ތަރައްގީ ގެނެވޭނީ ތަރައްގީ ދަންނަ، އެކަން މީގެ ކުރިން ތަންފީޒު ކުރި ބަޔަކަށްކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ކެމްޕެއިނަށް އައްޑޫއަށް ވަޑައިގެން، މުއިއްޒު ވަނީ ރަށްތަކުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާފަ އެވެ. އެގޮތުން މަރަދޫގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، އާބާދީ ބޮޑު މި ރަށްތަކުން އިދިކޮޅަށް އޮތް ތާއީދު ފެނިގެން ދަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތަރައްގީ ގަބޫލު ކުރާތީ ކަމަށެވެ. އެކަން އަލުން ރައްޔިތުންނާއި ހަމައަށް ގެނެސް ދިނުމަށް އޮތް ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ގޮވާލައި މުއިއްޒު ވިދާޅުވީ ތަރައްގީ ގެނެވޭނީ ތަރައްގީ ދަންނަ، އެކަން މީގެ ކުރިން ތަންފީޒު ކުރި ބަޔަކަށް ކަމަށެވެ.
ބައެއް ސިޔާސަތުތަައް ހާމަކުރައްވައި މުއިއްޒު ވިިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުން ރަނގަޅު ފައިދާއަކާއި މަންފާ ލިބޭނެ މަގު ހަމަޖެއްސުމުގެ މެނިފެސްޓޯއެއް އެބައޮތް ކަމަށެވެ. އެކަމުގެ ތަފްސީލީ ހުރިހާ ވާހަކައެއް ހިމެނޭ ރިޕޯޓެއް މި ހަފްތާގެ ތެރޭގައި އާންމު ކުރުމަށް ހަމަޖެހިފައިވާކަމަށް މުއިއްޒު ވިދާޅުވި އެވެ.
ސިޔާސަތަކަށް ވާން ޖެހޭނީ މަސްވެރިންގެ ހައްގު މަގާމު ހޯދައިދިނުންކަމަށާއި، އެންމެ އިސްކަމެއް ދޭ އެއް ދާއިރާއަކީ އެއީކަމަށް ހިމެނީ އެ ސަބަބާއި ހުރެކަމަށް މުއިއްޒު ވިދާޅުވި އެވެ. މި މަސައްކަތް ކުރުމަށް މުއިއްޒު ވިދާޅުވި ގޮތުގައި މިފްކޯ ރަނގަޅު ގޮތުގައި ހިނގައި ފައިދާ ވާ ކުންފުންޏަކަށް ވާން ޖެހެ އެވެ.
މީގެއިތުރުން ދޯނިތަކަށް ބޭނުންވާ ތެޔޮ ފަސޭހަކަމާއި އެކު ލިބޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެކަމަށް ބޭނުން ވަނީ ރަނގަޅު ވިޔަފާރީގެ ވާދަވެރި މާހައުލެއްކަމަށްވުމާއި އެކު އެސްޓީއޯގެ ބާޒާރުގެ އަގުތަކަށް ގެންނަން ޖެހޭ ބަދަލުތައް މުއިއްޒު ފާހަގަ ކުރެއްވި އެވެ.
އަތޮޅުތެރެއަށް ގެންނަން ޖެހޭ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުރިއިރު، މުއިއްޒު ތަކުރާރު ވިދާޅުވީ މިކަން ކުރެވޭނެކަން ރައްޔިތުން ގަބޫލު ކުރާނެ ކަމަށެވެ. އަދި ގެދޮރު ބޭނުންވާ އެންމެނަށް ގެދޮރުގެ ހާއްސަ ސިޔާސަތުތަކާއި، ލޯނިން ސްކީމުތައް ބޭނުންވާއިރު ރަނގަޅަށް އަތުރާލެވިފައިވާ ޕްލޭނަކާއި އެކު އެ ސިޔާސަތު ތަންފީޒު ކުރާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.
ރިޔާސީ ކެމެޕެއިންގެ ޖަލްސާގައި މުއިއްޒު ވަނީ ރާއްޖޭގެ ރަށްތަކަށް ސަރުކާރުންވެފައިވާ އިހުމާލުތައް ފާހަގަކުރައްވައި، އެކަމަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ވައުދުތައް ވެފައި ވަނީ، އެ ތަންފީޒު ކުރާނެ ގޮތެއް ނޭނގި ތިބެކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
މީގެއިތުރުން ރަށްތަކަށް ތަރައްގީ ގެނައުމުގައި، ބައެއް ރަށްތައް ބާކިކޮށް އެ އަތޮޅުގެ އެހެން ރަށްތަކަށް ސަމާލުކަން ދޭތީ އެއީ ގޯހެއްކަމަށް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވެފައި ވަނީ އެއީ ތަރައްގީ ގެނައުމުގައި، ތަރުތީބު އޮޅުވާލުންކަމަށް ވާތީ އެވެ. ހުރިހާ ރަށްތަކަށް ވެސް ހަމަހަމަ އުސޫލުން ޕްރޮޖެކްޓުތައް ގެންނައިރު، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އެކަމުގައި ހޯދައި އެއާއި އެއްގޮތަށް އަމަލު ކުރަން ޖެހޭނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

