ކެނެޑާގައި 200 އަށްވުރެ ގިނަ ވަކި އަލިފާންގަނޑުތަކެއް ހިފުމާއިއެކު އެތައް ހާސް ރައްޔިތަކަށް ގެދޮރު ދޫކޮށް ދާންޖެހިއްޖެއެވެ.
ރިޕޯޓުތަކުގައިވާގޮތުން، ކެނެޑާގެ ހުޅަނގު އުތުރު ސަރަހައްދުގައި ހިފާފައިވާ އަލިފާންގަނޑުތަކުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅެމުންދާ 20،000 އަށްވުރެ ގިނަ މީހުންނާއި އެހެންިހެން ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ވަނީ އެ އެހެނިހެން ސަރަހައްދުތަކަށް ދިއުމަށް އަންގާފައެވެ.
މީޑިއާތަކުން ބުނާގޮތުން އެ ގައުމުގެ ކަމާއި ބެހޭ ފަރާތްތަކުން އަލިފާން ނިއްވުމަށް ބުރަ މަސައްކަތްތައް ކުރަމުންދާއިރު، ކުރިމަތިލާންޖެހިފައިވަނީ ވަކި ވަކިން ރޯވެގެންދިޔަ 236 އަލިފާންގަނޑަކާއިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. އެ ގައުމުގައި މިވަގުތު އެއް ހާހަށްވުރެ ގިނަ ތަނެއްގައި އަލިފާން ރޯވެފައިވާކަމަށާއި މިއީ މިހާތަނަށް އެންމެ ގަދަޔަަށް ކެނެޑާގެ ރައްޔިތުނަށް އަލިފާން ރޯވުމުގެ ސަބަބުން ދަތިތަކާއި ކުރިމަތިލާންޖެހުނު ”މޫސުން“ ކަމަށް ބުނެފައިވެއެވެ.
ރިޕޯޓުތަކުގައިވާގޮތުން، ކެނެޑާގެ އެކި ސަރަހައްދުތަކުގައި ރޯވެފައިވާ އަލިފާންގަނޑުތަކުގެ ސަބަބުން އެމެރިކާއަށްވެސް ދުމުގެ އަސަރުތައް ފޯރާފައިވެއެވެ. އެހެންކަމުން ވައި ނުސާފުވުމުން އަދި ވައިގެ ކޮލިޓީ ދައްވެގެން ދިއުން ފަދަ މައްސަލަތައް އިތުރަށް ގޯސްވެފައިވާކަމަށް ބުނެފައިވެއެވެ.
އެ ސަރަހައްދުގައި މޭޔަރެއްގެ ގޮތުގައި ހަރަކާތްތެރިވާ މީހަކު މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން، 19،000 އަށްވުރެ ގިނަ މީހުންވަނީ އެހެން ސަރަހައްދުތަކަށް ބަދަލުކުރެވިފައެވެ. އަދި އެ މަސައްކަތްތައް ކާމިޔާބުކަމާއިއެކު ކުރެވިފައިވާކަމަށް ބުނެފައިވާކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.
ކެނަޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑައު ބުނެފައިވާގޮތުން، ސަރުކާރުންވަނީ އެ ސަރަަހައްދުގެ ރައްޔިތުން އެހެނިހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރުމަށް ގިނަ އަދަދެއްގެ އަސްކަރީ ވަސީލަތްތައް ފޯރުކޮށްދީފައެވެ. އެގޮތުން ވައިގެ މަގުން މީހުން ގެންދިއުމަށާއި އަލިފާން ނިއްވުމަށްވެސް ވަސީލަތްތައް ފޯރުވާފައިވާކަމަށް އޭނާ ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

