒު ވިދާޅުވި އެވެ.

އިދިކޮޅު ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ހއ. ދިއްދޫއަށް ވަޑައިގަތުން/ ފޮޓޯ: ވަގުތު

ހައްލެއްގެ ގޮތުގައި މުއިއްޒު ފާހަގަކުރީ، ބޭންކިން ނިޒާމުގެ ތެރެއިން ދެމެހެއްޓެނިވި ގޮތަކަށް އިންތިޒާމުތައް ހަމަޖައްސައި ލޯނުތައް ދޫކުރުމެވެ. އަދި އަތް ފޯރާފަށުގައި އެފޯޑަބަލް ހައުސިން ލޯނު ލިބޭ ގޮތަށް ސިޔާސަތުތައް އެކުލަވާލުމެވެ. އެހެންކަމުން އިދިކޮޅުގެ ސަރުކާރެއްގައި އެފަދަ ހުރިހާ ސިޔާސަތެއް ލިޔެވި، ތަންފީޒު ކުރައްވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އިންޓްރެސްޓު ރޭޓާއި އެކު، އިކުއިޒިޝަން ފީ ވެސް އަތް ފޯރާފަށުގައި ހުރުން މުހިންމު ކަމަށެވެ. އަދި ވަކި ޝަރުތުތަކެއްގެ ދަށުން ލޯނުތައް ލިބޭނެ ގޮތް އޮތުމާއި އެކު، އެހެނިހެން އެހީތައް ފޯރުކޮށްދޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

މީގެއިތުރުން މުއިއްޒު ވިދާޅުވީ ބައެއް އާންމުން ގެތަކުގެ މަސައްކަތް ފެށުމަށް ފަހު ވަކި ހިސާބަކުން، މާލީ ދަތިތަކާއި ހެދި އެ މަސައްކަތް ހުއްޓާލާ ކަމަށެވެ. އެހެންވެ އެކަމުގެ ހައްލު ވެސް ދައްކަވައި މުއިއްޒު ވިދާޅުވީ، އެގޮތަށް ދިމާވެފައިވާ ފަރާތްތަކަސް ވެސް އެހީތެރިކަން ލިބޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުގެ ބަޖެޓުން ވަކި އަދަދެއް އެޗްޑީއެފްސީގައި އޮންނަ ސަރުކާރުގެ ބަޖެޓުން ފައިސާ ލާފައިވާ ފަންޑު ބޮޑުކޮށް އެ ފަންޑުގެ ތެރެއިން، މިފަދަ ރަށްތަކާއި ސިޓީތަކުގައި ގެދޮރު އެޅުމަށްޓަކައި ލުއި ލޯނުގެ މެކޭނިޒަމް ގާއިމު ކުރައްވާނެ ކަމަށެވެ.

ރަށްތަކަށް ވީވައުދުތަކުގެ ތެރެއިން ދެން ފާހަގަކުރެވެނީ، ކޭލަކުނު ފަތުރުވެރިކަމަށް ހާއްސަ ކުރުމެވެ. އެގޮތުން ކުޅުދުއްފުއްޓާއި ކައިރީގައި އޮތް ކޭލަކުނުން މަންފާ ލިބެން ޖެހޭއިރު މުއިއްޒު ވިދާޅުވީ ރަށުގައި އޮތް ކުޅިތަކާއި އަދި ގުދުރަތީ ރީތިކަން ހިމާޔަތްކޮށްގެން އެ ރަށަކީ އަތޮޅަށް ފައިދާކުރާނެ އީކޯ ޓޫރިޒަމް މަޝްރޫއު ހިންގޭނެ ރަށަކަށް ހައްދަވާނެ ކަމަށެވެ.

މީގެއިތުރުން މަކުނުދޫގެ ރައްޔިތުންނަށް މުއިއްޒު ވިދާޅުވެފައި ވަނީ، އެ ދާއިރާގެ އެއާޕޯޓުގެ މަސައްކަތް ކުރިޔަށް ދަނީ ރައްޔިތުން ބޭނުންވާ ގޮތަށް ނޫންކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އެހެންކަމުން އޭނާގެ ސަރުކާރެއްގައި ރައްޔިތުން އެދޭ ގޮތަކަށް އެ މަޝްރޫއު ބަދަލު ކުރައްވާނެކަމަށް މުއިއްޒު ވައުދުވި އެވެ.

މުއިއްޒު ވިދާޅުވީ މިހާރު މަޝްރޫއު ކުރިޔަށްދާގޮތުން، އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތައް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ސަރުކާރުން ރައްޔިތުންގެ ބަސް ނާހައި، މަޝްރޫއު ކުރިޔަށް ގެންދާތީ އެކަމާ ކަންބޮޑުވެ، ހައިރާންވާކަމަށް މުއިއްޒު ވިދާޅުވި އެވެ.

ބައެއް ރަށްތަކުގެ ބިން ހިއްކައި، އެއާޕޯޓު އަޅަނީ މުއިއްޒު ވިދާޅުވި ގޮތުގައި އަމިއްލަ އެޖެންޑާއެއް ވެސް އޮވެގެންނެވެ. ރަށްތަކަށް ފައިދާ ނުވަނީ އެ ސަބަބާއި ހުރެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ދަތުރުގައި މުއިއްޒު ދެން ވައުދުވެފައި ވަނީ، ހއ. އިހަވަންދޫ އާއި، ދިގުފަރު ސިނާއީ މަސައްކަތް ކުރެވޭ ގޮތަށް ގުޅުވާލުމަށެވެ. އާބާދީ ކުޑަވުމުން ސަރުކާރުން މަޝްރޫއުތައް ނުހިންގައި އިހުމާލުވާއިރު މުއިއްޒު ވިދާޅުވީ 4000 އެއްހާ މީހުން ދިރިއުޅޭ އިހަވަންދޫގެ ރައްޔިތުންގެ ހުރ ކަންބޮޑުވުންތައް ވަރަށް ގިނަ ކަމަށެވެ. އެގޮތުން ރަށުގައި ކުނި މެނޭޖު ކުރެވޭނެ ގޮތެއް ނެތި، ކުނީގެ މައްސަލަ ހައްލުވެފައި ނުވާއިރު މަސްވެރިކަން ވެސް ކުރިނާރާކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ރައްޔިތުން އެދޭގޮތަށް މަސްވެރިކަން ކޮޅަށްޖަހައި، ދިގުފަރު ހިއްކައި ރައްޔިތުން އެދޭގޮތަށް، ރަށުގައި ސިނާއީ މަސައްކަތް ކުރެވޭނެ ގޮތް ހަމަޖައްސަވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ހއ. ހދ ގެ ކެމްޕެއިން ނިންމަވާލެއްވިއިރު މުއިއްޒު ވަނީ ބިން ހިއްކައި ދިއްދޫގައި އެއާޕޯޓެއް އެޅުމަށް ވައުދުވެވަޑައިގެންފަ އެވެ. މިއީ އަބަދުވެސް އެ ރަށުގެ ރައްޔިތުން ދެކެމުން އައި ހުވަފެނެއްކަމަށާއި، ބިންހިއްކައި އެއާޕޯޓު އެޅުމަކީ އުނދަގޫ މަސައްކަތަކަށް ނުވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ކެމްޕެއިން ނިންމަވާލެއްވި އިރު މުއިއްޒުގެ ވާހަކައިން އެންމެ ބޮޑަށް ފާހަގަކުރެވުނީ ހާއްސަ އިސްކަމެއް ދޭނެ ދާއިރާތަކުގެ ތެރޭގައި ބޯހިޔާވަހިކަމާއި، އެއްވެސް ރައްޔިތުންތަކެއް ބާކީ ނުވާގޮތަށް ހިދުމަތް ދެވޭނެކަމެވެ.

ހއ. ހދ ގެ ކެމްޕެއިން ނިންމަވާލެއްވިއިރު މުއިއްޒު ވަނީ ބިން ހިއްކައި ދިއްދޫގައި އެއާޕޯޓެއް އެޅުމަށް ވައުދުވެވަޑައިގެންފަ އެވެ. މިއީ އަބަދުވެސް އެ ރަށުގެ ރައްޔިތުން ދެކެމުން އައި ހުވަފެނެއްކަމަށާއި، ބިންހިއްކައި އެއާޕޯޓު އެޅުމަކީ އުނދަގޫ މަސައްކަތަކަށް ނުވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ. ދަތުރުގައި އެންމެ ބޮޑަށް މުއިއްޒުގެ ވާހަކައިން އެންމެ ބޮޑަށް ފާހަގަކުރެވުނީ ހާއްސަ އިސްކަމެއް ދޭނެ ދާއިރާތަކުގެ ތެރޭގައި ބޯހިޔާވަހިކަމާއި، އެއްވެސް ރައްޔިތުންތަކެއް ބާކީ ނުވާގޮތަށް ހިދުމަތް ދެވޭނެކަމެވެ. މުޢިއްޒު ވިދާޅުވީ ތަރައްގީ ގެނެސްދޭނީ ތަރަގީގެ ފިކުރުގެ މީހުން ކަމަށެވެ. މިއާއިއެކު ވިދާޅުވީ އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ތަރައްގީ ހާސިލްކޮށްދެއްވާނެ ކަމަށެވެ. އަދި އެހެން ރަށްތަކަކީވެސް އެއީ އާބާދީގެ ގޮތުން އެކި އަދަދުތަކުގެ މީހުންއުޅެ ރަށްތައް ވިޔަސް ހަމަހަމަ ރައްޔިތުން ކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ރައްޔިތުން ކަމަށްވާއިރު، ކޮންމެ ރަށެއްގައި އުޅުންނަމަވެސް އެރަށަކަށް ބޭނުންވާ ކަންތައްތައް ހާސިލްކޮށްދެވެންވާނެކަމަށެވެ.

ތަކުރާރުކޮށް މުއިއްޒު ވިދާޅުވީ ރައްޔިތުންނަކީ ހަމަހަމަ ބައެއް ކަމާއި، ދިވެހި ރާއްޖޭގެ ހުރިހާ ރަށެއްގައި އުޅޭ ހުރިހާ ދިވެހި ރައްޔިތުންނަކީ ވެސް އެ ރައްޔިތުންނަށްޓަކާ ސަރުކާރުން ކަންކަން ފަހިކޮށްދޭން ޖެހޭނެ ބައެއްކަމަށެވެ.

2023 ގެ ރިޔާސީ އިންތިހާބުގެ އަތޮޅު ތެރޭ ކެމްޕެއިން ބައްދަލުވުންތަކުގައި މުއިއްޒު ގެންދަވަނީ ސިޔާސަތުތަކާއި ގުޅުން ހުރި ވައުދުތައް ވެވަޑައިގަންނަވަމުންނެވެ. އަދި ދާއިރާތަކުގެ ރައްޔިތުން ހުށަހަޅާފައިވާ ކަންބޮޑުވުންތައް، ހައްލު ގެނެސްދޭނެކަމަށް ވައުދުވެވަޑައިގަތެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގައި އަދިވެސް އޮތީ އެންމެ ރަނގަޅު އެކަށީގެންވާ ހާލަތެއްގައި ނޫން ކަމަށެވެ. ބޭސްފަރުވާއަށް ރާއްޖޭގެ ރަށްތަކުގެ ރައްޔިތުން ޖެހިގެން އޮތް އަތޮޅަށް ގަދަ ކަނޑެއްގައި ދަތުރުކޮށްފައި ހަފްތާއަކު އެއްފަހަރު ދާން ޖެހުން އެއީ އިންސާފެއް ނޫންކަމަށް މުއިއްޒު ވިދާޅުވި އެވެ. މިފަދަ އަސާސީ އެއްވެސް ހިދުމަތަކީ އެއީ ރައްޔިތުން ސަލާން ޖަހައި އާދޭސް ކުރަން ޖެހޭ ހިދުމަތަކަށް ވުރެ ބޮޑަށް ސަރުކާރުން ހަރުދަނާކަމާއި އެކު ފޯރުކޮށްދޭން ޖެހޭ ނިޒާމެއްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރައްޔިތުން ބޭސްފަރުވާއަށް ސަލާން ޖަހަން ނުޖެހޭނެކަމަށާއި، ބޮޑު ހޭދައެއްކޮށް ކުރަން ޖެހޭ ސިއްހީ ސިރިއަސް ފަރުވާތަކަށް އާއިލާއަށް އިތުރު ތަކުލީފެއް ނުޖައްސައި ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން މުއިއްޒު ފާހަގަކުރެއްވީ ރާއްޖޭގައި ތެލެސީމިއާ ކުދިން ގިނަ އިރު އެ ކުދިންގެ ފަރުވާ ހަރުދަނާ ގޮތެއްގައި ހަމަޖެއްސުމުގެ މުހިންމުކަމެވެ. އެއާއި އެކު ދެން މުއިއްޒު ވިދާޅުވީ ރައީށް ޔާމީންގެ ސަރުކާރުގައި ޒަކާތު ފަންޑުގެ ތެރެއިން ބޯންމެރޯ ޓްރާންސްޕްލާންޓުގެ ހިދުމަތް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުރެވުނު ކަމަށެވެ.

ތެލެސީމިއާ ކުދިންނަށް ރައީސް ޔާމިންގެ ދައުރުގައި ޒަކާތު ފަންޑު ތެރެއިން ބޯންމެރޯ ހަދައިދެއްވި…. އެހެންވީމާ އަޅުގަނޑުމެންގެ ސަރުކާރެއްގައި ނިޒާމުގެ ތެރެއިން ސަރުކާރުގެ ހިލޭ އެހީގައި މި ރަށުގައި ހުރި ތެލެސީމިއާ ކުއްޖާއަށް ވެސް ބޯންމެރޯ ކަންތައް ހަމަޖައްސައިދޭނަން….

ހއ. ހދ. ދަތުރުގައި ބައެއް ރައްޔިތުން މުއިއްޒަށް ހުށަހެޅުއްވި ކަންތަކުގެ ތެރޭގައި، އެ ސްކީމް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުން ހިމެނެ އެވެ. މުއިއްޒު ވިދާޅުވީ ކުރީގައި މަސައްކަތް ކުރެވުނު ގޮތަށް، އެ ސްކީމް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ނިޒާމުގެ ތެރެއިން އެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށެވެ.

މުއިއްޒު ވަނީ ސިޔާސީ ކުލަތަކެއް ޖެހިފައިވާކަމުގެ ޝަކުވާ އޮތް ފުލުހުންނާއި، ސިފައިންގެ މުވައްސަސާ ނުފޫޒުން ސަލާމަތް ކުރުމަށް ވައުދުވެވަޑައިގެންފަ އެވެ. މިހާރު ފެނިގެންދަނީ ފުލުހުންނާއި ސިފައިންގެ މުއައްސަސާއަށް އިންތިހާއަށް ސިޔާސީ ނުފޫޒު ފޯރާފައިވާ މަންޒަރުކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ދިވެހިންގެ ފަޚުރު ކަމުގައިވާ އެ ދެ މުއައްސަސާގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމަށާއި، އެ ދެ މުއައްސަސާގެ ފަޚުރުވެރިކަން އަނބުރާ އިޔާދަ ކޮށްދޭނެ ކަމަށެވެ. އެގޮތުން އިންތިހާބު ވެވަޑައިގެންފިނަމަ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެންވެސް ފުލުހުންގެ މުއައްސަސާ އާއި ސިފައިންގެ މުއައްސަސާ އިރާދަކުރެއްވިއްޔާ ސިޔާސީ ނުފޫޒުން އެއްކިބާ ކޮށްދޭނެ ކަމަށް މުއިއްޒު ވައުދުވެ ވަޑައިގެންނެވިއެވެ.

އަޅުގަނޑުމެންނަށް ފެނިގެންމިދަނީ ފުލުހުންގެ މުއައްސަސާއާއި ސިފައިންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ފޯރުވުން މިހާރު އިންތިހާއަށް ގޮސްފައިވާތަން. އެކަމުގެ ސަބަބުން އެ ދެ މުއައްސަސާގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތް އެބަކުރޭ އަޅުގަނޑުމެންގެ ފަޚުރު އެ ދެ މުއައްސަސާ އަކީ. އެހެންވީމާ އަޅުގަނޑުދޭ ޔަޤީންކަމަކީ އެ ދެ މުއައްސަސާގެ ފަޚުރުވެރިކަން އަނބުރާ އިޔާދަ ކޮށްދޭނެވާހަކަ. އެ ދެ މުއައްސަސާ ސިޔާސީ ނުފޫޒުން އެއްކިބާކޮށްދޭން ކުރެވެންހުރި ހުރިހާ ކަމެއް ކުރަނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އެ ދެ މުއައްސަސާއަށް އަރުވަން. ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެންވެސް ފުލުހުންގެ މުއައްސަސާ އާއި ސިފައިންގެ މުއައްސަސާ އިރާދަކުރެއްވިއްޔާ ސިޔާސީ ނުފޫޒުން އެއްކިބާ ކޮށްދޭނަން.

މިއާއިއެކު މުއިއްޒު ވިދާޅުވީ މިނިވަން ކަމާއެކީގައި ދިވެހި ޤައުމަށް ޚިދުމަތް ކުރުމުގެ ފުރުސަތު ސިފައިންނާއި ފުލުހުންނަށް ހޯދައި ދެއްވާނެ ކަމަށާއި، ބޭރު ގަޤައުމެއްގެ އަޅުވެތިކަމަށް ބާރު ދޫކޮށްލަން ޖެހޭ އެއްވެސް ކަހަލަ ނުފޫޒެއް ހިންގުމުގެ ޖާގައެއް އެ ދެ މުއައްސަސާއަށް ކުރިމަތިވިޔަކަ ނުދޭނެ ކަމުގެ ޔަގީންކަން ވެސް އަރުވާފައެވެ.

މިނިވަން ކަމާއެކީގައި ދިވެހި ޤައުމަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ސިފައިންނާއި ފުލުހުންނަށް އިރާދަކުރެއްވިއްޔާ ހޯދައިދޭނަން. ބޭރު ޤައުމެއްގެ އަޅުވެތިކަމަށް ބާރު ދޫކޮށްލަންޖެހޭ އެއްވެސް ކަހަލަ ނުފޫޒެއް ހިންގުމުގެ ޖާގައެއް އިރާދަކުރެއްވިއްޔާ އެ ދެ މުއައްސަސާއަށް ކުރިމަތިވިޔަކަ ނުދޭނަން

މުއިއްޒު އިތުރަށް ވިދާޅުވީ ދިވެހީންނަށް ވީތީ އަމިއްލަ ވަތަނީ ޒިންމާ އަދާކުރަންޖެހޭ ކަމަށާއި، އެ ޒިންމާ އޮތީ މިއަދު ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ. އެހެންކަމުން ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި މިކަމަށް ވިސްނާ ދިވެހި ރައްޔިތުން މުއިއްޒަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: