2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހޮވައިދެއްވައިފި ނަމަ ދ. މާއެނބޫދޫގެ ބިން ހިއްކުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
ކެމްޕޭނަށް ދ. އަތޮޅުގައި މިވަގުތު ހުންނެވި މުއިއްޒު މާއެނބޫދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވިދާޅުވީ އެއްވެސް ރަށަކީ އެއީ ތަރައްގީން ބާކީވެ އެކަހެރިވެވަފައި އޮންނަން ޖެހޭ ރަށެއް ނޫން ކަމަށެވެ. އަސާސީ ހިދުމަތަކަށް ރައްޔިތުން ސަލާމް ޖަހަން ޖެހުމަކީ އެއީ، ސަރުކާރެއް ފެއިލްވެފައިވާކަމުގެ ހެއްކެއްކަމަށް މުއިއްޒު ވިދާޅުވި އެވެ.
ވެރިކަމަށް ހޮވިވަޑައިގެންފި ނަމަ، މާއެނބޫދޫގެ 30 ހެކްޓަރުގެ ބިން ހިއްކުމަށް ވައުދުވެ މުއިއްޒު ވިދާޅުވީ، އެ މަޝްރޫއު ދައުރު ފެށުމާއި އެކު ޕްރޮޖެޖްޓު ތަންފީޒު ކުރެވި މަސައްކަތް ފެށިގެންދާނެ އެވެ.
މުއިއްޒު ވިދާޅުވީ، ރަށްތަކުގެ ޕްރޮޖެކްޓުތައް އިންތިހާބާއި ކައިރިކޮށް، ނުވަތަ ދައުރު ނިމެން މަދު ދުވަހަކށް ވުމުން އިއުލާނު ކުރުމަކީ އިހުލާސްތެރިކަމުގެ ސިފައެއް ނޫން ކަމަށެވެ. އެކަންކަން ކުރަން ޖެހޭނީ ރައްޔިތުންގެ އަޑުއަހައި، ހުރި ކަންބޮޑުވުންތައް ހައްލު ކުރުމުގެ ނިޔަތުގައިކަމަށް މުއިއްޒު ވިދާޅުވި އެވެ. ރައްޔިތުންގެ އެއްބާރުލުމާއި، ތާއީދު ލިބޭނީ އޭރުންކަމަށް މުއިއްޒު ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުން ވެސް ނިންމަވާލައްވަމުން މުއިއްޒު ވިދާޅުވީ، އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް ނުހައްގުން އިއްވާފައިވާ ޖަލު ހުކުމަށް އެއްހާހަށް ވުރެ ގިނަ ދުވަސްވީކަމަށާއި، މި ވެރިކަން ނިންމަން ޖެހޭ ސަބަބުތަކުގެ ތެރޭގައި އެމަނިކުފާނު މިނިވަން ކުރުން ހިމެނޭ ކަމަށެވެ. އަދި ވެރިކަން ލިބި އެންމެ ފުރަތަމަ ދުވަހު ވެސް ކުރައްވާނެކަމަކީ ރައީސް ޔާމީން މިނިވަން ކުރުންކަމަށް ވަނީ ވިދާޅުވެފަ އެވެ.

