2023 ގެ ރިޔާސީ އިންތިހާބަށް އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި ދެކޮޅަށް އަޑުއުލަމުން ދަނިކޮށް ކ. ގުރައިދޫން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
އަތޮޅުތެރޭގެ ކެމްޕެއިނަށް ވ. އަތޮޅުގެ ރަށްތަކަށް ވަޑައިގަތުމަށް ފަހު މިރޭގެ ބޮޑު ޖަލްސާއަށް ގުރައިދޫއަށް މުއިއްޒު ވަޑައިގަތީ އިރުއޮއްސުނު ވަގުތު އެވެ. އެކަމަކު އޭގެ ކުރިން 5:30 ހާއިރު އެ ރަށުން ބަޔަކު ނިކުމެ ދިޔައީ މުއިއްޒާއި ދެކޮޅަށް އަޑުއުފުލަމުންނެވެ. އަދި ހަމަނުޖެހުންތައް ހިނގައި ބައެއް މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ވެފަ އެވެ.
ގުރައިދޫއަކީ މިހާތަނަށް މުއިއްޒު ވަޑައިގަތް ރަށްތަކުގެ ތެރެއިން އެންމެ ހޫނު މަރުހަބާއެއް ކީ އެއް ރަށަށް ވާނެ އެވެ. އިރުއޮއްސި 7 ޖެހުމާއިގާތްވެފައި ވަނިކޮށް މުއިއްޒު ދަތުރު ކުރެއްވި ލޯންޗު ރަށުގެ ފަޅުތެރެއަށް ވުނުމާއި އެކު އެންމެން އެއް އަޑަކުން ގޮވާލަމުން ދިޔައީ ”މުއިއްޒު އެއްބުރުން“ އެވެ. އެވަގުތު އަޑުގަދަ ކުރާ ބޭނުންކޮށްގެން އެމްޑީޕީން ގޮވާލަމުން ދިޔައީ ”ހޮޅި މުއިއްޒު“ އެވެ. އަދި އެގޮތަށް ލިޔެފައި ހުރި ޕޯސްޓަރުތައް ވެސް ހުއްޓެވެ. އެކަމަކު ޕީޕީއެމްގެ މެމްބަރުންގެ އަޑު، އެމްޑީޕީއަށް ވުރެ ގަދަ އެވެ.
ގުރައިދޫގެ ބަނދަރު ކައިރީގައި އެކި އުމުރުފުރައިގެ މީހުން މުއިއްޒަށް މަރުަހަބާ ކިޔައި ސަލާމް ކުރުމަށް ނިކުމެ ތިއްބެވެ.
މުއިއްޒު ވަޑައިގެންނެވި ވަގުތު ބަނދަރު މަތީން މަރުހަބާ ކީ ބައެއް މީހުން މައުލޫމާތު ދިން ގޮތުގައި، ހަމަނުޖެހުން އުފެއްދުމަށް އެމްޑީޕީއަށް ފުރުސަތު ދިނީ ފުލުހުންނެވެ. އަދި އެ ސަރަހައްދު ބަންދުކޮށް، އަވަސް ފިޔަވަޅު އެޅުމުގެ ބަދަލުގައި ފުލުހުން އެ މީހުންނަށް އެ ޖާގަ ދިންކަމަށް ވެސް ތުހުމަތު ކުރި އެވެ.

