ރާއްޖޭގައި ރޯ މަސް ގަންނަ އެންމެ ދަށް އަގު 20 ރުފިޔާއަށް ހައްދަވާނެކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވެރިކަމަށް އައުމަށް ސިޔާސީ ޕާޓީތަކުން އެންމެ ބޮޑު ވައުދެއް ވަނީ މަސްވެރިންނަށެވެ. އޭގެ ތެރޭގައި މަހުގެ އަގާއި ގުޅުން ހުރި ވައުދުތަކާއި، މަސްވެރިންނަށް އައިސް ހޯދުމުގައި ދަތިވާތީ އެކަމަށް ގެންނާނެކަމަށް ބުނާ ހައްލުގެ އިތުރުން މަސް ނުކިރުވި ލަސްވާތީ އެކަމަށް ވެސް ވައުދުތައްވެފައި ވެއެވެ. އޭގެ ތެރޭގައި މި ސަރުކާރުން ވެސް ވެރިކަމަށް އައުމަށް ވީ ވައުދުތައް ހިމެނެ އެވެ.
ރިޔާސީ ކެމްޕެއިނުގައި މިއަދު މ. ދިއްގަރަށް ވަޑައިގެން މުއިއްޒު ވިދާޅުވީ މަސްވެރިކަމާއި ގުޅުން ހުރި ހަރުދަނާ ސިޔާސަތުތައް ރާއްޖެއަށް ބޭނުންވާ ކަމަށެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި މަސް ގަންނަން ހުންނަ އަގުތަކަށް ރިއާޔަތްކޮށް މުއިއްޒު ވިދާޅުވީ ރާއްޖޭގައި ރޯ މަސް ގަންނަ އެންމެ ދަށް އަގަކީ 20 ރުފިޔާކަމަށް ހަމަޖައްސަވާނެކަމަށެވެ.
އެކަމަކު މި އުސޫލާއި އެކު މުއިއްޒު ވިދާޅުވި ގޮތުގައި، މަސް ކުންފުނި މިފްކޯއަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހެ އެވެ. އަދި އެއި އިހުލާސްތެރިކަމާއި އެކު މަސައްކަތްކޮށްފި ނަމަ ކާމިޔާބު ވާނެ ޕްލޭނެއްކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އަސާސީ މިފަދަ އެކި ސިޔާސަތުތަކުން ފައިދާ ވާނީ މުޅި އަތޮޅާއި ރައްޔިތުންނަށެވެ.
ކެމްޕެއިނުގައި މުއިއްޒު ވަނީ ބޯހިޔާވަހިކަމާއި، ތައުލީމު އަދި ސިއްހަތާއި ގުޅުން ހުރި ވައުދުތައް ހާމަކުރައްވާފަ އެވެ. ކެމްޕެއިން ދަތުރުގައި މުއިއްޒު ގޮވާލާފައި ވަނީ ވޯޓުލާއިރު ގައުމާއި މެދު ވިސްނުމަށެވެ. އަދި ގައުމަށް ތަރައްގީ ގެނެވޭނެ ބަޔަކީ ކޮބައިކަން ރައްޔިތުންނަށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުން ވެސް އެނގި ސާފުވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ފަސް އަހަރަށް އިޝާރާތް ކުރައްވައި މުއިއްޒު ވިދާޅުވީ، ދިވެހި ރައްޔިތުން ތަރައްގީއަށް ލޯބި ޖެއްސި ރައީސަކީ އެއީ ކަމަށެވެ.

