އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ އިފްތިތާހުކުރުން މި މަހުގެ 20 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުއިއްޒުގެ މެނިފެސްޓޯ ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައެވެ. އެމަނިކުފާނުގެ މެނިފެސްޓޯއަށް ދެވިފައިވާ ނަމަކީ ”ދިވެހީންގެރާއްޖެ“ އެވެ.
މެނިފެސްޓޯ ހިއްސާކުރުމަށް ކަނޑައެޅިފައިވާކަން އިދިކޮޅުން ހާމަކޮށްފައިވާއިރު، ޕާޓީގެ ކެންޑިޑޭޓު އަދި ރަނިންގްމޭޓުވެސް ދަނީ ދިވެހިރާއްޖޭގެ އެކި އަތޮޅުތަކުގެ ރަށްތަކަށް ދަތުރުކުރައްވައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ. މި ހަރަކާތްތަކުގެ ތެރެއިން ޑރ މުއިއްޒުވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ރައްޔިތުންނަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ބައެއް ކަންކަމާއި ވެރިކަން ކުރައްވާނެ ގޮތާއިމެދުވެސް ވާހަކަދައްކަވާފައެވެ.
އެގޮތުން އެމަނިކުފާނަކީ ތަރައްގީއަށް ހުރަހަކަށް ވެގެން ނުދާނެކަމަށް މުއިއްޒު ވިދާޅުވެފައިވާކަން ފާހަގަކުރެވެއެވެ. އަދި މަސްވެރިކަމުގެ ދާއިރާއަށް ކުރިއެރުންތައް ގެނެސްދިނުމުގެ މަގުސަދުގައި މަހުގެ އަގު ވަކި މިންގަނޑުތަކެއްގައި ހިފެހެއްޓުމަށްވެސް ވައުދުވެވަޑައިގެންފައިވާއިރު، ބައެއް ރަށްތަކުގައި ބިން ހިއްކުމުގެ މަޝްރޫޢުތަކާއި އެހެނިހެން މަސައްކަތްތައްވެސް ކޮށްދެއްވުމަށް ވައުދުވެވަޑައިގެންފައިވެއެވެ. މުއިއްޒުވަނީ ތެލެސީމިއާ ޕޭޝަންޓުންނަށް ބޯން މެރޯ ހޯދުމުގައި ލުއިތައް ގެނެސްދެއްވުމަށްވެސް ވައުދުވެވަޑައިގެންފައިކަމަށްވާއިރު، އެއްވެސް ރަށެއް އެކަހެރިވެގެން ނުދާނެކަމަށްވެސް ވިދާޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

